ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ބަލާ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނަވާ މައްސަލަައިގައި ޝަކުވާ ހިފައިގެން ހިނގި އެއްވެސް މަގަކުން އަލިކަމެއް ފެނިފައިނުވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ ރަޖިސްޓްރާއާވެސް ބައްދަލުކޮށް، އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އަލީ ރަޝީދަށް އެ ބެންޗުގައި އިނދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެންމެ ފަހުވަގުތުގައި ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ރަޝީދުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް ހަމަޖައްސަން ގޮވާލާ ކަމަށެވެ.
އަލީ ރަޝީދު ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވި ކަމަށް އިއުތިރާޒު ކުރެއްވި ނަމަވެސް، އިންޓަވިއު ދެއްވާފައިވާ ކަމަށާއި، އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުކަމެއް ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ވަކީލުން ޖޭއެސްސީއަަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި ކުރިމިނަލް ކޯޓާއި، ސްޕުރީމްކޯޓަށް ވެސް ހުށަހަޅާފައި ވެއެވެ.
އަދުރޭ ވިދާޅުވީ އެމައްސަލައިގައި ކުރިމިނަލް ކޯޓަށް ވަޑައިގެން އަލީ ރަޝީދާއި ބައްދަލު ކުރަން މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަލީ ރަޝީދުގެ މައްސަލައިގައި ޕީޕީއެމްއާއި، ޕީއެންސީގެ މަޖިލިސް މެމްބަރުން ރައީސް ނަޝީދާ ވެސް ބައްދަލު ކުރި ކަމަށެވެ. އަދި އެމައްސަލަ ޖޭއެސްސީގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، މިހާތަނަށް އައިއިރު ވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.