ހަތެއް

ދީނުގެ ތަސައްވުރު ހުތުރު ކުރަންކުރާ މަސައްކަތްތަކާ މެދު، ފަރުވާތެރިވާންޖެހޭ: ރައީސް

Nov 29, 2019
6

އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރަން ކުރާ މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ދިވެހި ދަރީން ސަލާމަތް ކުރަން މަސައްކަތް ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށައި އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ގައުމީ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގަ އެވެ.


އެ ހިތޯބުގައި މީގެ 893 އަހަރު ކުރިން، މާތް ﷲ ގެ އެއްކައުވަންތަކަމުގެ އަގީދާއިން ދިވެހިންގެ ހިތްތައް އުޖާލާ ވެގެން ދިޔަ މަތިވެރި ހަނދާންތައް އާ ކުރައްވާ ރާއްޖެއަށް ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިއުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން ދިވެހިންގެ ހިތްތައް އުޖާލާ ކޮށްދެއްވުންކަން ފާހަގަ ކުރެއްވާފައި ވެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ހަނދާންތައް އާ ކުރާއިރު އެ މަތިވެރި ނަސީބު ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވިސްނަންޖެހޭކަން ފާހަގަ ކުރައްވާ ދީނީ އަގީދާ ހިތްތަކުގައި ވަރުގަދަ ވަނީ ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން އަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަން ވެސް، ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ރައީސުލް ވިދާޅުވެފައި ވެއެވެ.

ހާއްސަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާ ސާބިތު ކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އެމަނިކުފާނުގެ ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި ވިދާޅުވީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރަން ކުރާ އެންމެހާ މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ދަރީން ސަލާމަތް ކުރަން މަސައްކަތް ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ. ރައީސް ވިދާޅުވީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި ފެތުރުން ހުއްޓުވޭނީ އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސް ކުރުމުގެ އެންމެހައި އަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައި ދީގެންކަން ކަމަށެވެ.