ސައުތު އޭޝިއަން ގޭމްސް

ރަނުގެ ފުރުސަތުން ކްރިކެޓަށް ފަހި "ވިކެޓެއް"

ސައުތު އޭޝިއަން ގޭމްސްގައި، ކްރިކެޓް މުޅިން އަލަށް ހިމެނުމުން އެކަމާ އެންމެ ބޮޑަށް އުފާ ކުރީ ދިވެހިންނެވެ. ހާއްސަކޮށް ދިވެހި ކްރިކެޓް އާއިލާ އެވެ. މި ސަރަހައްދަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ކްރިކެޓްގެ އެންމެ ބޮޑު ހަބެވެ. ސަރަހައްދުގެ ހަތަރު ގައުމަކީ ދުނިޔޭގެ ކްރިކެޓްގައި އެންމެ ބޮޑު ބާރުތަކެވެ.

އިންޑިއާ އާއި ޕާކިސްތާން، ލަންކާ އަދި ބަންގުލަދޭޝްއާ ކުޅެން ރާއްޖެއަށް އުނދަގޫވިޔަސް، އެގައުމުތަކާ ވާދަ ކުރަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ކްރިކެޓް ޑިވްލަޕްމެންޓްގައި ލިބުނު އެންމެ ބޮޑު ފުރުސަތެވެ. އެ ގައުމުތަކާ ދެކޮޅަށް ކުޅުމަކީ ޒަމާނަކުންވެސް ރާއްޖޭއަށް ނުލިބޭނެ ފުރުސަތެއްގެ ގޮތުގައި އޮތް އޮތުން ސައުތު އޭޝިއަން ގޭމްސްގައި ހުޅުވުނު ފުރުސަތުން ބަދަލު ވެގެންދިޔަ އެވެ.

ވަރުގަދަ ދެ ބާރު ކަމަށްވާ ޕާކިސްތާނާއި އިންޑިއާ ގޭމްސްއިން ނަން ނެގުމަކީ އެއްގޮތަކުން ރާއްޖެއަށް އަދި މާ ފަހި ފުރުސަތެއް ކަމަށް ކުރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް ގަބޫލު ކުރައްވަ އެވެ.

"އެ ދެ ގައުމުން ފަހު ވަގުތު ނަން ނެގުމަކީ އެއްގޮތަކުން ރާއްޖެއަށް ރަނގަޅެއް،" އިންޑިއާ އާއި ޕާކިސްތާންގެ ވަކިވުމަށް އިޝާރާތްކުރައްވައި އަފުލާހް ވިދާޅުވި އެވެ. "އޭރުން ރާއްޖެއަށް ކުޅެން ލިބުނީހީ ދެ މެޗު، މިވަގުތު ރާއްޖޭގެ ކްރިކެޓަށް އެންމެ ރަނގަޅީ ވީހާވެސް ގިނައިން ވަރުގަދަ މެޗުތަކެއް ކުޅެން ލިބުން."

އިންޑިއާ އާއި ޕާކިސްތާން ވަކިވުމުން މުބާރާތުގެ ފޯމެޓް ލީގް އުސޫލުން ކުޅޭ ގޮތަށް ބަދަލު ކުރި އެވެ. އެހެންވެ ރާއްޖެއިން ލަންކާ އާއި ބަންގުލަދޭޝްއާ ދެކޮޅަށްވެސް ކުޅެން ޖެހުނެވެ. ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގައިވެސް އެ ގައުމުގެ ސީނިއާ ހަ ކުޅުންތެރިޔަކު ކުޅެ އެވެ. އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ރާއްޖޭގެ ކްރިކެޓަށް ލިބުނު ބޮޑު އެކްސްޕޯޝާ އެކެވެ.

ތިން ވަނަ ހޮވި މެޗަށް ދިޔައީ، ބުޓާން ބަލި ކުރުމަށް ފަހު އެވެ. ތިން ވަނަ ހޮވި މެޗުގައި ނޭޕާލް އާ ދެކޮޅަށް ރާއްޖޭން ދެއްކި ކުޅުން ނޭޕާލްގެ ކޯޗްވެސް ފާހަގަ ކުރި އެވެ. ނޭޕާލަކީވެސް ޓީ 20 ކްރިކެޓްގައި ވަރުގަދަ ގައުމެކެވެ.

"މެޗު ނިންމާފަ ނޭޕާލްގެ ކޯޗް ދިމާވެގެން ބުނި ތިމަންނަ ހީ ނުކުރަމޭ ރާއްޖެއިން މިހާ ރަނގަޅަށް ކުޅެފާނެ ކަމަކަށް،" އަފްލާހް ވިދާޅުވި އެވެ. "އެހެން ޓީމުތައްވެސް ހީކުރީ ރާއްޖެ ވީމަ ބޮޑު މާޖިންއަކުން މޮޅު ވެވޭނެޔޭ، އެކަމަކު ކުޅުންތެރިން ދެއްކި ކުޅުން ފެނުނީމަ އެންމެންނަށްވެސް ގަބޫލު ކުރެވިއްޖެ ރާއްޖޭގައި ކްރިކެޓް ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވިދާނެ ކަން."

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްވެސް އެކަން ފާހަގަ ކުރެއްވި އެވެ. އިއްޔެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު ބައްލަވާލުމަށް ކަތުމަންޑޫގެ ކްރިކެޓް ސްޓޭޑިއަމަށް ވަޑައިގެން ދިވެހި މީޑީއާތަކާ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކްރިކެޓް ތަރައްގީ ކުރުމަށް ސަރުކާރުން އިތުރު އިސްކަމެއް ދޭނެ ކަމަށެވެ.

"ކްރިކެޓުން މި ގެނެސްދިނީ އުންމީދީ ނަތީޖާތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ. އިންޑިއާ އާ ގުޅިގެން ރާއްޖޭގެ ކްރިކެޓް ތަރައްގީ ކުރުމަށް މިނިސްޓަރު ވަނީ މި އަހަރު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އިންޑިއާގެ ޓީމެއް މާލެ އައިސް ދިވެހި ޓީމާ ދެކޮޅަށް މެޗެއް ވެސް ކުޅުނެވެ.

ގޭމްސްއަށް ކައިރިވެފައި ވަނިކޮށް، ކްރިކެޓްގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ އާސިފް ހާންގެ މައްޗަށް ފެންމަތިވި މައްސަލަތަކުގެ ތެރެއިން ގައުމީ ޓީމުގެ ޓްރޭނިންތައް މެދުކަނޑާލި އެވެ. ޕްރެކްޓިސް މެދުކަނޑާނުލައި ރާއްޖެއިން ކުރިއަށް ގެންދިޔަ ނަމަ ގޭމްސްގައި ރާއްޖޭގެ ޕާފޯމަންސް މިއަށް ވުރެ ރަނގަޅު ވީހެވެ.

ގޭމްސްގައި ލިބުނު ފުރުސަތާއެކު ކްރިކެޓްބޯޑުގެ ވިސްނުންވެސް ފުޅާ ކޮށްފި އެވެ. ކްރިކެޓް އިންފްރާސްޓަރަކްޗާގެ ތެރެއިން ފުވައްމުލަކުގައި ގާއިމު ކޮށްފައިވާ ދަނޑުގައި އާޓިފިޝަލް ޕިޗެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާ ކުރަން ހަމަޖެހިފައިވާ ޓްރޭނިން ޓުއާވެސް ކުރިއަށް އޮތީ އެވެ.

މިއީ ޓޮސްއެއް ނޫނެވެ. ޕްލޭންގައި ލިޔެވިފައި ހުރި ކަންތައްތަކެވެ. ސައުތު އޭޝިއަން ގޭމްސްގައި ހުޅުވިގެން ދިޔަ ބޮޑު ފުރުސަތާއެކު ރާއްޖޭގެ ކްރިކެޓްގައި އާ އޯވަރެއް އުފެދިއްޖެ އެވެ. މި އޯވަރުގެ ތެރޭގައި ގިނަ ލަނޑުތަކެއް ހަދަން ކްރިކެޓުން ތިބީ އަމާޒު ހިފައިފަ އެވެ.