ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން ބަލިވެ ސަރަހައްދީ ގޭމްސްގެ ފުރަތަމަ ކްރިކެޓް މުބާރާތުން ރާއްޖެއަށް ހަތަރު ވަނަ ލިބިއްޖެ އެވެ.
ޓީޓީ 20 ކްރިކެޓް ވޯލްޑް ރޭންކިންގައި ދުނިޔޭގެ 12 ވަނަ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ޓޮސް ދިމާވުމުން ކުޅެން އަރައި ރާއްޖެ އަތުގައި 35 ލަނޑެ ހެދިފައި ވަނިކޮށް ކައިރިކައިރީގައ ތިން ވިކެޓް ވެއްޓުނެވެ،
ރާއްޖެއަށް ހެދުނީ 20 އޯވަރު ތެރޭގައި 94 ލަނޑެވެ. އެއީ ނުވަ ވިކެޓް ވެއްޓިގެންނެވެ. އޭގެތެރެއިން ކެޕްޓަން މަހްފޫޒް ވަނީ 23 ބޯޅައިން 16 ލަނޑު ހަދާފަ އެވެ. ލީމް ޝަފީގް ވަނީ ނުބައި ނުވެ 19 ލަނޑު ހަދާފަ އެވެ. އަހްމަދު އަމީލް މައުރޫފް ވަނީ 13 ލަނޑު ހަދާފަ އެވެ.
ނޭޕާލުން މެޗު ކާމިޔާބު ކުރީ ކުޅެން އަރައި 10 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 58 ލަނޑު ހެދުމުންނެވެ. ރާއްޖޭގެ އާދަމް ނާސިފް އުމަރު (އާދަޅޭ) ބޯލްކުރަން އަރައި ހަތަރު އޯވަރުތެރޭ 20 ލަނޑަށް ތިން ވިކެޓް ނެގި އެވެ.
މިފަހަރުގެ ގޭމްސްގައި ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ގައުމުތަކާ ވާދަކޮށް ރާއްޖެއިން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެގޮތުން ކްރިކެޓްގެ ބޮޑު ގައުމެއް ކަމަށްވާ ބަންގުަލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗު ފާހަގަ ކޮށްލެވެ އެވެ. ބަންގުލަދޭޝްގެ ސީނިއާ ޓީމުގެ ހަ ކުޅުންތެރިން ހިމެނޭ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރާއްޖެއިން މޮޅު ކުޅުމެއް ދެއްކި އެވެ.