ނޭޕާލް ގައި އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ފަށާ، ސައުތު އޭޝިއަން ގޭމްސްއަކީ ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް މަހްދީ ހުސައިން އަށް ހާއްސަ ގޭމްސްއަކަށް ވާނެ އެވެ. މިހާރު ސީނިއާ ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް އިއްބެ ވިޔަސް، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނުލިބި އޮތް ފުރުސަތެއް މިފަހަރުގެ ގޭމްސްއިން އޭނާ އަށް ލިބިގެންދާނެ އެވެ.
އުމުރު ފުރާގެ ގައުމީ ޓީމަށް ކުޅުމަކީ އިއްބެގެ ކެރިއަރުގައި ނުލިބި އޮތް ފުރުސަތެކެވެ. ބަނޑޮސް އައިލެންޑް ރިޒޯޓްގައި ކުރިން ވަޒީފާ އަދާ ކުރި އިއްބެ އޮފް ދުވަސްތަކެއް ނަގައިގެން މާލެ އައިސް 2015 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރެއަލްގައި ޕްރެކްޓިހަށްވެސް ނުކުތެވެ. އެހެންނަމަވެސް އޭރު ރިސޯޓްގައި ވަޒީފާ އަދާ ކުރަމުން ކޮންމެ ދުވަހަކު ޕްރެކްޓިހަށް މާލެ އައުމުގައި އޭނަ ގޮންޖެހުން ކުރިމަތިވި އެވެ. ކޮންމެ ދުވަހަކު ދަތުރު ކޮށްފައި މާލެ އައިސް ޓީމުގެ ޓްރެއަލްގައި ބައިވެރިވުމުގައި އޮތް ތަކުލީފާއެކު، ފުރަތަމަ ކޮޅު ޕްރެކްޓިހަށް ނުކުމެފައި މެދުކެނޑިގެން ދިޔައީ އެވެ. އެފަހަރުގެ ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.
އެހެންނަމަވެސް އޭރުގެ ފުރުސަތު ބަންދުވުމަކުން ގައުމީ ޓީމު ތަމްސީލު ކުރަން އޭނާ ކުރި އުންމީދަށް ފަނޑު ކަމެއް ނައެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި އަމިއްލަ ރަށް. ސ. ފޭދޫ ޓީމާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހިސާބުން އިއްބެ އެންމެގެ ލޮލުގައި އަޅައިގަތެވެ. ޖެހިގެން އައި 2016 ވަނަ އަހަރު ޕްރެޒިޑެންޓް ކަޕްުގައި ސ. ފޭދޫ ޓީމާއެކު މާލެ އައިސް ކުޅުނު ދެ މެޗުންވެސް މޮޅު ކުޅުމެއް އޭނާ ދެއްކި އެވެ. ޖެހިގެން އައި 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގެ ދާއީމީ ކޮންޓްރެކްޓްގައި އިއްބެ ނުކުތީ ޓީސީގެ ޖޯޒީގަ އެވެ.
ހަމަ އެ އަހަރު ސީނިއާ ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބެން ފެށި އެވެ. ގައުމީ ޓީމުގައި މިހާރު އެންމެ ނަގާ ކިޔާ ކުޅުންތެރިޔާއަށް އިއްބެވީ މިދިޔަ އަހަރު ގައުމީ ޓީމާއެކު ހޯދި ކާމިޔާބު ތަކުންނެވެ. މިދިޔަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި ގައުމީ ޓީމަށް ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކޮށްދިނެވެ. އެ މެޗަށް ފަހު 'އަވަސް' އަށް އޭރު ދިން އިންޓަވިއުގައި އިއްބެ ބުނެފައި ވަނީ ގައުމީ ޓީމަށް މުހިންމު ލަނޑުތަކެއް ޖަހައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.
ބަންގުލަދޭޝްގައި މިދިޔަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފައިނަލު މެޗުގައި އިންޑިއާ ކޮޅަށް ވައްދާލި ލަނޑަކީ އިއްބެގެ މުޅި ކެރިއަރުގައިވެސް އެންމެ ހާއްސަ އެއް ލަނޑެވެ. އަދި އެއީ ރާއްޖޭގެ ފުޓްބޯޅައިގައިވެސް ހާއްސަ ލަނޑަކަށް ވެގެންދާނެ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި އަހަރު ގުއާމްގައި އެ ގައުމު އަތުން ރާއްޖެ މޮޅު ކޮށްދޭ ޖެހި ހަމަ އެކަނި ލަނޑަކީ ގައުމީ ޓީމުގައި އިއްބެގެ މުހިންމު ހިއްސާ އެކެވެ.
ސައުތު އޭޝިއަން ގޭމްސްއަށް 23 އަހަރުން ދަށުގެ ޓީމުން ސީނިއާ ތިން ކުޅުންތެރިޔަކަށް ލިބޭ ފުރުސަތުގެ ތެރެއިން އިއްބެގެ ނަން އެ ލިސްޓްގައި ހިމެނުމަކީ އޭނާއަށް ހާއްސަ ކަމަކަށް ވި އެވެ. ދެން އޮތް ދެ ޖާގައަށް ލިސްޓް ކުރީ ސީނިއާ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި އެޓޭކިން މިޑްފީލްޑާ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.
އިއްބެގެ ފުރުސަތު ހާއްސަވާ ސަބަބު މަތީގައި އެ ވަނީ އެވެ. އަނެއް ކަމަކީ މިފަހަރުގެ ގޭމްސްއަށް ރަން މަޑަލަކަށް އަމާޒުކޮށްގެން އެ ވާހަކަ ދުރާލައި ދައްކައިގެން ގޭމްސްއަށް ތައްޔާރުވާއިރު އިއްބެގެ ތަޖުރިބާ އާއި ކޮމިޓްމެންޓް 23 އަހަރުން ދަށުގެ ޓީމަށް މުހިންމު ވުމެވެ. އިއްބެވެސް ބުނީ މި ހާއްސަ ގޭމްސްގައި ގައުމީ ޓީމުގައި ހިއްސާވާން ފުރުސަތު ލިބުމަކީ އޭނާއަށްވެސް ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށެވެ.
"ތި ބުނިހެން މިއީ އަޅުގަނޑަށް ވަރަށް ހާއްސަ ފުރުސަތެއް،" އިއްބެ ވާހަކަ ފެށި އެވެ. "އޭގެ އިތުރަށް ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއް ބޭނުން ހިފާނީ އުފަލާއެކު."
އޭނާ ބުނީ ގައުމީ ޓީމުން ލިބޭ ފުރުސަތުގެ އުފާވެރި ކަމަކީ، ފުޓްބޯޅައިގެ އެހެން ޕްލެޓްފޯމަކުން ނުލިބޭނެ ފަދަ އުފަލެއް ކަމަށެވެ. ގައުމީ ޓީމުގައި މިހާރު އެންމެ މުހިންމު ކުޅުންތެރިޔާއަށް ވީ އެ މޯޓިވޭޝަންގައި އޭނާ ކުރި މަސައްކަތުންނެވެ.