ސައުތު އޭޝިއަން ގޭމްސް

ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޮންޒް މެޑަލް ހޯދައިފި

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅައިގެ ތިން ވަނަ ހޮވި މެޗުގައި ބުޓާން ގެ މައްޗަށް 37 ޕޮއިންޓްގެ ބޮޑު ލިޑާކާއެކު 83-46 އިން މެޗުން މޮޅުވެ ރާއްޖެއިން ބްރޮންޒް މެޑަލް ހޯދައިފި އެވެ.

ސެމީ ފައިނަލުގައި އިއްޔެ ނޭޕާލުން އަތުން ހިތްދަތި ގޮތަކަށް ބަލިވުމުގެ ނުތަނަވަސް ކަމުން އަރައިގަނެ ރާއްޖެއިން ބޫޓާން އާ ދެކޮޅަށް ނުކުތީ ބޮޑު ހިތްވަރަކާ އެކު އެވެ.

މުޅި މެޗުގެ ފުރަތަމަ ކުއާޓާ ފުރަތަމަ ޕީރިއަޑް ފިޔަވައި އަނެއް ތިން ކުއާޓާވެސް ޑޮމިނޭޓް ކުރީ ދިވެހި ޓީމުންނެވެ. ފުރަތަމަ ކުއާޓާގެ ފުރަތަމަ ޕީރިއަޑްގައި ލީޑް ގައި އޮތީ ބޫޓާނެވެ. އެއީ 10-7 އިންނެވެ. ދެ ވަނަ ޕީރިއަޑަށް ނުކުމެ ރާއްޖެއިން ގިނަ ޕޮއިންޓްތަކެއް ސްކޯކޮށް ހަތް ޕޮއިންޓް ގެ ލީޑެއް ނެގި އެވެ. އެ ކުއާޓާ ރާއްޖެއިން ނިންމާލީ 21-14 އިން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓާގައި ރާއްޖެއިން 28 ޕޮއިންޓް ހޯދި އެވެ. ބޫޓާން އަށް ހޯދުނީ 13 ޕޮއިންޓެވެ. އެ ކުއާޓާ ނިމިގެން ދިޔައީ 49-27 އިން ރާއްޖެއިން ބޮޑު ލީޑެއްގައި އޮވެގެންނެވެ. ތިން ވަނަ ކުއާޓާ ރާއްޖެއިން ތަފާތު ކުޅުމެއް ދެއްކި އެވެ. އެ ކުއާޓާގައި ނޭޕާލުން ހޯދުނީ ހަ ޕޮއިންޓެވެ. ރާއްޖެއިން 20 ޕޮއިންޓް ހޯދައި ކުއާޓާ ނިންމާލީ 36 ޕޮއިންޓްގެ ލީޑަކާއެކު 69-33 އިންނެވެ.

ބޮޑު ލީޑެއްގައި އޮތް ނަމަވެސް ރާއްޖޭގެ މެޗުގެ ޓެމްޕޯއަކަށް ބަދަލެއް ނުގެނެ އެވެ. ފަހު ކުއާޓަރުގައިވެސް ގިނަ ޕޮއިންޓްކެއް ހޯދި އެވެ. އެ ކުއާޓާގައި ރާއްޖެއިން 14 ޕޮއިންޓް ހޯދި އެވެ. ބޫޓާނުންވެސް އެ ކުއާޓަގައި ކުޅުން ރަނގަޅު ކުރި އެވެ. ނަމަވެސް ރާއްޖެއިން މާބޮޑު ލީޑެއްގައި އޮތުމުން، ގިނަ ޕޮއިންޓް ހޯދިނަމަވެސް ބުޓާނަށް އަރައެއް ނުގަނެވުނެވެ. އެ ކުއާޓާގައި އެ ޓީމުން 13 ޕޮއިންޓް ހޯދި އެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދީ ފާތިމަތު ރިޝްމާ އެވެ. އޭނާ ވަނީ ރާއްޖެއަށް 28 ޕޮއިންޓް ހޯދައިދީފަ އެވެ. ދެން އެންމެ ގިނަ ޕޮއިންޓް ހޯދީ 16 ޕޮއިންޓް ހޯދި ރައިފާ އިބްރާހިމް (ރައި) އެވެ. ކެޕްޓަން އާމިނަތު ޝިއުރާވެސް 15 ޕޮއިންޓް ހޯދި އެވެ.

މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅައިގެ ތާރީހްގައި ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބުގެ ތެރޭގައި ހިމެނޭނެ އެއް ކާމިޔާބަށް ވާނެ އެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ މުހައްމަދު ނަޒީފްގެ ކޯޗު ކަމުގައި 2016 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސަބާ ޗެމްޕިއަންޝިޕްގައިވެސް ބޫޓާން ބަލިކޮށް ބްރޮންޒް މެޑަލް ހޯދާފަ އެވެ.