ސަރަހައްދީ މުބާރާތްތަކުގައި ރާއްޖެއަށް މިހާރު ވާދަ ކުރެވޭނެ ކަން ކުޅުންތެރިންނަށް ގަބޫލު ކުރެވިއްޖެ ކަމަށް ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗް ސުޕުން ވިމާލް ބުނެފި އެވެ.
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ބާސްކެޓް ޓީމަށް މެޑަލްއެއް ހޯދައިދިން ފުރަތަމަ ކޯޗްގެ ޝަރަފު ހާސިލު ކުރި ކޯޗް ބުނީ، ރާއްޖެ މުބާރާތަށް ތައްޔާރުވެގެން އައީ ފައިނަލަށް ދިއުމުގެ ޓާގެޓްގައި ކަމަށާއި އެހެންނަމަވެސް އެކަން ހާސިލު ނުވިނަމަވެސް މެޑަލް އަކާއެކު ނިންމާލުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަަމަށެވެ.
ފިރިހެން ޓީމު މުބާރާތުން ކެޓުމުން ލިބުނު ހިތްދަތި ކަމަށް ހިތްހަމަޖެހުމެއް ގެނެސްދިނީ އަންހެން ޓީމުން ލަންކާ ބަލިކޮށް ސެމީ ފައިނަލަށް ދިއުމެވެ. އޭނާގެ އަމިއްލަ ގައުމު ލަންކާ ބަލިކޮށް މުބާރާތުގައި ކުރިއަށް ދިޔުމަކީ ގޭމްސްގެ ކުރިންވެސް ސުޕުން ކަނޑައަޅާފައިވާ ޓާގެޓެކެވެ. އެހެންވެ މިފަހަރުގެ މުބާރާތަކީ އޭނާއަށް ހާއްސަ ކާމިޔާބެކެވެ.
ރާއްޖެއިން މުބާރާތަށް އައީ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޒުވާން ގިނަ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ. ސުޕުން ބުނީ، އެއީ ރާއްޖެއަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި އެ ކުޅުންތެރިން އިތުރަށް ތަރައްގީވެގެން އަންނައިރު ކުރިއަށް އޮތް 10 އަހަރުތެރޭވެސް ރާއްޖެއަށް އިންޓަނޭޝަނަލް މުބާރާތްތަކުގައި ވަރުގަދަ އަށް ވާދަ ކުރެވޭނެ ކަމަށެވެ.
"މި ކާމިޔާބު ލިބުނީ އެއް އާއިލާއެއްގެ ގޮތުގައި މި ކުޅުންތެރިން ކުރި މަސައްކަތުން،" ކާމިޔާބަށް ފަހު ދިވެހި މީޑިއާ އާ ވާހަކަ ދައްކަމުން ސުޕުން ބުންޏެވެ. "ވޭތުވެދިޔަ ހަ މަސްތެރޭގައި މި ކުޅުންތެރިން ކުރި ބުރަ މަސައްކަތް މި ފެނިގެން ދިޔައީ، މިހާރު ކުޅުންތެރިންނަށް ގަބޫލު ކުރެވޭނެ އިންޓަނޭޝަނަލް މުބާރާތްތަކުގައި ރާއްޖެއަށް ވާދަ ކުރެވޭނެ ކަން."
ޓީމުގެ ވައިސް ކެޕްޓަން ފާތިމަތު ރިޝްމާ ބުނީ، ސައުތު އޭޝިއަން ގޭމްސްއަށް އަމާޒުކޮށްގެން ފުރަތަމަ ތައްޔާރީތައް ފެށިއިރު ކުޅުންތެރިންވެސް ތިބީ ވަރަށް މަދުން ކަމަށާއި އެހެންނަމަވެސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އިތުބާރު ކޮށްގެން މަސައްކަތް ފެށީ ކާމިޔާބު ހޯދަން ކަމަށެވެ.
ތިން ވަނަ ހޮވި މެޗުގައި ބުޓާންގެ މައްޗަށް ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ޝިއުރާ ބުނީ، ބްރޮންޒަކަށް ފަހު ރިހި މެޑަލް އަށް އަދި އެއަށް ފަހު ރަން މެޑަލްއަކަށް ދާންވެސް މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނައި ސީނިއާ ބައެއް ކުޅުންތެރިންނާއެކު މަސްހުނި ޓީމެއް ހެދުމުގެ ބޭނުމަކީ ސީނިއާ ކުޅުންތެރިން ރިޓަޔާ ކުރަން ވާއިރަށް ޒުވާން ކުޅުންތެރިން އެ މާގަމުތަކަށް ފިލު ކުރުން ކަމަށް ރިޝްމާ ފާހަގަ ކުރި އެވެ.