ރައީސް އަބްދުﷲ ޔާމީން

96،000 މީހުން ތެރެއިން އެކެއް، އެހެން މީހުން ކޮބާ؟

"އެ ދައްތަ އިނީ ރައީސް ޔާމީން ދެކެލާފައި ނޫނީ ނުދާން!"

އިއްޔެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޖަލުން މާލެ ގެނެސްފައި ވަނީ ގިނަ ދުވަސްތަކަކަށްފަހު އެވެ. އޭރު އެމަނިކުފާނަށް ލިބޭ ކޮއްތާއި ޖަލުގެ އަނިޔާގެ ސަބަބުން ހިކި އަނަރޫފަވެ، ސިފަ ހަޑިވެފައިވާ ކަމުގެ އަޑުތައް އޮތީ އަރާފަ އެވެ.

އެ އަޑުތަކަކީ ރައީސް ޔާމީން ދެކެ އިންތިހާއަށް ލޯބިވާ ފިޔާތޮއްޓަށް ލޯބިކުރާ މީހުންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ރައީސް ޔާމީން އިއްޔެ މާލެ ގެނެސް، ހައިކޯޓުގައި ޝަރީއަތް ކުރިއަށް ދިޔައިރު މީގެ ކުރިން އެމަނިކުފާނުގެ ޝަރީއަތަކަށް ނުވަންނަ މިންވަރަށް ސަޕޯޓަރުން ވަނެވެ. ކޯޓު ބޭރުގައި ވެސް ކޮންމެ ވެސް ވަރަކަށް ސަޕޯޓަރުން އެއްވެ ތިއްބެވެ. އެކަމަކު މާގިނަ އެއްވެސް ނޫނެވެ.

ކޯޓުގެ ދިގު އަޑުއެހުން ނިމުނުއިރު އެއްވި ސަޕޯޓަރުންގެ ބޮޑު ބައެއް މަދެވެ. އެކަމަކު، އެމަނިކުފާނުއާ އެންމެ ގަޔާވާ އަންހެންވެރިންތަކެއް ވަރަށް ޖޯޝުގައި ތިއްބެވެ. ރައީސް ޔާމީނަށް ހިތްވަރު ދިނުމަށް އެމީހުން ކޯޓު ބޭރުގައި ތިބީ އެވެ. ފުލުހުން މުޅި އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ކޯޓު ބޭރުން ރައީސް ޔާމީން ފެންނަ ވަރެއް އެއްވެސް ބަޔަކަށް ނުވި އެވެ.

ރައީސް ޔާމީނާއެކު ކަރެކްޝަން ވެހިކަލް ނައްޓާލުމުން އަންހެން ސަޕޯޓަރުންކޮޅު ޝަހީދު ހުސެއިން އާދަމް ބިލްޑިންއާ ދިމާ ޖެޓީ ކައިރިއަށް ދިޔަ އެވެ. އެ އަންހެންވެރިންގެ ތެރެއިން އެއް އަންހެނަކު ފާހަގަވެ އޭނާގެ ފޮޓޯތައް "ވައިރަލް" ވެގެން ދިޔައީ ސަބަބުތަކެއް އޮވެގެނެވެ.

ރައީސް ޔާމީނަށް 96،000 މީހުންގެ ތާއީދު އޮތްކަން އިންތިހާބުން ދެއްކި އެވެ. އެކަމަކު އެ އެންމެންގެ ތެރެއިން އެކަކު އެއަށްވުރެ ބޮޑު ތާއީދެއް އިއްޔެ ރައީސް ޔާމީނަށް ދެއްކި އެވެ.

ރައީސް ޔާމީން އިންނެވި ވެހިކަލް ޖެޓީއާ ކައިރިކުރިއިރު މެދު އުމުރު ފުރާގެ އަންހެނާ އިނީ ތޮށިގަނޑު މަތީ އިށީނދެ އެވެ. އެއީ ވަނުން މަނާ ވެސް ކޮށްފައިވާ ސަރަހައްދެކެވެ. އެކަމަކު އޭނާގެ ލޯބި، ފުލުހުންނަކަށްވެސް ނުހުއްޓުވުނެވެ. އޭނާ އެ ތަނުން ދުރުކުރަން އަންހެން ފުލުހުންތަކެއް އުޅުނުވެސް މެއެވެ. އެކަމަކު ގަދަކަމަކުން ނޫނެވެ. ހިނިތުންވުމާއެކު އެވެ. އެ އަންހެން މީހާ، ރައީސް ޔާމީނަށް ދެއްކި ލޯތްބަށް ފުލުހުން ވެސް ގަދަކަން ނުދެއްކީ އެވެ.

ފުލުހުން، އޭނާ ދުރު ކުރަން މަސައްކަތް ކުރުމުން ވެސް ނުގޮސް ތޮށިގަނޑު މަތީގައި އިނީ އެވެ. ރައީސް ޔާމީންގެ އިންތިޒާރުގަ އެވެ.

ވެހިކަލްގައި ގެނެސް ރައީސް ޔާމީން ލޯންޗަށް އެރުވި އެވެ. އޭރު ވެސް އޭނާ އިނީ ހަމަ އެ ގޮތުގަ އެވެ. އިއްޔެ ރައީސް ޔާމީން އެންމެ ރީއްޗަށް ފެންނާނެ އެކަކީ އެއީ އެވެ. ރައީސް ޔާމީނަށް ވެސް އެ ސަޕޯޓަރުގެ ލޯބާއި ތާއިދު އެއްވެސް ހުރަހެއް ނެތި ފެނުނެވެ. ރައީސް ޔާމީން ވެސް ވަނީ އޭނާ އަތުގެ އިޝާރާތުން ސަލާމް ކުރައްވާފަ އެވެ.

ރައީސް ޔާމީން ލޯންޗަށް އެރުވުމާއެކު އޭނާ އެ ތަނުން ތެދުވެގެން ދުރަށް ދިޔަ އެވެ. ރައީސް ޔާމީން ފެނުނަސް އުފާ ވިޔަސް ގެންދިޔުމުން ހިތް ވެސް ހުރީ ނުތަނަވަސްވެފަ އެވެ. އެ ނުތަނަވަސް ކަމާއެކު ވެސް އޭނާ ދެއްކި ލޯތްބާއި ތާއީދު މާބޮޑަށް ވެސް މަގުބޫލު ވެއްޖެ އެވެ. ޕީޕީއެމްގެ ފިޔާތޮށި ލަޝްކަރުގެ އެންމެ ކުރީގައި އޭނާގެ ނަން ފެވެން ޖެހެ އެވެ.