އައިޖީއެމްއެޗް

އަންހެން ކުއްޖެއްގެ ބަނޑުން އަނެއްކާވެސް ޕިނެއް ނަގައިފި

އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުން ބުރުގާގައި ޖަހާ ޕިނެއް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ނަގައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަނގަޔަށް ޕިން ލައިގެން އުޅެނިކޮށް އަންހެން ކުއްޖެއް ބަނޑަށް ޕިން ގޮސް ބަނޑުގައި ހަރުލާފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ބުނީ މި ޕިން ނެގުމަށް އެ ހޮސްޕިޓަލުގެ ސާޖިކަލް ޓީމުން ބޭނުން ކޮށްފައިވަނީ ޔޫޖީއައި އެންޑޮސްކޯޕީ ކަމަށެވެ. ޔޫޖީއައި އެންޑޮސްކޯޕީ އަކީ ބަނޑުގެ ތެރެއަށް ކެމެރާއެއް ހަރުކޮށްފައިވާ ހިމަ ހޮޅިއެއް ލެއްވުމަށްފަހު ބަނޑުގެ ކައިރިފަށުން ގެއްލުން ވެފައިވާ ހިސާބު ދެނެގަތުމަށް ކުރާ އޮޕަރޭޝަނެކެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ އޮޕަރޭޝަނެއްކޮށްގެން ގެއްލުންވެފައިވާ ހިސާބު ނުވަތަ ޕިން ނުފެނިއްޖެ ހާލަތެއްގައި ބޮޑު އޮޕަރޭޝަނަކަށް ދާން ޖެހިދާނެ ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަން ހައްލުކުރުމަށް ޕިން ފަދަ ތޫނު އެއްޗިހި އަނގަޔަށް ނުލުމަށް އައިޖީއެމްއެޗުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.

އަންހެނެއްގެ ބަނޑުން މިއަދު ޕިނެއް ނަގާފައިވާއިރު މިމަހުގެ ކުރީ ކޮޅުވެސް އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ފުށްޕާމެއިން ވަނީ ބުރުގާގައި ޖަހާ ޕިނެއް ނަގާފަ އެވެ.