ރައީސް މުހައްމަދު ނަޝީދު

ރައީސް ސޯލިހާއެކު ސިޔާސީގޮތުން ނުހުރެވޭނެ، ޔާމީންގެ އެހީއަށް އެެދޭނަން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ. އެ ގްރޫޕަށް އެމަނިކުފާނު ވަނީ ވަރަށް ގިނަ މެސެޖްތަކެއް ލިޔުއްވާފައެވެ. ރައީސް ނަޝީދުގެ އެއް މެސެޖްގައި ވިދާޅުވީ "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި އަދި ޕީޕީއެމްގެ ގާތުގައިވެސް އެ ވާހަކަތައް (ހަރުކަށި ފިކުރުގެ ވާހަކަ) ދެއްކުން މުހިންމު ކަމަށެވެ.

"އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭނެ. ވެރިކަމެއް ބޭނުމެއް ނޫން. އެކަންވެސް ކުރެވިއްޖެ. ނުކުރެވޭ އެއްވެސް އެއްވެސް ކަމެއް ނެތް. ރައީސުލްޖުމްްހޫރިއްޔާވެސް އެހުރީ ތާށިވެފައި،" އެހެން މެސެޖެއްގައި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރު މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހްް، ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށެވެ. އަދި ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ބޭފުޅުންގެ އެއީ "އިބޫ ދޮންބެ" ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއެކީ ސިޔާސީ ގޮތުން ދެން ނުހުރެވޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ [ރައީސް ނަޝީދު އާއި ރައީސް ސޯލިހް] ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ 'އިބޫ ދޮންބެ' އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

އަދި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނު ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އެމްޑީޕީ އެކަކުވެސް ރައީސް ސޯލިހް އާއި ޒާތީ ނުވުން. އަދި ރައީސުލްޖުމްހޫރިއްޔާއަަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރަށް،" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރީންވެސް ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. "އާސްކް ސްޕީކާ" ޕްރަގްރާމްގައި ނަޝީދު ވިދާޅުވީ ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުުރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ޕީޕީއެމްގެ ތާއީދުވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ

"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.