ސައުތު އޭޝިއަން ގޭމްސް

ރާއްޖެއަށް ދެވަނަ، ސެމީގައި އިންޑިއާއާ ދެކޮޅަށް

ނޭޕާލުުން: ހުސައިން ހަބީބު
Nov 29, 2019

އަންހެން ވޮލީބޯޅަ ކެޓަގަރީން ޕާކިސްތާން ނަން އަނބުރާ ގެންދިއުމުން، އޮޓޯއިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވި ލަންކާ އާއި ރާއްޖެ ކުޅުނު ޕޫލް ބީގެ މެޗުން ރާއްޖެ ބަލިވުމުން ދެ ވަނަ ޓީމުގެ ގޮތުގައި، ސެމީފައިނަލުގައި އިންޑިއާ ވާދަ ކުރަން ޖެހިއްޖެ އެވެ.

ޕޫލްގެ އޭ އެއްވަނަ އިންޑިއާ ހޯދީ، މި މަހު ކުރީ ކޮޅު ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދި ނޭޕާލް ފުރަތަމަ މެޗުގައި ބަލި ކުރުމަށް ފަހު އަދި އިއްޔަ ބަންގުލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ކާމިޔާބު ހޯދައިގެންނެވެ.

ގޭމްސް ރަސްމީ ކޮށް ހުޅުވުން އޮންނާނީ އާދިއްތަ ދުވަހު އެވެ. އެހެންނަމަވެސް 2700 އެތުލީޓުން ވާދަ ކުރާ ގޭމްސްގެ ވޮލީބޯޅަ އިވެންޓްތައް ކުރިން ވަނީ ފަށާފަ އެވެ.

ޕޫލް ބީގައި ކުޅުނު ހަމައެކަނި މެޗު ލަންކާއިން ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ސެންޓްރަލް ޒޯން މުބާރާތުގައި އަންހެން ޓީމުގެ ފަރާތުން ފެނުނު ޖޯޝާއި ހިތްވަރު ސައުތު އޭޝިިއަން ގޭމްސްގެ ފުރަތަމަ މެޗުގައި ނުފެނުނެވެ. މެޗުގެ އެއްވެސް ސެޓެއްގައި ރާއްޖޭގެ ފަރާތުން އެކަށީގެންވާ ވަރުގެ ޗެލެންޖެއް ލަންކާގެ މައްޗަކަށް ނުދެވުނެވެ.

ތިން ސެޓްވެސް ލަންކާ ގެންދިޔައީ ވާދަވެރި ކަމެއް ނެތް ގޮތަށެވެ. މެޗުގެ ސެޓްތައް ލަންކާ ގެންދިޔައީ 25-15، 25-18 އަދި 25-14 ންނެވެ.