ރިޕޯޓް

ރައީސް ޔާމީނަށް "ބަދުނަސީބު" ފަހެއް!

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރި ދުވަހެވެ. އެތައް ދުވަހެއް ވަންދެން އެންމެން އިންތިޒާރު ކުރި މި ބޮޑު ހުކުމް ޔާމީނާ ދެކޮޅަށް ނިމިގެން ދިޔަ އިރު އެމނިކުފާނަށް އުފުލި ދައުވާއާ ޝަރީއަތް ކުރިޔަށް ދިޔަ ގޮތާއި އަދި އެންމެ ފަހުން ހުކުމް އައި ގޮތް އޮތީ "ފަސް ވަނަ" ނަމްބަރާ ގުޅިފަ އެވެ. އެއާއެކު ރައީސް ޔާމީންގެ "ބަދު ނަސީބު ފަހެއް"ގެ އަޑު ސޯޝަލް މީޑިއާގައި ވަރަށް ގަދަވެއްޖެ އެވެ. ބަދު ނަސީބު ފަހެއް އެމަނިކުފާނަށް ނިސްބަތްވަ ސަބަބު މިއޮތީ އެވެ.

ރައީސް ޔާމީންއަކީ ރާއްޖޭގެ "ފަސް ވަނަ" ރައިސުލްޖުމްހޫރިއްޔާއެވެ. އަދި ގިނަަ ޕާޓީތައް އެކުލެވޭ ނިޒާމަކަށް އަމަލު ކުރަން ފެށި ފަހުން ރާއްޖޭގައި "ފަސް" އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސް އެވެ. އެމަނިކުފާނުގެ ވެރިކަން ނިމުމަށް ފަހު އެ "ފަސް" އަހަރުގެ ދައުރުގެ ތެރޭގައި ހިނގި ހިޔާނާތުގެ ކަންކަން ބަލަން އިންތިޒާރުގައި ތިބި އިދިކޮޅު ފަރާތްތައް ވެރިކަމާ ހަވާލުވުމަށް ފަހު "ފަސް" ކުރުމެއް ނެތި، ވަގުތުން އެ މަސައްކަތް ފެށި އެވެ. އަދި އޭރު ތުހުމަަތުވި ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ރައީސް ޔާމީންއަށް ދައުވާކޮށްފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން "ފަސް" ލައްކަ ޑޮލަރު ޖަމާވި މައްސަލަ އެވެ.

މުޅި ރާއްޖެއަށް ވަގުތުން ފޮނުވާ، ޓީވީތަކުން ލައިވްކޮށް އެ ޝަރީއަތް ފެށުނެވެ. ޝަަރީއަތް ކުރިޔަށް ގޮސް އެމަނިކުފާނަށް ހުކުމް ކުރުން މި މަހުގެ "ފަހަކަށް" ތާވަލު ކުރި އެވެ. ނަމަވެސް އޭރު މައްސަލަ ބެލި ގާޒީ ސަސްޕެންޑު ކުރުމުން ޔާމީންއަށް ހުކުމް ކުރުން "ފަސް" ކުރި އެވެ. އެއަށް ފަހު "ފަސް" ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައި، އެ މައްސަލަ ކުރިން އޮތް ހިސާބުން ކުރިޔަށް ގެންދަން ނިންމި އެވެ.

އެންމެ ފަހުން މިއަދު ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް "ފަސް" ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެވެ. އަދި އަދަބު ކަނޑައެޅުން "ފަސް" ކުރަން ވަކީލުން އެދެމުން ދަނިކޮށް، އެމަނިކުފާނު "ފަސް" އަހަރަށް ޖަލަށްލުމަށާއި "ފަސް" މިލިއަން ޑޮލަަރު ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.