ސައުތު އޭޝިއަން ގޭމްސްގައި ލަންކާގެ މައްޗަށް ކާމިޔާބު ހޯދައި، ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރާއްޖެއިން މެޗު ކާމިޔާބު ކުރީ ފަސް ޕޮއިންޓްގެ ތަފާތަކުންނެވެ. ރާއްޖެއިން 69 ޕޮއިންޓް ހޯދިއިރު ލަންކާ އަށް ހޯދުނީ 64 ޕޮއިންޓެވެ. މިއީ ސައުތު އޭޝިއަން ގޭމްސްގެ ތާރީހްގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބަކީ، ރާއްޖޭގެ ކޯޗް ލަންކާގެ ސުޕުން ވިމާލް އަށް ވަރަށް ހާއްސަ ކާމިޔާބީ އެކެވެ. އެއީ އޭނާގެ އަމިއްލަ ގައުމާ ދެކޮޅަށް ރާއްޖެ މޮޅު ކޮށްދީ ސައުތު އޭޝިއަން ގޭމްސްގައި ކުރިއަށް ދިއުމަކީ ގޭމްސް ފެށުމުގެ ކުރިންވެސް އޭނާ ޓާގެޓް ކަނޑައަޅާފައިވާ ކަމެކެވެ.
މިއަދުގެ މެޗުގައި ރާއްޖެއިން އެންމެ ގިން ޕޮއިންޓް ހޯދީ ފާތިމަތު ރިޝްމާ އެވެ. އޭނާ ވަނީ 21 ޕޮއިންޓް ހޯދައި ދިފަ އެވެ. ރާއްޖޭގެ ކެޕްޓަން އާމިނަތު ޝިއުރާވެސް 18 ޕޮއިންޓް ހޯދި އެވެ.
ފުރަތަމަ ކުއާޓާގައި، ރާއްޖެއިން 18 ޕޮއިންޓް ހޯދި އެވެ. ލަންކާ އަށް ހޯދުނީ ނުވަ ޕޮއިންޓެވެ. ރާއްޖޭގެ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ދެ ވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި ރާއްޖެއިން 11 ޕޮއިންޓަށް ލީޑް ފުޅާވެސް ކުރި އެވެ. ދެ ވަނަ ކުއާޓަރު ރާއްޖެއިން ނިންމީ ޖުމުލަ 38 ޕޮއިންޓާއެކު އެވެ. ލަންކާ އަށް ހޯދުނީ 25 ޕޮއިންޓެވެ.
ތިން ވަނަ ކުއާޓާގައި ރާއްޖެއަށް މެޗުގެ ތެރެއަށް ވަދެވުނީ ސްލޯ ކޮށެވެ. ނަތީޖާއަކަށް ވީ ރާއްޖެއިން ހަތް ޕޮއިންޓް ލީޑެއްގައި ވަނިކޮށް ލަންކާއިން މެޗުގެ ނަތީޖާ 42-42 އިން ހަމަ ހަމަ ކުރުމެވެ. އެހެންނަމަވެސް ލަންކާއިން ރާއްޖޭގެ މައްޗަށް ލީޑް ނަގާކަށް ރާއްޖޭގެ ކުޅުންތެރިން ފުރުސަތެއް ނުދިނެވެ.
އެ ކުއާޓާގައި ރާއްޖެއިން ނިންމާލީ ޖުމުލަ 50 ޕޮއިންޓް ހޯދައިގެންނެވެ. ލަންކާ އަށް ހޯދުނީ 44 ޕޮއިންޓެވެ. ހަތަރު ވަނަ ކުއާޓާގައި ލަންކާއިން ކުޅުން ރަނގަޅު ކުރި އެވެ. ނަމަވެސް ރާއްޖެއަށް އެޑްވާންޓޭޖަކަށްވީ އެ ޓީމުގެ ކުޅުންތެރިން ކުރާ ފައުލު ތަކުން ރާއްޖެއަށް ލިބޭ ފްރީތުރޯ ތަކެވެ. ލަންކާއިން ރާއްޖެއާ ޕޮއިންޓާ ގާތް ކުރަން މަސައްކަތް ކުރާ ވަރަކަށް ރާއްޖެއިންވެސް ލީޑް ފުޅާ ކުރަމުން ދިޔަ އެވެ.
ސެމީ ފައިނަލުގައި ރާއްޖެ ބައްދަލު ކުރާނީ މިއަދުގެ ތިން ވަނަ މެޗުގައި ނޭޕާލާ ބޫޓާން އާ ކުޅޭ ޓީމުތަކުގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މިއަދު ރާއްޖޭގެ ފިރިހެން ޓީމުވެސް ވަނީ ނޭޕާލާ ދެކޮޅަށް ކުޅެފަ އެވެ. ނޭޕާލް އަތުން ބަލިވެ މުބާރާތް ނިމިފަ އެވެ. ފިރިހެން ޓީމުގެ މައްޗަށް ނޭޕާލުން ކުރި ހޯދީ 76-62 އިންނެވެ.