ރައީސް ޔާމީންގެ ޝަރީއަތް

ޔާމީން މިނިވަންވުން، މައިދާނަށް އަންނާނީ ކޮން ކަހަލަ ފުރޮޅުމެއް؟

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ ފަސް އަހަރަށް ޖަލަށް ލުމަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ހުކުމާއެކު 2023 ގެ ރިޔާސީ އިންތިހާބުން އެމަނިކުފާނަށް ފުރުސަތު ގެއްލުނެވެ. އެކަން ވެގެން ދިޔައީ އިދިކޮޅު ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ. ހުކުމާއެކު ޖަޒުބާތުގައި ޖެހި ޕީޕީއެމް އާއި ޕީއެންސީ ކައުންސިލް އެއްވިއެވެ. އަދި ހުކުމް ކޮންމެ ގޮތަކަށް އޮތަސް 2023 ގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމާ ގަރާރެއް ފާސްކުރިއެވެ. ރައީސް ޔާމީނަށް ރިޔާސީ ރޭހުން ފުރުސަތު ގެއްލިވަޑައިގަތުމަކީ ސަރުކާރަށް ލިބުނު ކާމިޔާބެއް ކަަމަށް ދެކި ސަރުކާރާއެކު ތިބި ޕާޓީތަކުން އުފާކުރިއެވެ. އަދި ތިންވަނަ ފުރުސަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އަމާޒު ހިފާފައިވާ ބޭފުޅުންވެސް މަސައްކަތް ފެށިއެވެ. އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަނެއް ބޭފުޅަކީ މި ފަހުން އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމެވެ.

އިދިިކޮޅު ކޯލިޝަންގެ ބޭރުން ރިޔާސީ ރޭހަށް ތައްޔާރުވުމުގެ ކަންކަން ބާރަށް ކުރިއަށްދިޔައިރު ކޯލިޝަންގެ ތެރޭގައިވެސް ތަފާތު ގޮތްތަކަށް އެ މަސައްކަތް ކުރިއަށް ދިޔައެވެ. އެއީ ފޮރުވިފައި އޮތް ނަމަވެސް ހަގީގަތެވެ. ރިޔާސީ ރޭހަށް ނިކުމެވަޑައިގެންފާނެ ކަމަށް އަޑުތައް އޮތް ދެ ތިން ބޭފުޅަކު ޕީޕީއެމް/ޕީއެންސީގައި ހިމެނިވަޑައިގަތެވެ. އެއް ބޭފުޅަކީ ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނެވެ. ޢައްސާންއަކީ ޕީޕީއެމްގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. ޕީޕީއެމްގެ ނާއިބު ރައީސްގެ އިތުރުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގައި ޣައްސާންގެ ދައުރު ބޮޑެވެ.

މި ލިސްޓްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނަންވެސް ވަރަށް ކުރީގައި އޮވެއެވެ. މުއިއްޒުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރުން ހިންގެވި ތަރައްގީގެ ބޮޑެތި މަޝްރޫއުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ބޭފުޅެކެވެ. އެ މަގުބޫލު ކަމާއެކު މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމަކީ މުއިއްޒުގެ މަގުބޫލުކަން އިތުރުވީ ސަބަބެކެވެ. އެހެެން ކަމުން 2023 ގައި ރައީސް ޔާމީނަށް ރިޔާސީ ރޭހުން ފުރުސަތު ގެއްލިއްޖެނަމަ އެ ފުރުސަތު ލިބިވަޑައިގަންނަވާނީ މުއިއްޒުއަށް ކަމަށް ވަަރަށް ގިނަ ބަޔަކު ދެކުނެވެ. އެ މަގުން މުއިއްޒު މަަސައްކަތް ކުރައްވާ ނުރަސްމީ ކެންޕެއިން ކުރިއަށް ގެންދަވާ ކަމުގެ ތުހުމަތުވެސް އޮވެއެވެ.

ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ނަންވެސް މި ލިސްޓްގައި ހިމެނެއެވެ. ޖަމީލާމެދު ޕީޕީއެމްގެ ބައެއް މެންބަރުންނާއި ލީޑާޝިޕްގެ ބޭފުޅުންގެ ނުރުހުން އޮތް ނަމަވެސް ރިޔާސީ ރޭހުގެ ލިސްޓުން ޖަމީލު ކުރި ހޯއްދަވަނީ ރައީސް ޔާމީން އެމަނިކުފާނަށް ކުރައްވާ އިތުބާރަކުން ކަމަށް ދެކޭ މީހުން ގިނައެވެ. ނާއިބު ރައީސްކަމުގައި ކުރަން ޖެހިވަޑައިގެންނެވި ހިތި ތަޖުރިބާގެ ހަނދާންތައް ފުހެލައްވާ ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ޖަމީލު އިސްނެންގެވުމަކީ ޕީޕީއެމްގެ ތެރެއިން ޖަމީލަށް ފުރުސަތު ލިބިވަޑައިގެންނެވި އެންމެ މުހިންމު ސަބަބެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަންވެސް ރިޔާސީ ރޭހުގެ ލިސްޓްގައި ހިމެނެއެވެ. މި ދެ ބޭފުޅުންނަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުންނެވެ. ރައީސް ޔާމީންގެ އަރިހުގައި މިވަގުތު ހުންނެވި ސިޔާސީ ގޮތުން އެންމެ ހައި ޕްރޮފައިލް އެއް ބޭފުޅަކީ ރައީސް ވަހީދެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބުގައި ރަނިން މޭޓެއްގެ ގޮތުގައި ޔާމީން ހޮއްވެވީ ޝަހީމެވެ. އެހެންވީމަ މިއިން ކޮންމެ ބޭފުޅަކީވެސް ރައީސް ޔާމީން ނެތް ހާލަތެއްގައި އިންތިހާބަށް ނެރެން އެންމެ ރަނގަޅު ބޭފުޅުން ކަމަށް ބަލަމާ ހިނގާށެވެ.

ނަމަވެސް މިހާރު އޮތް ސުވާލަކީ މިއީއެއް ނޫނެވެ. އިއްޔެ ސުޕްރީމް ކޯޓުން ނިންމި ތާރީހީ ބޮޑު ނިންމުމާއެކު އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީނަށް ގާނޫނީ ގޮތުން އޮތް ހުރަސްތަކަށް މިވަގުތަށް މިވަނީ ފިލާ ގޮސްފައެވެ. އިދިކޮޅު ލީޑަރުގެ ލަގަބު އެމަނިކުފާނަށް މިހާރު ވަނީ ލިބިވަޑައިގެންފައެވެ. އެހެން ކަމުން ސިޔާސީ މަސްރަހަށް ދެން އަންނާނީ ކޮން ކަހަލަ ފުރޮޅުމެއްތޯ އެއީ ކޮށްލަން ޖެހޭ ސުވާލެކެވެ.

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމުން ފުރުސަތު ދޭނީ ކޮން ކޮންޑިޑޭޓަކަށްތޯ ކުރެވުނު ބަހުސް ކިތަންމެ ފުޅާވިނަމަވެސް މި ބަހުސްގައި ލިސްޓްގައި ހިމެނިވަޑައިގެންނެވި އެއްވެސް ބޭފުޅަކު ފާޅުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. ސިޔާސީ ޕްލެޓްފޯމްތަކުގައި މިއިން ކޮންމެ ބޭފުޅަކުވެސް ވިދާޅުވަމުން ގެންދެވީ ރިޔާސީ ރޭހުން ރައީސް ޔާމީނަށް ފުރުސަތު ގެއްލިވަޑައިގަންނަވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ ހާލަތަކަށް ވިސްނަވަންވެސް ބޭނުން ނުވާ ކަމަށެވެ. ހުންނަވާތީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއް ކަމަށްވެސް ވިދާޅުވެއެވެ.

ނަމަވެސް ސިޔާސީ ގޮތުން ކުރިއަށް ފިޔަވަޅެއް އެޅުމުގެ ޝަައުގުވެރިކަން ކޮންމެ ބޭފުޅެއްގެވެސް އޮންނާނެ އެވެ. ޕާޓީގެ ތެރޭގައި ސަޕޯޓް އިތުރުކުރުމަށް ބައެއް ބޭފުޅުން މިދިޔަ ދުވަސްތަކުގައި ކުރި މަސައްކަތްތަކަކީ އެ މަގުސަދުގައި ކުރި މަސައްކަތްތަކެވެ. އަދި ބައެއް ބޭފުޅުން ވަނީ ރިޔާސީ ރޭހަށް ނުސީދާކޮށް ޝައުގުވެރިކަން ފާޅުކުރައްވާ އެ ވާހަކަ ޕާޓީގެ ބައެއް އިސް ބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ. ޕްރައިމަރީން ކުރި ހޯއްދަވަން އެކި މަސައްކަތްތައްވެސް ބައެއް ބޭފުޅުން ފެއްޓެވިއެވެ. ނަމަވެސް އެއިން ކޮންމެ ބޭފުޅެއްވެސް އެ މަސައްކަތް ކުރިއަށް ގެންދާވާނީ ރައީސް ޔާމީނަށް ފުރުސަތު ނެތް ހާލަތެއްގައި ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ. އެ ބޭފުޅުންގެ ވިސްނުންފުޅު އެނގިވަޑައިގަންނަވާ ބޭފުޅުންވެސް އެކަން އެގޮތަށް ޔަގީން ކޮށްދެއްވައެވެ.

އެހެންވީމަ ރައީސް ޔާމީނަށް ލިބިވަޑަައިގަންނެވި ފުރުސަތާއެކު އެ ބޭފުޅުންގެ މަސައްކަތްޕުޅު އެހާ ހަމައަށް ހުއްޓުނީއެވެ. ރައީސް ޔާމީނާއެކު ކުރިއަށް ވަޑައިގަންނަވާނީ އެވެ. އުންމީދު ބަދަލު ކުރައްވާނީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަކަށްވެސް ވެދާނެ އެވެ. ޔަގީނުންވެސް އެ ޝައުގުވެރިކަމުގައިވެސް މަސައްކަތް ކުރައްވާ ބޭފުޅުން ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގައި މަދެއް ނޫނެވެ.

ދެން އޮތީ ސިޔާސީ ވާދަވެރިންގެ މަަަސައްކަތަށް ވެދާނެ ގޮތެވެ. ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބައެއް ބޭފުޅުންގެ ނަޒަރުގައި 2023 ގެ ރިޔާސީ ރޭހުން ރައީސް ޔާމީން އެކަހެރި ކުރުމަކީ ސަރުކާރުން ވަރަށް ބޭނުންވާނެ ކަމެވެ. އެމްޑީޕީން އެ މަގަށް މަސައްކަތްވެސް ކުރާނެ އެވެ. އަދި ސަރުކާރާއެކު ކޯލިޝަންގައި އޮތް ތިން ޕާޓީންވެސް ބޭނުންވާނީ ރައީސް ޔާމީންގެ ނަން ނެތް ރިޔާސީ އިންތިހާބެކެވެ.

ޔާމީންގެ ވެރިކަމުގައި ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާގެ ހަނދާން މައުމޫންގެ އެމްއާރްއެމް އާއި އިމްރާންގެ އަދާލަތު އަދި ގާސިމްގެ ޖުމްހޫރީ ޕާޓީން އަދިވެސް ތާޒާކުރުމަކީ ރިޔާސީ ރޭހުން ޔާމީން ފޭކުރަން ބޭނުންވާ ކަމުގެ ހެކިތަކެވެ. އެ ޕާޓީތަކުގެ ތެރެއިން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެވަނަ ދައުރެއް ހޯދަން ބޭނުންވާ ޕާޓީތައްވެސް ވެއެވެ. އަޑުތައް އޮތް ގޮތުން އަދާލަތާއި އެމްއާރްއެމްގެ ވިސްނުމަކީ އެއީއެވެ. ނަމަވެސް ހަނި ފުރުސަތެއް އޮތް ކަމަށް ފެނިވަޑައިގަތަސް ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުން ގާތެވެ. ޖޭޕީގެ މިހާރުވެސް އޮތް ނިންމުމަކީ 2023 އަށް ކެންޑިޑޭޓަކު ނެރުމެވެ.

ރައީސް ސޯލިހު ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ރަސްމީކޮށް ފާޅުކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެއީ ވަގުތާއި ހާލަތަށް ބެލުމަށް ފަހު ރަސްމީކޮށްލައްވަން ފަސްކޮށްފައި އޮތް ނިންމުމެއް ކަަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިހާރުވެސް 2023 ގެ ނުރަސްމީ ކެންޕެއިން އޮތީ ފެށިފައެވެ. ރައީސް ނަޝީދުގެ މައްޗަށް ހުރިހާ ގޮތަކުން ކުރި ހޯއްދަވާ އެމްޑީޕީގައި ނުފޫޒު ގަދަކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ މައިގަނޑު ބޭނުމަކީ 2023ގެ އިންތިހާބަށް ކުރިމަތިލެއްވުމެވެ. އެހެން ކަމުންް ރިޔާސީ ރޭހުން ރައީސް ޔާމީނަށް ފުރުސަތު އޮވެެއްޖެނަމަ ރައީސް ސޯލިހަށް އޮންނާނެ އެންމެ ބޮޑު ހުރަހަކީ ޔާމީނަށް ވާނެ އެވެ. އެހެން ކަމުން ޔާމީނަށް މި ފަހަރު ފުރުސަތު ނެތުމަކީ ރައީސް ސޯލިހަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭކެވެ. އެ މަގުން އެމަނިކުފާނަށް ކުރެއްވުނު މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ބެލެވެއެވެ.

2023 ގައި ރިޔާސީ އިންތިހާބެއް އޮވެއްޖެނަމަ އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން މޮޅުވެ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އެންމެ ބޮޑަށް ބޭނުން ވަނީ 2023ގެ އިންތިހާބު ސަސްޕެންޑް ކުރާށެވެ. އެ ފަހުން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލާ 2024އާ ހަމައަށް ރިޔާސީ ދައުރު ދަންމާލުމެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކަށް މަގު ކޮށަންވެސް ލައްކަ މަސައްކަތް ނަޝީދު ކުރައްވައިފި އެވެ. މާބޮޑު ކުރިއެރުމެއް ނެތަސް އެންމެ ފަހު ވަގުތާ ހަމައަށްވެސް އެ މަސައްކަތުގައި އެމަނިކުފާނު ދެމި ހުންނަވާނެ އެވެ. އެ ވާހަކަ ތަކުރާރުކޮށް އެ ގެންދަވަނީ ވިދާޅުވަމުންނެވެ.

ޔާމީން މިނިވަންވެވަޑައިގަތުމާއެކު ނަޝީދު އެންމެ އިސްކަން ދެއްވާނީވެސް ނިޒާމު ބަދަލުކުރުމަށް ޔާމީނާއެކު މަޝްވަރާ ކުރުމެވެ. ނަމަވެސް އެކަމުގައި އިދިކޮޅުން ދޫދޭނެ ކަމަކަށް ނުބެލެއެވެ. މިހާތަނަށް ދެ ރައީސުންގެ މެދުގައި މަޝްވަރާއެއް ހިނގާފައިވާނަމަ އެ މަޝްވަރާއެއް އެ ހިންގީ ރައީސް ޔާމީނަށް އޮތް ގާނޫނީ ހުރަސްތައް ނައްތާލެއްވުމުގެ ބޭނުންފުޅު އޮތުމުންނެވެ. އެ ބޭނުން މިހާރު ފުދުމުން ނިޒާމު ބަދަލު ކުރުމަށް މަޝްވަރާ ކުރަން ޖެހޭ ސަބަބެއް ނެތެވެ. އަމުދުން އިިދިކޮޅުގެ ސަޕޯޓަރުންގެ ތާއީދަށް އަސަރެއް ކުރާނެ ކަމެއް މިވަގުތު އެމަނިކު ނުވެސް ކުރައްވާނެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވި އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެމަނިކުފާނު ނިންމަވާފައިވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އުމަރުގެ ނަޒަރުގައި ރައްޔިތުންގެ މެދުގައި ޕާޓީ ނިޒާމަށް އިތުބާރެއް ނެތެވެ. ހާއްސަކޮށް ބޮޑު ދެ ޕާޓީއަށް ދިން ފުރުސަތުގައި ނަތީޖާއެއް ނެތުމުން ރައްޔިތުން ތިބީ އިތުރު ގޮތެއް ބޭނުމުގައެވެ. ނަމަވެސް އެ މަގަށް އުމަރަށްވެސް ކިރިޔާ ފުރުސަތެއް އޮތީ ރައީސް ޔާމީން ނެތް އިންތިހާބަކުންނެވެ.

ރިޔާސީ ރޭހުގައި ޔާމީން ނެތުމަކީ އުމަރަށްވެސް ބޮޑު ފައިދާއެކެވެ. އުމަރާއި ޕީޕީއެމާއި ގުޅޭ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. ހިސާބެއްގެ ރުޅިވެރިކަމެއް އޮތަސް އުމަރަކީ ޕީޕީއެމްގެ ގްރާސްރޫޓްގެ ލޯބި އޮތް ބޭފުޅެކެވެ. އެ ލޯބި ރިޔާސީ އިންތިހާބުގައި އުމަރަށް ހޯދިދާނެ ކަމަށް އޭނާ ދެކެއެވެ. ނަމަވެސް އެއީ ޔާމީނަށް ފުރުސަތު ނެތް އިންތިހާބެއްގައެވެ.

އުމަރު ކުރީން ވިދާޅުވި ގޮތުގައި ރިޔާސީ ރޭހުން ޔާމީނަށް ފުރުސަތެއް ނެތެވެ. އަދި ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމް ދަމަހައްޓާނެ އެވެ. ނަމަވެސް އެ ހާލަތު މިއަދު މި އޮތީ ބަދަލުވެފައެވެ.

އުމަރުގެ އިތުރުން ކާނަލް ނާޒިމަކީވެސް 2023ގެ ކެންޑިޑޭޓަކަށްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެކެވެ. ވަގުތު އޮއްވާ ނާޒިމް އެ މަަސައްކަތް ފެއްޓެވީ ޕާޓީއެއް އުފައްދަވައިގެންނެވެ. އެމްއެންޕީއަކީ ވަރުގަދަ ޕާޓީއަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްވެސް ކާމިޔާބެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 13،000 މެންބަރުން ހަމަކޮށްފި އެވެ. އަދި ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުންކޮޅަކާއެކު އެމްއެންޕީގެ އަޑު ގަދަކޮށްލައިފި އެވެ.

ނާޒިމް ވަނީ ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވާ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްއެންޕީއަށްވެސް އެންމެ ފަހި ފުރުސަތެއް އޮތީ ރައީސް ޔާމީން ނެތް ރިޔާސީ އިންތިހާބެއްގައެވެ. އެއީ ކަށަވަރު މުޖައްރިބު ކަމެކެވެ. ޕާޓީގެ އިސް ބޭފުޅުންގެ ވިސްނުންވެސް ހުންނާނީ އެ ގޮތަށް ކަމަށް ބެލެއެވެ. ޔާމީން މިނިވަން ވާނެ ކަމަށް ނުބެލެވޭ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މީގެ ކުރީން ވިދާޅުވެފައިވެއެވެ. އެހެންވީމަ ރިޔާސީ ރޭހުން ކުރި ހޯއްދެވިދާނެ ކަމަށް އެމްއެންޕީވެސް މިހާތަނަށް ހިސާބު ޖަހަމުން އައީ ޔާމީނަށް ފުރުސަތު ނޯންނާނެ ކަމަށް ބަލައިގެން ކަމަށް ބެލެވެ. އެކަމު އެ ހާލަތު މިވަގުތަށް މި އޮތީ ބަދަލުވެފައެވެ.

