ހަބަރު

އަޅުގަނޑު ނެތަސް ޕާޓީއަށް "މިނިކާ ބާޒުތައް" އަޔަ ނުދޭތި: ޔާމީން

ސަޕޯޓަރުން ހިތްދަތިވާ ފަދަ ހުކުމެއް މާދަމާ އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެހެންނަމަވެސް އެހެން ގޮތަކަށް ހުކުމް އަޔަސް ސިޔާސީ މަސައްކަތް ހުއްޓާނުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަޕޯޓަރުންނަށް ގޮވާލައްވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ހުކުމް ކުރުން މާދަމާ ކުރިމިނަލް ކޯޓުން ތާވަލްކޮށްފައިވާތީ މިރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ މި ޖައްބާރު ސަރުކާރުން ކިތަންމެ ގޮތަކަށް ކަންކަން ރާވަމުން ދިޔަ ނަމަވެސް މާތްﷲގެ ރޭވުމާ ހިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ އާއިލާ ހިތްދަތިވާ ފަދަ ހުކުމެއް އަތުވެދާނެ ކަމަކަށް އުއްމީދު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށް ދޭން ޖެހޭނީ އަމިއްލަ އާއިލާއަށް އަދި އެއަށްފަހު ސިޔާސީ އާއިލާއަށް ކަމަށެވެ. އެކަން އެމަނިކުފާނު ސާބިތުކޮށް ދެއްވާފައިވާ ކަމަށާއި ބޭޒާރު ކުރުމަށް ޓީވީއިން ޝަރީއަތް ލައިވް ކުރުމުން ސާބިތުވެގެން ދިޔައީ އެމަނިކުފާނުގެ މައުސޫމްކަން ކަމަށެވެ.

އަދުލްވެރި އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އެމަނިކުފާނުގެ މައުސޫމްކަން މިހާރު މައްސަލަ ބަލަން ހަވާލުވެފައިވާ އޮތް ބެންޗަށް ވެސް އެނގިގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިހާރު އޮތް ބެންޗާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އެ ބެންޗު އައްޔަންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް ރައީސް ޔާމީން ވަނީ މައްސަލަ ހުށަހަޅުއްވާފަ އެވެ.

ބެންޗު ވެސް އެހެން އޮތުމާއެކު، ފަހަރުގައި ދަރަ ގޮތެއް ވެސް ވެދާނެ ކަމަށާއި އެމަނިކުފާނަށް ދުވަސްކޮޅަކަށް ދުރަށް ދާން ޖެހުނު ނަމަވެސް ޕާޓީއަށް ދެރަ ގޮތެއް ވިޔަ ނުދިނުމަށް އެދިވަޑައިގެންނެވި އެވެ.

"ދެރަ ގޮތެއް ވެއްޖެނަމަ މި މައްސަކަތް މިއަށްވުރެ ރަނގަޅަށް ކުރިއަށް ގެންގޮސްދޭށޭ، ޖަލަށް ލަނީ އަޅުގަނޑެއް ނޫން، މި ސަރުކާރާ ދެކޮޅަށް ދީނާއި ގައުމުގެ ހައްގުގައި މިކުރާ މަސައްކަތުގެ އަޑު ކަނޑުވާލަން ބޭނުން ވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ހިންގާ ލާދީނީ އަމަލުތަކާއި މުއައްސަސާތަކާއި ކޯޓުތަކަށް އަތް ބާނަމުންދާ ދިޔުމަށް ޕީޕީއެމް ފިޔަވައި ފާޑުކިޔާނެ ބަޔަކު ނުތިބޭނެ ކަމަށާއި އެހެންކަމުން އެގޮތުގައި ދެމިތިބެންޖެހޭ ކަމަށެވެ. އެ އަޑު ހުއްޓުވުމަށް އެމަނިކުފާނު ޖަލަށްލުމަކީ ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"މައްސަލައެއް ނެތް، ހިތްދަތިކަމާއި ގިލަންވެރިކަން އަޅުގަނޑުގެ އާއިލާ ތަހަންމަލު ކުރާނެ، އެކަކު މިއީ ކުރަން ޖެހޭ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ. "ދުވަސްކޮޅަކަށް ތިޔަ ބޭފުޅުންނާ ވަކިވެލާން ޖެހުނަސް، ދެން ތިއްބެވި އިސް ބޭފުޅުންނަށް ހިތްވަރު ދެއްވުމަށް މިފަދަ ބައްދަލުވުންތަކަށް ގިނަގިނައިން ވަޑައިގަންނަވާށޭ، އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިވާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޖޭ، އެއީ ޖާގަ ދީގެން ވާނެ ކަމެއް ނޫން،"

ރައީސް ޔާމީން ވިދާޅުވީ ކުރިން އެމަނިކުފާނު ޖަލަށް ދާން ޖެހުމުން ވެސް ޕާޓީއަށް ނިކަމެތިކަން ލިބުނު ކަމަށާއި މުހިންމު ބޭފުޅުންނާއި ސަޕޯޓަރުން ވަކިވެދިޔަ ކަމަށެވެ. އެކަން މިފަހަރު ތަކުރާރުވެގެން ނުވާނެ ކަމަށެވެ. ޕާޓީ ދޫކޮށް ވަޑައިގެން ބައެއް ބޭފުޅުން މިހާރު އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންނަމަވެސް އެމަނިކުފާނު ނެތުމުން ޕާޓީއަށް ސަވާރުވާން ބަޔަކު އަޔަ ނުދިނުމަށް ރައީސް ޔާމީން ސަޕޯޓަރުން ކިބައިން އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނެތުން ނޫނީ ހުރުން އެއީ ލޯމަތީގަ އޮންނަ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ސޫރަ ނޫނީ ޝުއޫރަކީ ހިތުގައި އޮންނަ އެއްޗަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ސަރުކާރަށް ރައްޔިތުންގެ ތާއިދެއް އަދި ލޯތްބެއް ވެސް ނެތްކަން ކަމަށް ވެސް ވިދާޅުވި އެވެ.