އެންމެ އަވަސް ހަތަރު ލަނޑު ޖަހައި، ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ ޗެމްޕިއަންސް ލީގްގެ ބޮޑު ރެކޯޑެއް ހަދައިފި އެވެ.
ސާބިއާގެ ރެޑް ސްޓާގެ މައްޗަށް 6-0 ން ބަޔާން ރޭ މޮޅުވި މެޗުގައި ލެވަންޑޮސްކީ ހަތަރު ލަނޑު ޖެހީ 14 މިނެޓާއި 31 ސިކުންތު ތެރޭގަ އެވެ. ބަޔާންގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ލިއޯން ގޯޓްޒްކާ ޖަހާފައި ވަނިކޮށް އެ ޓީމުގެ ދެ ވަނަ ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 53 ވަނަ މިނެޓްގަ އެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުންނެވެ. އަދި ހަތަރު ވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުންނެވެ. ބަޔާންގެ ފަސް ވަނަ ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްރިސްޓިއަން ޓޮލީސޯ އެވެ.
ލަނޑު ޖެހުމުގައި ވޭތު ވެދިޔަ 10 އަހަރު އެންމެ ދެމެހެއްޓެނެވި ގޮތުގައި ފެނުނު ކުޅުންތެރިޔަކީ ލެވަންޑޮސްކީ އެވެ. މި ސީޒަންގައި އޭނާ އުޅެނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއަށްވެރެވެސް މާ ކުރީގަ އެވެ. މި ސީޒަންގެ މެދަކާ ހަމައަށް އަދި ގޮސްފައެއްވެސް ނުވެ އެވެ. އެހެންނަމަވެސް ސީޒަންގެ މީހާތަނަށްވެސް އޭނާ ވަނީ 31 ލަނޑު ޖަހާފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގްގެ ފަސް މެޗުގައި ޖެހި 10 ލަނޑުވެސް ހިމެނެ އެވެ.
ޗެމްޕިއަންސް ލީގްގައި ދެ މެޗުން އެކަނި ރެޑް ސްޓާ ކޮޅަށް ވަނީ 10 ލަނޑު ވަދެފަ އެވެ. އެއީ ޓޮޓެންހަމް ހޮޓްސުޕާސް އިން ޖެހި ހަތަރު ލަނޑުވެސް ހިމަނައިގެންނެވެ. ޕޮލެންޑްގެ ކެޕްޓަން އާ ދެކޮޅަށް ރޭ ގެ މެޗުގައި ރެޑްސްޓާއަށް އޮތް އެންމެ ބޮޑު ދިފާއީ އަކަށްވީ ވީއޭއާރު އެވެ. ވީއޭރުގެ އެހީ ނުލިބުނުނަމަ ލެވަންޑޮސްކީގެ ނުރައްކާ އެއަށްވުރެ ބޮޑުވީހެވެ.
އެ ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ޓޮޓެންހަމް އާއި ގްރީސްގެ އޮލިމްޕިއާކޯސް އާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބު ކުރި ސްޕާސްވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ 20 މިނެޓަށް ދިއުމުގެ ކުރިން އޮލިމްޕިއާކޯސް ދެ ލަނޑު ޖެހީ އެވެ. މެޗުގެ ފުރަތަމަ ހާފު މޮރީނިއޯ ވަނީ އެރިކް ޑަޔާގެ ބަދަލުގައި ކްރިސްޓިއަން އެރިކްސަން އަށް މެޗުން ފުރުސަތު ދީފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ޑަޔާގެ ކިބައިން އެކަމާ މާފަށް އެދޭ ކަމަށް ބުނެފަ އެވެ.
ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޑެލީ އަލީ ލަނޑު ކާމިޔާބު ކުރި އެވެ. ޓޮޓެންހަމްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ހެރީ ކޭން އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ސާޖް އޮރިއާ އެވެ.