އެމްއާރުއެމް

އެމްއާރުއެމްގެ ނާއިބުންނަކީ ޔުމްނާއާ ނާދިރާ

މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ނާއިބު ރައީސުންގެ ގޮޮތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، އައިމިނަތު ނާދިރާ ހަމަޖައްސައިފި އެވެ.

އެ ޕާޓީގެ މި ނިންމުން އައީ ޕާޓީގެ ފުރަތަމަ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އެ ޕާޓީން ބުނީ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ޕާޓީގެ ނާއިބު ރައީސުންގެ ގޮޮތުގައި ޔުމްނާ އާއި ނާދިރާ ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާއަކީ އެމްއާރުއެމްގެ ފައުންޑާ އެވެ. ނާދިރާއަކީ މައުމޫނާއެކު ސިޔާސީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެކެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލް އަލީމް ވެސް އެ ބައްދަލުވުމުގައި ހަމަޖައްސާފައި ވެއެވެ.

މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީ ކޮށްދީފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާ، މި މަހުގެ އަށްވަނަ ދުވަހު މާލޭގައި ވަނީ ބާއްވައިފަ އެވެ.