ހަބަރު

މަތީތައުލީމު ލޯނު ދޭން އިސްކަންދޭނީ ތަނަވަސް ނޫން ދަރިވަރުންނަށް

ސްޓޫޑެންޓް ލޯނަށް އަންނަ އަހަރު ފުރުސަތު ހުޅުވާލާއިރު، ތަނަވަސްކަން ނެތް ނިކަމެތި އާއިލާތަކުގެ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ ސްޓޫޑެންޓް ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލާނެ ކަމަށާއި މިފަހަރު ލޯނު ދޫކުރާއިރު ހާއްސަ ދެ ބަޔަކަށް އިސްކަންދޭނެ ކަމަށެވެ. އެއީ ތަނަވަސްކަން ނެތް ދަރިވަރުންނާއި އަތޮޅަކުން ކޮންމެ ދާއިރާއަކަށް ކުދިން ނެގުމަށް އިސްކަންދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯނުތަށް ދޫކުރާއިރު ބައެއް އަތޮޅުތަކުން އެންމެ ދަރިވަރަކަށްވެސް ނުލިބޭ ކަމަށާއި އެ ކަމުގެ ޝަކުވާ މީގެކުރިންވެސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި ލޯނު ނުލިބުމުގެ ސަބަބުން، ތަނަވަސްކަން ނެތް ދަރިވަރުން މަތީތައުލީމު ހާސިލް ކުރުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ނުވެ ކުދިންތައް ބިކަވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އެހެން ކަމުން މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރާއި މަޝްވަރާކުރުމަށްފަހު މިފަހަރު ލޯނު ދިނުމުގައި މިފަދަ ދަރިވަރުންނަށް އިސްކަންދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ވަރަށް ގިނަ ލޯނުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ލޯނު ދީފައިވަނީ 52 ދަރިވަރުންނަށް ކަމަށާއި އެހެން ނަމަވެސް ނިމިދިޔަ އަހަރު މަތީ ތައުލީމަށް 567 ލޯނު ދޫކޮށްފައިވާ ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ. އަދި މިކަމަށް ގާތްގަނޑަކަށް 137 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އަންނަ އަހަރު ސްޓޫޑެންޓް ލޯނަށް 750 މިލިއަން ރުފިޔާ ބަޖެޓް ކޮށްފއިވާ ކަމަށާއި މިކަމުން ދޭހަވަނީ މިސަރުކާރުން ތައުލީމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭކަން ކަމަށެވެ.

މަތީ ތައުލީމު ލޯނަށް އެދުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަސްތެރޭގައި ހުޅުވާލާއިރު މިއަހަރު ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ލޯނު ނުލިބޭ ދަރިވަރުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށާއި ނަމަވެސް އެކުދިންނަށް އިސްކަން ދިނުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި އަހަރު މަތީ ތައުލީމުގެ ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ހަޔާ އެޑިއުކޭޝަން މިނިސްޓިރީން ކަނޑައެޅި އުސޫލުތަކާ ހިލާފަށް ފޯމް ހުށަހެޅި ކަމަށްބުނެ ވަރަށް ގިނަ ދަރިވަރުންނަށް ލޯނު ނުލިބޭތީ މިނިސްޓަރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.