ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މުސާ މަނިކު އެމްޑީޕީ އިން ވަކި ކުރި މައްސަލަ އޭނާ ރަސްމީކޮށް އިސްތިއުނާފު ކުރައްވައިފި އެވެ.
އެމްޑީޕީގެ އިސްތިއުނާފު ކޮމިޓީއަށް މޫސަ އެ މައްސަލަ ގެންދެވުމަށްފަހު މިއަދު ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގެންނަވާ ޕާޓީން ވަކި ކުރި ކުރުން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެފަދަ ކަންކަމުގައި އަބަދުވެސް އެމްޑީޕީން ގޮތް ނިންމާނީ އިސްތިއުނާފު ކޮމެޓީން ކަމަށެވެ. އަދި ވިދާޅުވީ އޭނާ ވަކި ކުރި މައްސަލަ އީސީއަށް ވެސް ގެންގޮސްފައި ނުވާ ކަމަށެވެ.
"އެހެން ނޫނަސް ވަކި ކުރި ކުރުން އެއީ އަޅުގަނޑު ގަބޫލުކުރާނެ އަދި ބަލައިގަންނާނެ ވެސް ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.
މޫސައަށް ފިޔަވަޅު އަޅައި އެމްޑީޕީން ވަކި ކުރީ މަޖިލީހުގައި އެމްޑީޕީގެ ތްރީލައި ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ ފިޔަވަޅު އެޅީ އަލުން ޕާޓީއާ ގުޅޭނަމަ އޭނާގެ އިތުރުން 50 މެމްބަރުންގެ ސޮއާއެކު ފޯމް ހުށަހަޅަންޖޭ ގޮތަށެވެ. މީގެ އިތުރުން ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭ އިރު އަލުން ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވެ އެވެ.
މޫސައަކީ އެ ޕާޓީގެ ދެން އޮންނަ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.