ސައުތު އޭޝިއަން ގޭމްސް

ގުރު ނެގިފަހުން ގެނައި ބަދަލަށް ރާއްޖޭގެ ނުރުހުން

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅައިގެ ގުރު ނެގި ފަހުން އިންޑިއާ މުބާރާތުން ވަކި ވުމުން މުބާރާތުގެ ފޯމެޓަށް ގެނައި ކުއްލި ބަދަލަށް ރާއްޖެއިން ހިތްހަމަނުޖެހުން ފާޅު ކޮށްފި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ގުރު މީގެ ހަފުތާއެއް ކުރިން ނެގި އިރު، އެންމެ ފަހުގެ ރަނަރަފް އިންޑިއާ ލައްވާލީ ރާއްޖެ އާއެކު ގުރޫޕް ބީ ގަ އެވެ. އޭރު އޮތް ގޮތުން އެ ގުރޫޕްގައި ދެން ހިމެނެނީ ޝްރީ ލަންކާ އެވެ. އެހެންނަމަވެސް ގޭމްސްގެ ކުޅިވަރުތައް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް އިންޑިއާއިން ވަނީ މުބާރާތުން ވަކިވާން ހުށަހަޅާފަ އެވެ.

އޭރު އޮތް ގޮތުންނަމަ ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ. މިދިޔަ ބުދަ ދުވަހު މާލެއިން ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފައި ވަނީ، ގުރު ނަގައި މުބާރާތުން އިތުރު ޓީމެއް ވަކި ވާނަމަ، އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީމުތަކަށް އެޑްވާންޓޭޖެއް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ގުރު ނެގުމަށް ފަހު ޓީމެއް މެޗަށް ހާޒިރު ނުވެއްޖެނަމަ ހާޒިރު ނުވި ޓީމާ ދެކޮޅަށް ފިޔަވަޅު އަޅައި އަނެއް ޓީމަށް ޕޮއިންޓް ދޭން ޖެހޭނެ ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ހަމަ އެދުވަހު ވިދާޅުވީ، ޝެޑިއުލްއަށް ބަދަލު ގެންނަން ރާއްޖެއިން ތާއީދު ނުކުރާނެ ވާހަކަ މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ކޮމިޓީއަށް ލިޔުމުން ވެސް އަންގާފައިވާނެ ކަމަށެވެ.

މިހާރު މުބާރާތުގައި ވާދަ ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އާއި ބަންގުލަދޭޝް ބޫޓާން، ލަންކާ އަދި ރާއްޖެ އެވެ. ފުޓްބޯޅައިގެ އެއްވެސް އިވެންޓެއްގައި ޕާކިސްތާން ވާދަ ނުކުރެ އެވެ. މުބާރާތް މިހާރު ކުރިއަށް ދާނީ ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ކުރިން އޮތް ގޮތުންނަމަ، ހޯމަ ދުވަހު ރާއްޖެއިން އިންޑިއާ ދެކޮޅަށް ކުޅުމަށް ފަހު، ދެ ވަނަ މެޗާ ދެމެދު ދެ ދުވަހުގެ ރެސްޓެއް ރާއްޖެއަށް ލިބޭނެ އެވެ. އޭރު އޮތް ގޮތުން އެހެން ޓީމުތަކަށް ވެސް ރެސްޓް ލިބޭނެ އެވެ. މިހާރު ގެނެސްފައިވާ ބަދަލުގެ ގޮތުން ޖެހިޖެހިގެން ހަ ދުވަހުވެސް ޓީމުތައްމެޗު ކުޅޭނެ އެވެ. އެއީ ދެ މެޗުގެ ދެމެދުގައި ރެސްޓް ކުރަން އެއްވެސް ފުރުސަތެއް ނުލިބި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު

ފޯމެޓަށް ގެނައި ބަދަލާ ގުޅިގެން މިއަދު ޖަވާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެޗަށް ފަހު ޓީމުތަކަށް އަރާމު ކުރަން ފުރުސަތު ނުލިބޭގޮތަށް ބަދަލު ގެނައުމަކީ "މޮޔަ" ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ހާމަ ކޮށްފައިވާ ކަންބޮޑުވުމަށް ނޭޕާލްގެ އޮލިމްޕިކް ކޮމިޓީ އާއި ނޭޕާލްގެ ފުޓްބޯޅަ ފެޑްރޭޝަނުން ރިއާޔަތް ނުކުރި މައްސަލަ ޖަވާޒު ވަނީ ފާހަގަ ކޮށްފަ އެވެ.

ޝެޑިއުލްގައި މިހާރު އޮތް ގޮތުން ރާއްޖޭގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ. އަންގާރަ ދުވަހު ނުކުންނާނީ ބަންގުލަދޭޝް އާ ދެކޮޅަށެވެ. ބުދަ ދުވަހު ނުކުންނާނީ ބޫޓާން އާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހު ނޭޕާލްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ފުޓްބޯޅައިގެ ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.