ރައީސް މުހައްމަދު ނަޝީދު

23 ގައި އެމްޑީޕީގެ ކެންޑިޑޭޓަކީ އަޅުގަނޑު، ނިޒާމު ފުރޮޅާލާނެ: ނަޝީދު

ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީން ކަމަށެވެ. އެ ޕްރައިމަރިގައި ބައިވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބުގައި އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މިއީ 2023ގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާ އަދި ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ރައީސް ނަޝީދު ވިދާޅުވި މިހާ ސާފުކޮށް ވިދާޅުވި ފުރަތަމަ ފަހަރެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެ ވާހަކަފުޅަކީ ހައިރާންވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަދަ ވާހަކަތަކެއް ނޫން ކަމަށެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް މިހާތަނަށް ވިދާޅުވެފައި ނުވާ ކަމަށާ ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން މީގެ ކުރީންވެސް ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމެއް ކުރިއަށް ގެންގޮސްފަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދީފަ އެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުުންނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

ނަމަވެސް ނިޒާމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅު މުޅީން ތަފާތެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް ވަގުތުވެސް ނެތް ކަމަށެވެ. އަދި ހުރިހާ ފޯކަސް އެއް އޮތީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލު ކުރުމަކީ ރައްޔިތުންނަށް ނޫނީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު ކުރައްވާ މަަސައްކަތްޕުޅާއި ރައީސް ސޯލިހް ފާޅުގައި ދެކޮޅު ނުހައްދަވާ ކަމަށެވެ. އަދި ފާޅުގައި ދެކޮޅު ނުވެސް ހައްދަވާނެ ކަމަށެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށާ އަދި މިހާރުވެސް އެންމެ ބޮޑު ތާއީދެއް ދެއްވަނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

"ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއީ [ބަރުލަމާނީ ނިޒާމަކަށް] އޮތް ހުރަހެއް ނޫން،" ނަޝީދު ވިދާޅުވިއެވެ. "އަދި މިވަގުތުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަަށް އެންމެ އިހުލާސްތެރި މީހަކީ އަޅުގަނޑު،"

މީގެ އިތުުރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ޕީޕީއެމްގެ ތާއީދުވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