ހަބަރު

އެންމެ ކާމިޔާބު އެތުލީޓަށް، ޝުކުރުން ފުރިފައިވާ މަރުހަބާއެއް!

Dec 10, 2019
2

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދައި، ދުވުންތެރިޔާ ހަސަން ސާއިދު ކާމިޔާބުކޮށްދިން ރަން މެޑެއްޔާއެކު މިއަދު ރާއްޖެ އައުމާއެކު، އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލެއް ހޯދައިދިން ސާއިދު އަށް މަރުހަބާ ކިޔުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިވެހި ދިދަތަކާއެކު ގިނަ އަދަދެއްގެ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ދައުލަތުގެ ބައެއް އިސްވެރިންގެ އިތުރުން ސާއިދުގެ އާއިލާވެސް ވަނީ ބައިވެރިވެފަ އެވެ.

ރަސްމީ އިއްޒަތުގައި ޖުމްހޫރީ މައިދާނުން ސާއިދާއެކު މިއަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބްރޮންޒް މެޑަލް ހޯދި، ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެންގޮސްފަ އެވެ.

އެތަނުން އެ އެތުލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މަރުހަބާ ކިޔުއްވައިފަ އެވެ.

އެއަށްފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ މިފަހަރު ހޯދި ރަން މެޑަލްއާއެކު، ސާއިދު ވެގެންގޮސްފައިވަނީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު އެތުލީޓަށް ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓީމުތަކުން ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުގެ މައްޗަށް މިފަހަރު ހޯދި ކާމިޔާބީތަކަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ރޭގަނޑާއި ދުވާލު ބުރަ މަސައްކަތުން ރާއްޖެއަށް ރީތި ނަން ހޯދައިދޭ ހިތްވަރުގަދަ އެތުލީޓުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިފަހަރުވެސް ސަރުކާރުގެ ފަރާތުން ފައިސާގެ އިނާމެއް ދެއްވާނެކަމަށްވެސް މަހުލޫފް އިތުރަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވެސް ވިދާޅުވީ 1.7 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔަކީ ރާއްޖޭގެ އެތުލީޓެއްކަމީ މުޅި ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް ހުރި މުބާރާތްތަކުގައި ވަނަތައް ހޯދުމަށް ސަރުކާރުން ކޮށްދެވެން ހުރި ކަންކަން ކޮށްދޭނެ ކަމަށާއި ކާމިޔާބު ހޯދުމަށް ބޮޑު އާބާދީއެއް، ބޮޑު ގައުމަކަށް ނުވިޔަސް މިއަދު މިތިބީ އެކަން ސާބިތުކޮށްފައި ކަމަށެވެ. އަދި މި ކާމިޔާބަށް ބޭނުންވަނީ ރަނގަޅު ޕްލޭނަކާއި ފެސިލިޓީސްތައް ކުޅުންތެރިންނަށް ހަމަޖެހުން ކަމަށެވެ.

"ރާއްޖޭގެ އެކި ސްޕޯޓްސް އަށް އެންމެ ބޭނުންވާ ފެސިލިޓީސްތައް އަދި ރާއްޖޭގައި ނެތް. އެހެންނަމަވެސް އަޅުގަނޑުމެން މި ގެންދަނީ އެކަންތައްތައް ކުރުމަށްޓަކައި މަސައްކަތް ކުރަމުން. އަދި ރަނގަޅު ޕްލޭނެއް ހޯދުމަށްޓަކައި ބޭނުންވާ ކޯޗުންނާއި ތަމްރީނު ދޭނެ ފަރާތްތައް ހޯދާ ބޭރަށް ފޮނުވަން ޖެހޭ ބައެއް ފޮނުވަމުން،" ރައީސް ވިދާޅުވި އެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ ގޭމްސްއަކީ ރާއްޖެއަށް ވަރަށް ކާމިޔާބު މުބާރާތަކަށްވަނީވެފަ އެވެ. 100 މީޓަރުގެ ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން، ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ފުޓުބޯޅަ ޓީމާއި، ބާސްކެޓް ޓީމުން ވެސް ވަނީ ބްރޮންޒް މެޑަލް ހޯދައިފަ އެވެ.