މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާ ކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެެވެ. ކޮމިޝަންގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށް އެމްއާރްއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ވަނީ ވަނީ އަމުރެއް ނެރެފަ އެވެ.
މިއަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.
ސިވިލް ކޯޓުގެ މިއަމުރު މުރާޖައާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުމާ ގުޅިގެން އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ ކޯޓުގެ ކުރީގެ އަމުރު މުރާޖައާކުރަން ޖެހޭ ސަބަބެއް ކޮމިޝަނަށް ދެއްކިފައި ނުވާ ކަމަށެވެ.
އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.
އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.
ރާއްޖޭގައި ދެވަނަ އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ.