ކީލިއަން އެމްބާއްޕޭ

ޒިދާންގެ ވާހަކަތަކަށް ޓޫހްލް ރައްދު ހަމަލާއެއް

ޕީއެސްޖީގެ ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭ އާ ބެހޭ ގޮތުން ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ދެއްކި ވާހަކަތަކަށް ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހްލް ރައްދު ދީފި އެވެ.

ޗެމްޕިއަންސް ލީގްގައި މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ، މެޑްރިޑްގެ ސެންޓިއާގޯ ބާނެބެއުގައި ކުޅޭ މެޗުގެ ކުރިން ދެ ޓީމުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އެންމެ ފުރަތަމަ އެމްބާޕޭގެ ވާހަކަ ދެއްކީ ޒިދާނެވެ. ރެއާލް މެޑްރިޑްގެ ފުޓްބޯލް ޑައިރެކްޓަރަކަށް ޒިދާން ހުރި ދުވަސް ވަރު ރެއާލްގެ ޓްރެއަލްއަކަށް އެމްބާޕޭ މެޑްރިޑަށް ގެންދިޔަ އެވެ. އޭރު އެމްބާޕޭގެ ސީނިއާ ކެރީއާ ނުފަށަ އެވެ.

ޒިދާން ބުނީ އެމްބާޕޭ އަށް އޭނާ (ޒިދާން) ޝައުގުވެރިވާ މިންވަރު އެންމެންނަށް އެނގޭނެ ކަމަށެވެ.

"ކަލޭމެންނަށް އެނގޭނެ މާކުރިންސުރެ ވެސް އަހަރެން އޭނާ [އެމްބާޕޭ] އަށް ޝައުގުވެރިވާކަން،" ޒިދާން ވާހަކަ ދެއްކި އެވެ. "އަހަރެން މާ ކުރިންސުރެ ވެސް އޭނާ ދެކެ ލޯބިވަން އެންމެ ފުރަތަމަ އިންސާނެއްގެ ހައިސިއްޔަތުން، ދެން އޭނާ މިތަނަށް ޓްރެއަލްއަކަށް ވެސް އައި މާ ކުރިން."

މޮނަކޯގައި އެމްބާޕޭ ހޭދަ ކުރި ފަހު އަހަރު ނިމުމަށް ފަހު، ރެއާލުން ވަނީ އެމްބާޕޭ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ލޯން އެއްބަސްވުމެއްްގެ ދަށުން އޭނާ ބަދަލުވީ ޕީއެސްޖީ އަށެވެ.

"މާދަމާ [މިއަދު] އޭނާ އަންނާނިީ އަހަރެމެންނާ ވާދަވެރި ކުޅުންތެރިޔެއްގެ ގޮތުގައި،" ޒިދާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަންނަށް މިވަގުތު މުހިންމީ އޭނާ ހުއްޓުވަން ޖެހޭ މަސައްކަތް ކުރުން، އަހަރެމެންނަށް އެނގޭ އޭނާއަކީ ކިހާވަރެއްގެ ކުޅުންތެރިޔެއް ކަން، އަހަރެމެން ތިބެން ޖެހޭނީ ތައްޔާރަށް."

ޒިދާންގެ ވާހަކަތައް އެގޮތަށް ހުރުމުން ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ވަނީ، ޒިދާން ދެއްކި ވާހަކަތަކަށް ރައްދު ދީފަ އެވެ. ޓޫހުލް ބުނީ އެމްބާޕޭ ދެކެ ލޯބި ވާނީ ޒިދާން އެކަނި ނޫން ކަމަށެވެ.

"އަހަންނަކަށް ނޭނގެ ޒިދާން އެމްބާޕޭއަށް ޝައުގުވެރި ވަނީ ކޮން ހައިސިއްޔަތުން ކަމެއް،" ޒިދާންގެ ވާހަކަތަކަށް ރައްދު ދެމުން ޓޫހުލް ބުންޏެވެ. "އެކަމަކު އަހަރެމެން އެހަރެމެންގެ ކުޅުންތެރިޔާ ދެކެ މާބޮޑަށް ލޯބި ވާނެ. އެންމެ މުހިންމު ކަމަކީ އެމްބާޕޭ އަކީ އަހަރެމެންގެ ކުޅުންތެރިޔެއް، އަހަރެމެން އުފާވޭ އޭނާ އަހަރެމެންގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރުމުން، ނެތް އެއްޗެއް ނެތީމަ އެއެއްޗެއް މާބޮޑަށް ބޭނުން ވާނެ."

ޗެމްޕިއަންސް ލީގްގައި މިރޭ ރެއާލް އާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގަ އެވެ.