އިލެކްޝަންސް ކޮމިޝަން

އުސޫލުތަކުގެ ބޭރުން ޕާޓީތަކުގެ މެންބާޝިޕާ ނުކުޅެން: އީސީ

ހެދިފައިވާ އުސޫލުތަކުގެ ބޭރުން ސިޔާސީ ޕާޓީތަކުގެ މެންބާޝިޕް އުނިއިތުރު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނެމުންދާ ކަމުގެ ޝަކުވާ އެ ޕާޓީން ވަނީ ދާދި ފަހަކުން އީސީއާ ހިއްސާކޮށްފަ އެވެ. އަދި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެ ޕާޓީން މެންބަރުން މަދު ވަނީ އީސީން އެ ޕާޓީގެ މެންބާޝިޕް "ވަގަށް" ނަގަމުން ގެންދާތީ ކަމަށެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކުރަމް ރޭ ވިދާޅުވީ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުންތަކެއް ގެއްލެމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެ ކަމާ ގުޅޭ ގޮތުން އެ ޕާޓީއާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އީސީއަށް ލިބޭ އެފަދަ ޝަކުވާތައް ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީސީން ސިޔާސީ ޕާޓީއަކުން މެންބަރަކު އުނި ކުރަނީ އެ މީހެއްގެ މެންބާޝިޕް ފޯމު އެހެން ޕާޓީއަކުން އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އެ މީހަކަށް އެނގުމަކާ ނުލާ ޕާޓީއަކަށް ވެއްދިކަމުގެ ޝަކުވާ ލިބިއްޖެނަމަ އެ ބެލުމަށްފަހު ވަގުތުން އެ ޕާޓީއަކުން އުނި ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ނޫން ގޮތަކަށް އަޅުގަނޑުމެން ޕާޓީތަކުގެ މެންބާޝިޕާ ނުކުޅޭނެ، އެއް ގޮތަކަށް ވެސް." އަކްރަމް ވިދާޅުވި އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރި ދުވަސްވަރު ވެސް އީސީއިން އިންތިހާއަށް ދުއްތުރާ ކުރި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އޭރު އުފެެއްދި އެހެން ޕާޓީތަކާ ހިލާފަށް ޕީއެންސީއަށް މެންބަރުން ހަމަވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ކަމަށް އިޝާރާތް ކުރައްވާ އަކްރަމް ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީ ކުރުމުގައި ވެސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރުއެމް ރަޖިސްޓްރީ ކުރުމުގައި ވެސް އަދި އެހެން އާ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމުގައި ވެސް އެ ކޮމިޝަނުން އަަމަލު ކުރީ އެއް ހަމައެއްގެ ތެރެއިން ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެމްއާރުއެމްއާއި ޕީއެންސީ ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހެޅި ހުރިހާ ފޯމެއް ވެސް ކަށަވަރު ކުރަން އެ ފޯމުތަކުގައިވާ މީހުނަށް ގުޅައި އެ ހުރިހާ ކަމެއް ބަލައި ޗެކް ކުރި އެވެ.

ޕީޕީއެމްގެ މެންބަރުންނަށް ނޭނގި އެ ޕާޓީން އެ މެންބަރުން ވަކިވެ އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނިފައިވާ ކަމުގެ ޝަކުވާ އެ ޕާޓީން ކުރާއިރު، އީސީން މިއަދު ހާމަކުރި ސިޔާސީ ޕާޓީތަކުގެ ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަސް ތެރޭގައި މެންބަރުން އެންމެ ބޮޑަށް މަދުވީ ވެސް ޕީޕީއެމް އިންނެވެ.