ވީއައިއޭ ހިމެނޭ ގޮތަށް މާލެ - ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގައި މާލޭ ކޮޅުން ފަށައިދޭ މައި ގޭޓް، ބްރިޖްގެ ނަމާއެކު ނިވިފައި ހުންނަތާ ތިން މަސް ދުވަސް ފަހުން ދިއްލައިފި އެވެ.
މާލޭ ކޮޅުން ބުރިޖު ފަށައިދޭ އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ދޮރާއްޓާއި އެތާނގައި ދިވެހިންނާއި ޗައިނާ ބަހުން ލިޔެފައިވާ ބްރިޖްގެ ނަން "ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބުރިޖް" ހިމެނޭ ލެޑް ބޮކިތައް ފަހަރަކު އަކުރެއް ނިވެމުން ގޮސް ނަމާއި ދޮރާށީގައި ހިމެނޭ އެހެން ބައެއް ލައިޓްތައް ވެސް ނުދިއްލޭތާ ތިން މަސް ފަހުން އަލުން ދިއްލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދިއްލުންތައް ނިވިފައިވާ ކަރަންޓަށް ދިމާވި މައްސަލައަކުންނެވެ. އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިދިޔަ ދުވަސްތަކުގައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ އެ ތަން އާންމުންނަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.
ޗައިނާ ހިލޭ އެހީއާވެސް އެކު އެ ގައުމުގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން 200 މިލިއަން ޑޮލަރުގެ އަގަކަށް ހަދާފައިވާ ބްރިޖް މަސައްކަތް ފެށީ ޑިސެންމެބަރު 30، 2015 އިގަ އެވެ.