ދެން އޮތީ ރައީސް ޔާމީނާ ދެކޮޅަށް މިވަގުތު ކޯޓްތަކުގައި ހިނގަމުންދާ މައްސަލަތަކުން ނިކުންނާނެ ނަތީޖާއާމެދު ކުރެވޭ ސުވާލެވެ. ދަށު ކޯޓްގައި މިވަގުތުވެސް ހަތަރު މައްސަލައެއް އެބައޮތެވެ. ބޮޑެތި ދައުވާތަކެވެ. އެ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެެއް ޝަރީއަތް ފެށިއްޖެ އެވެ. އިތުރު ދެ ދައުވާއެއް ކޯޓަށް އޮތީ ފޮނުވާފައެވެ.

ދަށު ކޯޓްގެ ފުރަތަމަ ހުކުމް މަތީ މަރުހަލާއިން ނިންމުމަށް ދެ އަހަރު ދުވަސް ހޭދަވިއެވެ. އެހެންވީމަ ރައީސް ޔާމީނަށް އިތުރު ހުކުމެއް އަތުވެއްޖެނަމަ އަނެއްކާވެސް ރިޔާސީ ރޭހުން ފުރުސަތު ގެއްލުނީއެވެ. ރިޔާސީ އިންތިހާބަށް ދެން ދެ އަހަރުގެ މުއްދަތެއްވެސް ނެތެވެ. އެހެންވީމަ އިތުރު ހުކުމަކުން މަތީ މަރުހަލާގެ ނިންމުމަށް ވާސިލުނުވެ ވަނިކޮށް ރިޔާސީ އިންތިހާބު ބޯމަތިވެދާނެ އެވެ. އެ މަގުން ކަންކަން ހިނގާން އެމަނިކުފާނުގެ ވާދަވެރިން އެދޭނެ އެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ނަޒަރުގައި ސުޕްރީމް ކޯޓްގެ ހުކުމާއެކު ދެން ރައީސް ޔާމީންގެ މައްޗަށް އިތުރު ހުކުމެއް ގެނައުމަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ. ޖެހިލުންވާނެ އެވެ. ނަމަވެސް އެއީ ބުރަދަން ހުރި ވާހަކައަކަށް ނުވެއެވެ. ދަށު ކޯޓް އަދިވެސް އޮތީ ކުރީން އޮތް ގޮތަށެވެ. އެ ކޯޓުން ކުރީން ނިކުތް ފަދަ ހުކުމެއް ނިކުތުމަށް ހުރަސްއަޅާނެ ކަމެއް މިދިޔަ މުއްދަތުގައި ހިނގާފައެއް ނެތެވެ. އެހެންވީމަ މިހާރު އޮތީ ރައީސް ޔާމީންގެ މައްސަލަތައް ނިމެންދެން މަޑުކުރުމެވެ. ވާނެ ގޮތެއް ސާފުވާން އެ ނޫން މަގެއް ނެތެވެ.

ފަހަރުގައި މައްސަލަތައް ނުނިމި 2023 ބައްދަލުކޮށްފާނެ އެވެ. ހުކުމެއް އަންނާނީ ރިޔާސީ އިންތިހާބާ ދިމާކޮށް ކަަމަށްވެސް ވެދާނެ އެވެ.

އެކަމަކު އިއްޔެ ސުޕްރީމް ކޯޓުން އިއްވި ހުކުމާއެކު ސިޔާސީ ޗާޓު ކުރަމުން އައި ގޮތް މިވަނީ ބަދަލުވެފައެވެ. އެތެރެއިން ރިޔާސީ ޓިކެޓަށް އުންމީދުކުރި ބޭފުޅުން މަސައްކަތް ހުއްޓާލާ ފަހަތަށް ޖެހެން ޖެހިއްޖެ އެވެ. އުންމީދެއް އޮތް ނަމަ ދެން ކުރައްވަންވީ ރަނިންމޭޓް ކަަމަށެވެ. ރައީސް ޔާމީނާ ނުލައި އިންތިހާބު ނެގޭނެ ކަމަށް ވާދަވެރި ލީޑަރުން ކުރަމުން އައި އުންމީދުވެސް މި ވަގުތަށް ދޫކޮށްލަން ޖެހެއެވެ. އެހެން ގޮތަކަށް އެތުރު ފޯމިއުލާ ބަދަލު ކުރާންޖެހޭނެ އެވެ. އެކަން އެ ލީޑަރުން ކުރައްވާނެވެސް މެއެވެ.