ޗެމްޕިއަންސް ލީގް

ރޮނާލްޑޯ ފަނޑުވެ ޑިބާލާ ވިދާލައިފި

އެތުލެޓިކޯ މެޑްރިޑް ކޮޅަށް ޕައުލޯ ޑިބާލާ ހިލޭ ޖެހުމުން ވައްދާލި މޮޅު ލަނޑާއެކު، ރޮނާލްޑޯގެ ނަން ފަނޑުވެ ޑިބާލާ ވިދާލައިފި އެވެ.

މި މަހު ޗެމްޕިއަންސް ލީގްގައި ކުޅުނު ދެ މެޗުގައި ވެސް ސުރުހީތަކުން ރޮނާލްޑޯގެ ނަން ވަނީ ފަނޑުވެފަ އެވެ. ތިން ހަފުތާ ކުރިން ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ރެކޯޑެއް ހެދެން ފުރުސަތު އޮއްވައި ރޮނާލްޑޯ ނެގި ފުރީ ކިކް ގޯލްގެ ތެރެއަށް ވައްދާލީ އާރޮން ރަމްސީ އެވެ. އެ ލަނޑު ރޮނާލްޑޯގެ ނަމަށް ނިސްބަތް ވިނަމަ ޗެމްޕިއަންސް ލީގްގައި ތަފާތު 34 ޓީމެއް ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯގެ ހެދުނީ ހެވެ.

ރޭ އެތުލެޓިކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ އެހެން މަންޒަރެކެވެ. މިދިޔަ ސީޒަންގައި ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވި ފަހުން އޭނާ ދަނޑު މަތީގައި ހުރެއްޖެނަމަ ފްރީ ކިކް ނަގަނީ ރޮނާލްޑޯ އެވެ. އެއް މެޗުގެ މެދުކެނޑުމަކަށް ފަހު އަލުން ޔުވެންޓަސްގެ ޓީމާއެކު ކުޅެން ނުކުތް ރޮނާލްޑޯ ދަނޑު މަތީގައި ހުއްޓައި ފްރީ ކިކް ނަގަން ފުރުސަތު ދިނީ ޑިބާލާ އަށެވެ.

ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން ހަނި އޭންގަލުން ލިބުނު ފުރީ ކިކް ގޯލަށް ފޮނުވާލުމަކީ އިމްޕޮސިބަލް ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ޑިބާލާ އެ ބޯޅަ ގޯލްގެ ތެރެއަށް އޮޅާލީ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް އަށް ވެސް ފުރުސަތު ނުދީ އެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ އަށް ފުރުސަތު ދިން 10 ފުރީ ކިކުން އެންމެ ފުރުސަތެއް ރޮނާލްޑޯއަށް ގޯލަކަށް ބަދަލު ކޮށްލެވިފަ އެއް ނުވެ އެވެ. އެހެން ނަމަވެސް ޑިބާލާއަށް ފުރުސަތު ދިން ދެ ފަހަރުގެ ތެރެއިން އެއް ފަހަރު އޭނާ ވަނީ ގޯލަށް ބަދަލު ކޮށްލާފަ އެވެ. އަދި އެއީވެސް އުނދަގޫ އޭންގަލަކުން ލިބުނު ފުރުސަތެއްގަ އެވެ.