ނޭޕާލްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުން އިނގިރޭސިވިލާތުގެ މަޝްހޫރު ކުލަބު ލިވަޕޫލަށް ކުޅުންތެރިން ހޯދަން ފަށައިފި އެވެ.
ސާކުގެ އަށް ގައުމުގެ ތެރެއިން ހަ ގައުމު ވާދަކުރާ މުބާރާތް ލިވަޕޫލްގެ ދެ އޮފިޝަލުން ކަމަށްވާ ޑޭވް ރޮގާސް އާއި މައިކަލް ވިލިއަމް ދަނީ ދިރާސާ ކުރަމުންނެވެ. އަދި އެކަށީގެންވާ ފެންވަރުހުރި ކުޅުންތެރިއަކު ފެނިއްޖެނަމަ ފުރުސަތުދޭނީ އިންޑިޔާގައި ގާއިމްކޮށްފައިވާ ލިވަޕޫލްގެ އެކަޑަމީންނެވެ.
ފުރަތަމަ ފަހަރަށް ސާކް ގައުމުތަކުގެ މެދުގައި 19 އަހަރުން ދަށުގެ މުބާރާތެއް ބާއްވަމުންދާއިރު މި މަހުގެ ކުރީކޮޅު ވަނީ ބަނގްލަދޭޝްގައި ސާކުގެ 16 އަހަރުން ދަށުގެ މުބާރާތެއް ވެސް ބާއްވައިފަ އެވެ. އެ މުބާރާތް ވެސް ވަނީ ސްކައުޓްކޮށްފަ އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ބަލިވީ އަފްގާނިސްތާން އަތުން 3-1 އިންނެވެ.