އެމްއާރުއެމް

އެމްއާރުއެމް ރަޖިސްޓަރީ ކޮށްދީފި

މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީ ކޮށްދީފި އެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭން އީސީން މިމަހުގެ 20 ވަނަ ދުވަހު ނިންމާ މިއަދު ވަނީ އެ ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. އެ ރަޖިސްޓްރީއާ ޕާަޓީގެ ފަރާަތުން ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް ހަސަނެވެ.

އެމްއާރުއެމް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ، މި މަހުގެ އަށްވަނަ ދުވަހު މާލޭގައި ވަނީ ބާއްވައިފަ އެވެ. އެމްއާރުއެމްއިން ޖަލްސާ ބޭއްވީ ގާނޫނީ އަދަދު ހަމަނުކޮށް ކަމަށް ތުހުމަތުކުރި ނަމަވެސް، އީސީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެރޭ ބޭއްވި ޖަލްސާގައި އެމްއާރުއެމް ގެ ވަގުތީ ރައީސަކަށް ރައީސް މައުމޫން ވަނީ އިންތިހާބު ކޮށްފަ އެވެ.

އޭގެ އިތުރުން، އެމްއާރުއެމް އުފެއްދުމުގެ ގޮތުން އެ ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕް އިންތިހާބުކޮށް، ޕާޓީ ހިންގާނެ އަސާސީ ގަވާއިދު ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ ދިވެހި ނަމެއްގެ ގޮތުގައި "ދިވެހިންގެ އިސްލާހީ ހަރަކާތް" ކިޔަން ވަނީ ފާސްކޮށްފަ އެވެ.

ވަގުތީ ގޮތުން ޕާޓީ ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީ ކައުންސިލަށް 20 މެންބަރުން އިންތިހާބު ކުރި އެވެ. އެއީ ފިރިހެން 10 މެންބަރުންނާއި އަންހެން 10 މެންބަރުންނެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް މައުމޫން ނިންމެވީ، ޕީޕީއެމްގެ ހިންގުން ހޯދުމުގެ ކޯޅުން މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުންނެވެ.