އުމަރު ނަސީރު

އިންތިހާބުގައި ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި: އުމަރު

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ނިންމެވުން ބަދަލު ނުކުރައްވާނެ ކަމަށާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ އަވަސްގެ "ސުވާލަަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އުމަރު ވިދާޅުވީ 2023 ގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ނިންމުމުގެ މަތީގައި ދެމި ހުންނެވި ކަމަށެވެ. އަދި އެކަމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.

އިންތިހާބަށް ނިކުންނަވާއިރު އޭނާގެ ފަހަތުގައި ތައުލީމީ ގާބިލު ޓީމެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެ ޓީމަކީ ސާފު ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ. އެއީ ސިޔާސީ ގޮތުން މަޝްހޫރު ބޭފުޅުން ހިމެނޭ ޓީމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ މުޅީން އައު ގޮތަކަށް ބައްޓަން ކުރައްވަން މަސައްކަތް ކުރައްވާއިރު އެކަމުގައި ތިއްބަވާނީ އަދި ތިއްބަވަން ވާނީވެސް އައު ޓީމެއް ކަމަށެވެ.

"އާދެ، އެއްވެސް ޝައްކެއް ނެތް. އަޅުގަނޑު މިހުރީ 2023 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގަސްތުކޮށްގެން. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަމުން އަޅުގަނޑު މި ގެންދަނީ. ﷲ އިރާދަކުރެއްވިއްޔާމު 2023 ގެ ރިޔާސީ ޓިކެޓްގައި އުމަރު ނަސީރު، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އޮންނާނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ޓީމުގައި މަޝްހޫރު މޫނުތައް ނެތް ކަމަށް ބުނެ ބައެއް ފާޑުކިޔުން އަމާޒުވި ނަމަވެސް އެއީ ޖަވާބު ދެއްވަން ބޭނުންފުޅުވާ ފާޑުކިޔުންތަކެއް ނޫން ކަމަށެވެ. ރާއްޖެ ބަދަލު ކުރެވޭނީ މިހާރު ސިޔާސީ މަސައްކަތުގައި ތިއްބެވި ފަސްބައި ކިލަނބު މީހުން ނުހިމަނާ ކުރެވޭ މަސައްކަތަކުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ކްލީން ޓީމެއް. އަޅުގަނޑު ބޭނުންވަނީ އެންމެ މަޝްހޫރު މީހާއެއް ނޫން. އަޅުގަނޑު ބޭނުންވަނީ އެންމެ ފަސްބައި ސާފުކޮށް ހުރި ގާބިލު އެންމެ ހިންގުންތެރިކަމާއެކު މަސައްކަތް ކޮށްދޭނެ މީހެއް. އެންމެ މަޝްހޫރު މީހުން އަޅުގަނޑުގެ ފަހަތުގައި އަތުރާލައިފިއްޏާ ހުންނާނެ ފަސްބައި ކިލަނބުވެފައިވާ އެތައް ބަޔަކުވެސް. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނޫން އެހެން އެކަންވާކަށް،"

ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ހާލަތެއް އަތުވެދާނެތޯ ދެންނެވުމުން އުމަރު ވިދާޅުވީ ފުރިހަމަ ސިއްހަތެއްގައި ހުންނެވިނަމަ ރިޔާސީ ރޭހާ ފެޔަށް ޖެހިވަޑައިގަންނަވާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ﷲގެ ވާގިފުޅާއެކު އަޅުގަނޑު ފުރިހަމަ ސިއްހަތެއްގައި ހުރެއްޖެނަމަ އަޅުގަނޑު ފެޔަށް ޖެހެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. އަޅުގަނޑު އެހެން އެއްވެސް ބޭފުޅެއްގެ ފަހަތަކަށްވެސް ނާރާނެ. ރިޔާސީ ޓިކެޓްގައި އޮންނާނީ އަޅުގަނޑުގެ ނަން އިނގޭތޯ. އަޅުގަނޑު އެމްއެންޕީއަކުވެސް އެމްއާރްއެމްއަކުންވެސް ޖޭޕީއަކުންވެސް ނުފެންނާނެ. އަޅުގަނޑަކީ މިނިވަން ކެންޑިޑޭޓެއް،"

ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ. އެކުގައި މަސައްކަތް ކުރެއްވުމުގެ ދައުލަތު ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި ކާނަލް މުހައްމަދު ނާޒިމް އާއި އިމްރާން އަބްދުﷲއަށްވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ކުރެވޭނީ އުމަރު ވަކާލާތު ކުރައްވަމުން ގެންދަވާ ކަންކަމުގެ މަތީގައި ކަމަށްވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަޕްލައި މުޅިން ފުނޑުފުނޑުކޮށްލަވަން ކެރިވަޑައިގަންނަވާ ރާއްޖޭގައި ގިސާސު ހިފުމަށް ތާއީދު ކުރާ ބަޔަކަށް އެ ބަޔަކުވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ކަންކަމަކީ ރާއްޖެއަށް އޮތް ހައްލު ކަމަށާ އެ ހައްލާ ބަޔަކު ދެކޮޅު ހެއްދެވިޔަސް އެ އަސާސުތައް ދޫކޮށް ނުލައްވާނެ ކަމަށެވެ. އަދި މީގެ 15 އަހަރު ކުރީން ފެއްޓެވި ދަތުރުގައި އެކަނި ހުންނަވަން ޖެހިވަޑައިގަތަސް ގަބޫލުކުރައްވާ އުސޫލުތައް ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ބައެއް ސިޔާސީ ޕާޓީތަކުން ގަބޫލެއް ނުކުރޭ ގިސާސް ހިފަން ޖެހޭނެ ކަމެއް. އެހެންވީމަ އަޅުގަނޑާއެކު އެފަދަ ސިޔާސީ ޕާޓީއަކުން ވަޑައިގަންނަވާނަމަ ވަޑައިގަންނަވަން ވާނީ އަޅުގަނޑު ސިޔާސަތު ބަދަލުކޮށްގެނެއް ނޫން. އެ ބޭފުޅުންގެ އެ ސިޔާސަތު ބަދަލުކޮށްގެން،"

އަންނަ އަހަރު ފެށުމާއެކު ރިޔާސީ ކެންޕެއިން ފައްޓަވާނެ ކަމަށްވެސް އުމަރު ވަނީ މިއަދު އިއުލާނު ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް އޭނާގެ ވައުދުތައް އިތުރަށް ތަފްސީލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އުމަރު މިއަދުވެސް ވިދާޅުވީ ގިސާސު ހިފަން ކެރިވަޑަައިގަންނަވާނެ ކަމަށާ އޭނާގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށާ އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޑްރަގްގެ މައްސަލައަށް އޮތް ހައްލަކީ ސަޕްލައި ނެޓްވޯކް ފުނޑުފުނޑުކޮށްލުން ކަމަށް ވިދާޅުވިއެވެ. އެކަން ކުރުމަށް ޑްރަގްގެ މައި ވިޔަފާރިވެރިން މަރާލަން ޖެހުނަސް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސަޕްލައިކުރާ ބޯޓްތަކާއި ދޯނިތައް ފައްތާލައްވައިގެންވެސް ހަލާކުވަމުންދާ ޖީލު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ވާހަކަތައް ދައްކާތާ 15 އަހަރުވެއްޖެ. އަދިވެސް އަޅުގަނޑު މި ދައްކަނީ އެ ވާހަކަތައް. ކުރިއަށް އޮތްތާވެސް ދައްކާނީ މި ވާހަކަތައް،" އުމަރު ވިދާޅުވިއެވެ.