އެއީ އެ ކުދިންގެ ކިބައިގައި ހުންނަ މައްސަލަތައް އޯޓިސްޓިކް ފިރިހެން ކުދިންގެ ކިބައިގައި ހުންނަ މައްސަލަތަކާ ތަފާތުވާތީ އެވެ. އޯޓިޒަމްގެ އަސަރު ފިރިހެން ކުދިންނަށާއި އަންހެން ކުދިންނަށް ކުރާ ގޮތް ތަފާތެވެ. އަދި ފިރިހެން ކުދިންގެ ކިބައިން މި މައްސަލަ އަވަހަށް ފާހަގަކުރެވެން ފެށި ނަމަވެސް އަންހެން ކުދިންގެ ފަރާތުން އޯޓިޒަމް ބަލީގެ މައްސަލަތައް ފާހަގަވާން ފަށަނީ ލަހުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުން އޯޓިޒަމް އަށް އަންހެން ކުދިން ޑައިގްނޯސްކުރެވޭ އާންމު އުމުރަކީ ހަތަރެކެވެ. ނަމަވެސް ފިރިހެން ކުދިންގެ އުމުރުން ތިން އަހަރުގައި މި ބަލީގެ އަލާމަތްތައް އެ ކުދިންގެ ކިބައިން ފެނި ބައްޔަށް ޑައިގްނޯސްކުރެ އެވެ.
މިއީ ސިކުނޑީގެ ޑިސްއޯޑާއެކެވެ. އޭގެ ސަބަބުން މުއާމަލާތްކުރަން އުނދަގޫވެ އެހެން މީހުންނާ ގުޅިގެން އުޅުމަށް ނުވަތަ އެކުގައި އުޅުމަށް އުނދަގޫވެ އެވެ. އޯޓިޒަމް ހުންނަ މީހެއްގެ ސިކުނޑީގެ ބައިތައް އެކުގައި މަސައްކަތެއް ނުކުރާނެ އެވެ.
މި މައްސަލަ ސިކުނޑީގައި ހުންނަ މީހަކު ދެން ހުންނަ މީހަކާ މުއާމަލާތުކުރާ ނަމަ ނުވަތަ އެ މީހަކާ ކުރިމަތިލާ ނަމަ އެކަމުގައި ޖެހިލުންގެ މައްސަލަ ދިމާވާނެ އެވެ. ނަމަވެސް އޯޓިޒަމް ހުންނަކަން އާލީ ސްޓޭޖުގައި އެނގި ފަރުވާ ދެވިއްޖެ ނަމަ އެ މީހެއްގެ ފުލް ޕޮޓެންޝިއަލް އަށް ތަރައްގީކުރެވިދާނެ އެވެ.
ބެލެވޭ ގޮތުގައި މިއީ އާއިލާ ތެރެއިން ވާރުތަވާ މައްސަލައެކެވެ. ނަމަވެސް އާއިލީ އޯޓިޒަމްގެ ޒިންމާ ނަގާނެ ޖީންއެއް ހޯދުމަށް ސައިންސްވެރިންކުރަމުންދާ މަސައްކަތުގައި އަދިވެސް ކުރިއެރުމެއް ނުލިބެ އެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޯޓިޒަމްގެ މައްސަލަ ދިމާވަނީ ވެކްސިންގެ ސަބަބުންނެވެ. ނަމަވެސް ދިރާސާތަކުން އެފަދަ އެއްވެސް ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ. އަނެއްކޮޅުން ކުޑައިރު ކުއްޖާ އަށް ދެވޭ ވެކްސިނަކީ އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ވެކްސިންތަކެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
ވާހަކަ ދައްކަން ދަސްވުން އެހެން ކުދިންނަށް ވުރެ ލަސްވެފައި ވާހަކަ ދައްކަން ނުފަރިތަވުން. އަދި އެއްގޮތަކަށް ވެސް ވާހަކަ ނުދައްކައި އުޅުން މިއީ ވެސް އަލާމާތެކެވެ.
ބައެއް ކުދިން އެހެން ކުދިންނާ އެކު، އެއް އުމުރެއްގައި ވާހަކަ ދައްކަން ވެސް ފަށައިފާނެ އެވެ. މިހެން ވާހަކަ ދައްކަން ފަށާ ބައެއް ކުދިން ވަކި ހިސާބަކުން ވާހަކަ ދެއްކުން ހުއްޓާ ވެސް ލަ އެވެ.
އޯޓިޒަމް ހުންނަ ކުއްޖެއް ނަމަ އާންމުކޮށް ފާހަގަކުރެވޭނީ އަބަދު އެއްކަމެއްކުރަން އުޅޭ ތަނެވެ. އެކަމަކަށް ޝައުގުވެރިވެ އެއް ކުޅިވަރެއްގައި އުޅޭތަނެވެ. މިސާލަކަށް ވަކި ތަރުތީބަކުން އެއްޗެހިތައް އަތުރައިގެން އުޅުމެވެ. އަދި މި ތަރުތީބު ގެއްލުވާލުމުން ނިކަން ރުޅި ވެސް ގަދަވާނެ އެވެ.