ކުޅިވަރު

ޓީމު މޮޅުކޮށްދޭން އެހީވިއަސް ބޭލްއަށް މަލާމާތް

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް ނުކުމެ ރެއާލް ސޮސިއެދާދުގެ މައްޗަށް 3-1 ން ރެއާލް މެޑްރިޑް މޮޅުކޮށްދޭން އެހީތެރިވި ނަމަވެސް ފޯވަޑް ގެރެތު ބޭލްއަށް ރެއާލްގެ ސަޕޯޓަރުންގެ މަލާމާތާ ފުރައްސާރަ އަމާޒުވެއްޖެ އެވެ.

ރޮޑްރީގޯ ހޮއިސްގެ ބަދަލުގައި ބޭލް ކުޅެން ނުކުތީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ. ބޭލް ދަނޑަށް ނުކުތް ހިސާބުން ރެއާލްގެ ސަޕޯޓަރުން އޭނާއަށް ނިސްބަތްކޮށް ތުބުންފުމެ މަލާމަތް ކުރަށް ފެށި އެވެ. އިންޓަނޭޝަނަލް ބުރޭކުގައި ވޭލްސް ޔޫރޯ އަށް ކޮލިފައި ވުމުން ވޭލްސްގެ ދިދަ ހިފައިގެން ނުކުމެ ބޭލް އާއި ވޭލްސްގެ އެހެން ކުޅުންތެރިން އުފާފާލު ކުރަމުން ދިޔައިރު ދިދައިގައި ޖަހާފައި ވަނީ ވޭލްސް، ގޮލްފް މެޑްރިޑެވެ. އަދި އެއީ ތަރުތީބު ކަމަށް ވެސް ލިޔެފައި ވެއެވެ.

އެކަމާ ހުރެ ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން ބޭލްއަށް މާލާމާތާއި ފުރައްސާރަ މެޗުގައި ދިޔައީ އަމާޒު ވަމުންނެވެ. ކުޅެން ނުކުމެ މޮޅު ކުޅުމެއް އޭނާ ދެއްކި އެވެ. ރެއާލްގެ ތިން ވަނަ ލަނޑު ލުކަ މޮޑްރިޗް ކާމިޔާބު ކުރިއިރު އެ ލަނޑުގައި ބޭލްގެ ބޮޑު ހިއްސާއެއް އޮތް ނަމަވެސް ސަޕޯޓަރުންގެ ތުނބުން ފުމުމާ ހަޅޭކުގެ އަޑުން ބޭލްއަށް ސަލަމާތެއް ނުވެވުނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ސޮސިއެދާދުންނެވެ. މެޗު ފެށިގެން 110 ވަނަ ސިކުންތުގައި އެ ޓީމުގެ ލަނޑު ވިލިއަން ހޯޒޭ ކާމިޔާބު ކުރީ ސާޖިއޯ ރޯމޯސްއަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.

ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މޮޑްރިޗް ނަގައިދިން ބޯޅައަކުން ކަރީމް ބެންޒެމާ އެވެ. ރެއާލްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޒުވާން މިޑްފީލްޑާ ފޭޑޭ ވަލްވާޑޭ އެވެ.