މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާ ކުރުމަށް ކޯޓަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އެ ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް ކޯޓަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިމަހުގެ 24 ވަނަ ދުވަހު އެެވެ. ކޮމިޝަންގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށް އެމްއާރްއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން އިއްޔެ ވަނީ ވަނީ އަމުރެއް ނެރެފަ އެވެ.
މިއަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.
އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.
އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.
ރާއްޖޭގައި ދެވަނަ އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ.