ހަބަރު

ބެންޗުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގައި ގޮތެއް ނިންމުމަށް އެކުލަވާލި ބެންޗާމެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

މައްސަލާގައި ހުކުމް އިއްވުމަށް މިއަދަށް ތާވަލުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ ރައީސް ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްފަހު ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ބެންޗު އެކުލަވާލާފައިވާތީ އެވެ.

އެގޮތުން ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކޮށްފަ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ އެއާ ހިލާފަށް ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލައަށްކަން ޖަމީލު ފާހަގަކުރެއްވި އެވެ.

ޖަމީލު ވިދާޅުވީ އަމިއްލައަށް ބެންޗު އެކުލަވާލައި ބެންޗުގައި އަމިއްލައަށް ހިމެނުމަކީ ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާޒީ އަލީ ރަޝީދުގެ މައްސަލާގައި ރައީސް ޔާމީން ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. އަދި މައްސަލައިން ތަނާޒަލްވުމަށް އެދިވަޑައިގެންފައިވެ އެވެ.

އެއީ، ގާޒީ އަލީ ރަޝީދު ރާއްޖެޓީވީއަށް އިންޓަވިއުއެއް ދެއްވާފައިވާތީ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން މީޑިއާއަށް އިންޓަވިއު ދެއްވުން މަނާކޮށްފައިވެ އެވެ. ނަމަވެސް ގާޒީ އަލީ ރަޝީދު ވަނީ އެއީ އިންޓަވިއުއެއް ނޫން ކަމަށް ވިދާޅުވެ މައްސަލައިން ތަނާޒަލްނުވުމަށް ނިންމަވާފަ އެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާތީ ހުކުމް އިއްވުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ކުރިމިނަލް ކޯޓުގައި މިއަދު އެދުނެވެ. ނަމަވެސް އެ ޝަރީއަތް ފަސް ނުކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ރައީސް ޔާމީންގެ މައްސަލާގައި ބެންޗެއް އެކުލަވާލީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ. އޭގެކުރިން މައްސަލަ ބައްލަވަމުން ގެންދެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ގާޒީ ހައިލަމް އެ މައްސަލަ ދޫކޮށްލައްވަން ޖެހުނީ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.

ގާޒީ ހައިލަމް ސަސްޕެންޑްކޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާއާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް އޮތް ދުވަހު އެވެ. މައްސަލާގައި ބެންޗު އެކުލަވާލުމަށްފަހު، މި މަހުގެ ތެރޭގައި އިޖުރާއަތް ފުރިހަމަ ކުރުމަށް އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ނިންމީ މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދާށެވެ.

މި މައްސަލާގައި ދެން ބެންޗުގައި ތިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ. މި ބޭފުޅުންގެ ތެރޭގައި ސީނިއާ ގާޒީއެއް ނެތް ކަމަށް ބުނެ ވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.