ރައީސް އަބްދުﷲ ޔާމީން

ރިޔާސީ ރޭހުން ޔާމީން އެކަހެރި ނުކުރެވޭނެ: އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމް - އަވަސް ވީޑިއޯ: އަހުމަދު ރަމީޒު

ދެހާސްތޭވީސްގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސް ހާލަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ދަށުކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާމެދު ގޮތް ނިންމަން ސުޕްރީމް ކޯޓުން ދަނީ ތައްޔާރުވަމުންނެވެ. އެ ހުކުމް މަތީ މަރުހަލާއިން ދަމަހައްޓައިފިނަމަ 2023 ގެ ރިޔާސީ ރޭހުން ރައީސް ޔާމީން އެކަހެރިވެވަޑައިގަންނަވަން މަޖުބޫރުވީއެވެ. އަދި ސުޕްރީމް ކޯޓުން މިހާރު އޮތް ހުކުމް ބާތިލުކުރި ނަމަވެސް ދަށު ކޯޓްގައި ހިނގަމުންދާ ޝަރީއަތްތަކުން އިތުރު ހުކުމެއް އަތުވެއްޖެނަމަވެސް ރިޔާސީ ރޭހުން ފުރުސަތު ގެއްލިވަޑައިގަތުމުގެ ބިރު ރައީސް ޔާމީނަށް އެބައޮތެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން ދިވެހި ރައްޔިތުން އަބަދު ނުތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށާ އިދިކޮޅު އޮތީ އެ އިތުބާރުގައި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއަދު ދިވެހި ގައުމު ސަލާމަތް ކޮށްދިނުމުގެ އެންމެ ބޮޑު ބާރެއް މިއަދު އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގައި. ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ދިވެހި ގައުމު ސަލާމަތްވުމާއި ނުވުން އޮތީ. އަދި އަޅުގަނޑު ދަންނަވާލަން ބޭނުން އަސްލުގައި މިއަދު ދިވެހި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތަށް ސިފައިން އެބަ ޖެހޭ ނިކުންނަން. އެއީ ސިފައިންގެ ޒިންމާއެއް. އޭގެ ތެރޭގައި ޕޮލިސްވެސް ހިމެނޭހެން،"

ރައީސް ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފި ހާލަތެއްގައިވެސް ދަށު ކޯޓުން އިތުރު ހުކުމެއް އައިސްދާނެތޯ ދެންނެވުމުން އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓްގެ ނިންމުމާއެކު ދަށު މަރުހަލާއިން ނުފޫޒުގައި ހިންގަމުންދާ ޝަރީއަތްތަކަށް ނިމުން އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ވެގެން ނިކުތުމަށް ފަހު ދެން ރައީސް ޔާމީންގެ މައްޗަކަށް ހުކުމެއް ޖަހާކަށް މި ބޭފުޅުންނަކަށް ފަސޭހައެއް ނުވާނެ. ނުވާނެ ކަމަކީ އަޅުގަނޑު ގަބޫލުކުރަނީ --އަޅުގަނޑަކީ ފަނޑިޔާރެއް ނޫން، އަދި ގާނޫނީ ވަކީލެއްވެސް ނޫން-- ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާ ހިސާބުން ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކުރިން މި ހިނގީ ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން ހިނގާދިޔަ ކަންތައްތަކެއްކަން،"

އަދި ވިދާޅުވީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް މިހާރު ދަށު ކޯޓްގައި ހިނގަމުން ދިޔަނަމަވެސް އެއީވެސް އެމަނިިކުފާނާ ގުޅުމެއް ނެތް ދައުވާތަކެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމާއެކު ސިޔާސީ ދައުވާތަކަށް ނިމުން އަންނާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން ވިދާޅުވީ 2023 ގައި ނިކުންނަވާނީ ރައީސް ޔާމީން ކަމަށެވެ. އަދި އެ ނޫން ހާލަތެއް އޮތް ކަމަށް ވިސްނަން ވެސް ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ބޭނުމެއް ނޫން އެފަދަ ހާލަތަކަށް ވިސްނަންވެސް،" ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އަމަލު ކުރާނެ ގޮތަކާމެދު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް އާއި ޕީއެންސީގައި އިދިކޮޅުގެ ރިޔާސީ ޓިކެޓްގެ އުންމީދުގައި ތިއްބެވި ބޭފުޅުން ތިބި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުންވެސް އަބްދުއްރަހީމް ވާހަކަ ދެއްކެވިއެވެ. ވިދާޅުވި ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ތައުލީމީ ގާބިލް ބޭފުޅުން ދެ ޕާޓީގައިވެސް ތިއްބެވި ކަމަށެވެ.

ނަމަވެސް އެއިން ކޮންމެ ބޭފުޅެއްގެވެސް "ފަސްޓް"އަކީ ރައީސް ޔާމީން ކަމަށާ ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީވެސް ޔާމީނާއެކު ކަމަށެވެ. އެ ނޫން ވިސްނުމެއް އެއްވެސް ބޭފުޅަކު ނެތް ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅެއްގެވެސް ހުރެދާނެ އެމްބިޝަންސްތަކެއް. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ނެތޭ ރައީސް ޔާމީން ނޫން އެހެން ކެންޑިޑޭޓަކު ނެރެމުގެ ވިސްނުމެއް. މިސާލަކަށް އަޅުގަނޑުމެންގެ ތެރޭ އެބަތިއްބެވި ކިޔަވައިގެން ތިއްބެވި ވަރަށް ގާބިލް ބޭފުޅެއް. އެ ބޭފުޅުންގެވެސް އުންމީދު އޮވެދާނެ މިހާރު ތިއްބެވި މަގާމަށްވުރެ މަތީ މަގާމަކަށް ވަޑައިގަތުމަށް. އެކަމަކު އެ ބޭފުޅުންގެ އެ އުންމީދު އޮންނާނީ ރައީސް ޔާމީނާއެކު އެ މަގާމުތަކަށް ވަޑައިގަތުމަށް. ރައީސް ޔާމީންގެ ފަހަތްޕުޅުން އެ ބޭފުޅުން ވަޑައިގަންނަވާނީ. އެ ޔަގީންކަން އެބައޮތް. އަޅުގަނޑުމެންގެ ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ތެރޭގައ ނެތް ރައީސް ޔާމީން ނޫން އެހެން ބޭފުޅެއް ވެރިކަމަށް ގެނައުމުގެ ވިސްނުމެއް،"

ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް "ބޮއިކޮޓް" ކުރާނެތޯ އެހުމުންވެސް އަބްދުއްރަހީމް ވިދާޅުވީ އެއީ އަދި އޮތް ބަހުސެއް ނޫން ކަމަށެވެ. އެ ބަހުސް ކުރަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ. 2023 ގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދެން އިންތިހާބެއް އެމަނިކުފާނު ނަންގަވާނީވެސް އެއްބުރުން ކަމަށެވެ.

"ރައީސް ޔާމީނަށް 2023 ގެ އިންތިހާބުގައި ވާދަކުރެއްވިއްޖެނަމަ އެހެން ބައެއްގެ ބައިވެރިވުމެއް ނެތި ރައީސް ޔާމީން އިންތިހާބުކޮށްދެއްވާނެކަން މި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ،" ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވި ސަބަބާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވިއެވެ.