ހަބަރު

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

Nov 27, 2019
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސްގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ޑްރައިވަރުން ވަނީ ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ފުރިފައިވާ އުޅަނދުތަކުގެ ހުއްދަ ބާޠިލުކުރުމާއި ގުޅިގެން ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، މި ގަވާއިދުގެ ދަށުން ޓެކްސީ ކުރަން ބޭނުންކުރާ އުޅަނދުފަހަރު އައު ކުރުމަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އެ ބޭފުޅުންވަނީ ރައީސް އާއި ހިއްސާކުރާ، އެ ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުންވެސް ޓެކްސީގެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމަށް ހުރި އެހެނިހެން ދަތިތަކުގެ މައުލޫމާތު ވެސް ޑްރައިވަރުން ރައީސްއާ ހިއްސާކުރި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކާއި، ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތައް ޝާމިލްވާގޮތަށް، އެއްވެސް ފަރާތަކަށް ދަތިނުވާނެ ގޮތްތައް ބައްލަވައި، ޓެކްސީ ޑްރައިވަރުން ފާހަގަކުރައްވާފައިވާ ކަންތައްތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި، ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ބައްލަވައި، ވީހާވެސް ފުރިހަމައަށް އެ ހިދުމަތް ފޯރުކޮށްދެއްވުމަށް ޓެކްސީ ޑްރައިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.