ގާސިމް އިބްރާހިމް

ބަޔަކު ކަންބޮޑުވިޔަސް 2023 އަށް ކެންޑިޑޭޓަކު ނެރޭނަން: ގާސިމް

ބަޔަކު ކިތަންމެ ކަންބޮޑުވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. -- ގާސިމް ތަކުރާރުކޮށް މިހެން ވިދާޅުވިއިރު ގާސިމާއި އެ މަނިކުފާނުގެ ޕާޓީ ހިމެނޭ ކޯލިޝަނެއްގެ ސަރުކާރުގެ މިއީ އަދި ފުރަތަމަ އަހަރެވެ. ރިޔާސީ އިންތިހާބެއް ދެން އޮންނާނީ 2023 ވަނަ އަހަރު އެވެ.

އާދަވެ ޖޭޕީން އެޕާޓީގެ މައި މާލަމުގައި ބާއްވަމުން ދާ ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާނު ކުރުމުން އެކަމަކީ ބައެއް ބޭފުޅުން ވަރަށް ކަންބޮޑުވާ ކަަމަކަށް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ "ބަޔަކު ކަންބޮޑުވި ނަމަވެސް ރިޔާސީ އިންތިޚާބަށް ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެ" ކަމަށެވެ. ދެން ވިދާޅުވީ ނެރޭނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭކަން އިއުލާނުކުރުމުން އެއީ މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ކުރާ މަސައްކަތެއް ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ ފަސް އަހަރު ދޭން ޖޭޕީ އޮތީ ތައްޔާރަށް ކަމަށެވެ.

"ވެރިކަމަށް ހޮވާފަ މި ތިބީ ފަސް އަހަރަށް. އެ ފަސް އަހަރު ނިމުމަށްފަހު މީހަކު ނެރޭ ވާހަކަ މި ދައްކަނީ މި ޕާޓީން. އަޅުގަނޑުމެން ނޭރޭނަން އިނގޭތޯ ބަޔަކު ކަންބޮޑުވުން އޮތަސް ނެތަސް. މާތްﷲ ގެ އިރާދަފުޅާއެކު [ރިޔާސީ ކެންޑިޑޭޓަކު] ނެރޭނަން މި ޕާޓީން. އެކަން ނިންމާނީ މި ޕާޓީގެ މެންބަރުން،" ގާސިމް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަށް ބޮޑު ދެ ފިކުރެއް ތަޖުރިބާ ކުރެވިއްޖެ ކަމަށާ އެހެންކަމުން މިއީ ޖޭޕީއަށް ފުރުސަތުދީ އިތުރު ފިކުރެއް ތަޖުރިބާ ކުރަންވީ ވަގުތު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގޮތް ބަަލާލަން ޖޭޕީއަށް ފުރުސަތު ދޭން ވެސް ގޮވާލެއްވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގަންނަވާށޭ. ގޮތް ބައްލަވާލެއްވުމަށް ވެސް ބައިވެރިވެވަޑައިގަންނަވާށޭ. އޭރުން ނޫންތޯ އެނގޭނީ ވެސް. ތިޔަ ބޭފުޅުން ކަނާތާއި ވާއަތަށްވެސް އަރައިފީމެއް ނޫންތޯ؟ އެއް ފަހަރު، ދެފަހަރު، ތިން ފަހަރުވެސް. ކިތައް ފަހަރުތޯ އަރުއްވަންވީ... ތިނެތިން އެކަތި ރައިވެރިއެއްގެ ދަރިއަކަށްވެސް އޮވެއޭ ބުނަނީ. އެހެންވީމަ އެހެން ނުހައްދަވާ، އަޅުގަނޑުމެންނާ ގުޅިވަޑައިގެން ބައިއަތު ހިފައިގެން ކުރިއަށްދިޔައީމަ ނޫންތޯ އިނގޭނީ މިތަނުން ވާގޮތެއް ވެސް،" ގާސިމް ވިދާޅުވި އެވެ.

ވެރިކަމަށް ހޮވާފަ މި ތިބީ ފަސް އަހަރަށް. އެ ފަސް އަހަރު ނިމުމަށްފަހު މީހަކު ނެރޭ ވާހަކަ މި ދައްކަނީ މި ޕާޓީން. އަޅުގަނޑުމެން ނޭރޭނަން އިނގޭތޯ ބަޔަކު ކަންބޮޑުވުން އޮތަސް ނެތަސް. މާތްﷲ ގެ އިރާދަފުޅާއެކު [ރިޔާސީ ކެންޑިޑޭޓަކު] ނެރޭނަން މި ޕާޓީން. އެކަން ނިންމާނީ މި ޕާޓީގެ މެންބަރުން،
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ޖޭޕީ ދެމި އޮންނާނީ ރައްޔިތުންނަށް ހަގީގީ ޖުމްހޫރީ ވެރިކަމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އަދި އެ މަސައްކަތުގައި މީހަކު ކޮށްފާނެ އަނިޔާއަކަށް، ޖެއްސުމަކަށް ނުބަލާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް ގާސިމް ވަނީ ބަޔަކު މީހުން ރައީސް ސޯލިހްގެ ވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ހުރަސްތައް އެމްޑީޕީގެ އެތެރެއިންނާއި، ބޭރުން ވެސް އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަށާ އެމަނިކުފާނުގެ ޚިޔާލުފުޅަށް ދުއްތުރާ ކުރަން ކިހާވަރަކަށް ކިތައް މީހުން އޭތިމީތި ގޮވަމުންތޯ އެ ދަނީ. މިއީތޯ ތާ އަބަދު އަޅުގަނޑުމެން އުޅެންޖެހޭ ގޮތަކީ. އަމިއްލަ ޕާޓީގެ ތެރެއިންނާ ނުވަތަ އެހެން މީހުންގެ ވެސް ފަރާތުން. މިއީ އެއް ނޫން ދެއްތޯ އުޅެންވީ ގޮތަކީ." ގާސިމް ވިދާޅުވި އެވެ.