ކުޅިވަރު

ބަލޮޓެލީއަކީ "ކަޅު" މީހެކޭ ބުނުމުން ހޫނުފެނަށް

ބުރޭޝާގެ ފޯވަޑް މާރިއޯ ބަލޮޓެލީ އަކީ "ކަޅު" މީހޭކޭ ވިދާޅު ވުމުން އެ ކުލަބުގެ ރައީސް މަސިމޯ ޗެލީނޯ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

ކުލަބުން ބޭއްވި އިވެންޓެއްގައި، ބަލޮޓެލީގެ ހަލާތާ ބެހޭ ގޮތުން ސުވާލު ކުރުމުން ޗެލީނޯ ވިދާޅުވީ ބަލޮޓެލީއަކީ ކަޅު މީހެއް ކަމަށެވެ. އަދި އޭނާގެ ދަށް ފޯމުން އަރައިގަތުމަށް އޭނާ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އޭނާ އަކީ ކަޅު މީހެއް، އަހަރެން ކީކޭ ބުނާނީ،" ބަލޮޓެލީގެ ހަލަތާ ބެހޭގޮތުން ސުވާލު ކުރުމުން އިނގިރޭސި ކުލަބު ލީޑްސް ޔުނައިޓަޑްގެ ކުރީގެ ޗެއާމަންގެ މަގާމު ވެސް އަދާ ކުރި ޗެލީނޯ ވިދާޅުވި އެވެ. "އޭނާގެ ހަލާތުން އަރައިގަތުމަށް އޭނާ ދަނީ މަސައްކަތް ކުރަމުން، އެކަމަކު އޭނާއަށް ވަރަށް ގިނަ އުނދަގޫތަކެއް އެބަހުރި،"

ޗެލީނޯގެ ވާހަކަ އަށް ފުޓްބޯޅަ ނޫސްވެރިޔަކު ފާޑު ކިޔާފައި

ޗެލީނޯގެ މިވާހަކަ އާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ފާޑު ކިޔުންތައް އަމާޒު ވަމުންނެވެ. އެ ފާޑު ކިޔުންތަކުން ނެއްޓި ގަތުމަށް ކުލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗެލީނޯގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށެވެ. އަދި ކުލަބުގެ ރައީސް އެ ގޮތަށް ވާހަކަ ދެއްކީ ވާދަވެރި ކުލަބުތަކުގެ ސަޕޯޓަރުން ބަލޮޓެލީ އާ ނަސްލީ ގޮތުން ދިމާ ކުރާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އިޓާލިއަން ލީގްގައި ހެލަސް ވެރޯނާ އާ ދެކޮލަށް ބުރޭޝާ ކުޅުނު މެޗުގައި، ވެރޯނާގެ ސަޕޯޓަރުން ބަލޮޓެލީއަށް ނިސްބަތްކޮށް ނަސްލީ ގޮތުން ދިމާ ކުރުމުން މެޗު ވެސް މެދު ކަނޑާލި އެވެ.