ޖަޕާންގައި 1996 ވަނަ އަހަރު ބޭއްވި ވޮލީ ވޯލްޑްކަޕްގެ ތިން ވަނަ ކުރީގެ ޔޫގޮސްލޭވިއާގެ ގައުމީ ޓީމަށް ހޯދައިދިން ސާބިއާގެ މިލޯރާޑް ކިއާޗް ރާއްޖޭގެ ކޯޗް ކަމާ ހަވާލުވީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. ވޮލީބޯޅަ އެސޯސިއޭޝަންގެ ލީޑާޝިޕަށް ސަރުކާރުންނާއި ކުލަބުތަކާއި ވީއޭއެމްގެ އިންތިހާބީ އެކްސްކޯގެ ރައީސް މުހައްމަދު ލަތީފު ތަޅާ ފޮޅަމުން ދިޔަ ވަގުތުގަ އެވެ.
ރާއްޖޭގެ ކޯޗަކަށް ކިއާޗް ގެންނަން އިއުލާން ކުރެއްވީ ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އެކަމަށް މަގުކޮށުނީ މަހްލޫފް އާއި ސާބިއާގެ ކުޅިވަރުގެ ވަޒީރު ވާނާ އޫޑޮވޮވިޗް މި އަހަރު ޖޫން މަހު ބޭއްވި ރަސްމީ ވާހަކަތަކުގެ ތެރެއިންނެވެ. ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާން ޔޫރަޕްގެ ފަސްގަނޑުގައި ޓްރެއިނިންއަށް ކޭމްޕް ކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމަކަށް ވޮލީބޯޅަ ޓީމު ވެގެން ދިޔައީވެސް އެ ބައްދަލުވުމުގައި ބޭއްވުނު މަޝްވަރާ ވާހަކަތަކުންނެވެ.
އެ ވާހަކަތަކުން ކުރި ފަޅައި ދުނިޔޭގެ ފެންވަރުގެ ކޯޗެއް ރާއްޖެ ގެނައުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. އެކަން މަހްލޫފް އިއުލާންކޮށް އޭނާ މެދުވެރިގެން ތަނަވަސްވި ކަމަކަށް ވުމުން މިނިސްޓަރުުގެ މަސްއޫލިއްޔަތު އޮޅިފައިވާ ކަމަށް ބުނެ، ވޮލީގެ ބައެއް ފަރާތްތަކުން މަހްލޫފްއަށް ފާޑު ކިޔުން އޮއްސާ ލިއެވެ. ފާޑު ކިޔުން އޮތަސް އެއީ މަހްލޫފް ނިންމެވި ރަނގަޅު ނިންމެވުމެއް ކަމަށް ވޮޅީގެ ގިނަ ހިދުމަތްތެރިން ދެކެ އެވެ.
އެހެންނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކޯޗެއް ގެނައި ނަމަވެސް އެ ކޯޗަށް އެކަށީގެންވާ ފުރުސަތާއި ޖާގަ ރާއްޖޭގެ ވޮލީއިން ލިބިގެނެއް ނުދެ އެވެ.ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރު ވާން ޖެހުނީ ގައުމީ ފެންވަރުގެ ވޯލީބޯޅޯ މުބާރާތެއް ބަލާލުމުގެ ފުރުސަތު ކޯޗް މިލޯރާޑް އަށް ނުލިބި އެވެ. ގައުމީ ޓީމުގެ ރަނގަޅު އެސެސްމެންޓެއް ނުހެދި އެވެ. ކުރިން ބާކީވެފައިވާ ބައެއް ކުޅުންތެރިން އަލުން ޓީމަށް ގެނެސް ޒުވާން އަދި ތަޖުރިބާ ހުރި މަސްހުނި ޓީމަކާއެކު އޭނާ މުބާރާތަށް ނުކުތެވެ.
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ވާދަ ކުރަން ޖެހުނީ ނިސްބަތުން ވަރުގަދަ ގުރޫޕެއްގަ އެވެ. އަދި އޭޝިއާގެ ވޮލީއަށް ބަލާއިރު މި ސަރހައްދުގެ އަޑަކީވެސް އޭޝިއާގެ ވޮލީގައި ބާރެއް ހުރި ގައުމުތަކެވެ. ކޯޗަށް ލިބުނު ހަނި ފުރުތާއި މަދު ޖާގަތަކާއެކު އޭނާގެ ފުރަތަމަ ވާދަވެރި މެޗަކަށްވީ ޕާކިސްތާން އާ ދެކޮޅަށް މި ގޭމްސްގައި ކުޅުނު މެޗެވެ.
ފުރަތަމަ ސެޓާއި ފަހު ސެޓް ދާނީ އޭނާ އެސްޓިމޭޓް ކޮށްފައި ނެތް ގޮތަކަށްވެސް ވެދާނެ އެވެ. ފުރަތަމަ ސެޓް ޕާކިސްތާން ގެންދިޔައީ 25-16 އިންނެވެ. ތިން ވަނަ ސެޓް 25-14 އިންނެވެ. މިއަދު ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފެނިގެން ދިޔައީ އެކަހަލަ މަންޒަރެކެވެ. ލަންކާ އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވެ މުބާރާތުން ކެޓީ އެވެ. ލަންކާ ސެޓްތައް ގެންދިޔައީ 25-18، 25-23 އަދި 25-17 އިންނެވެ.
ލަންކާ އާއި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެއް މަންޒަރެއް ފެނުނެވެ. އެއީ ކުރިމަގުގެ ޓީމު ބިނާ ކުރަން ކޯޗްގެ ޕްލޭންގައި ނޯޓް ކޮށްލާނެ މުހިންމު އެއް ޕޮއިންޓް ކަމަށް ވެދާނެ އެވެ.. ކޮންމެ ސެޓެއްގައިވެސް ދެ ވަނަ ސެޓް ރާއްޖެއިން ވަރުގަދަ ފައިޓެއް ދެ އެވެ. ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންވެސް ރާއްޖެ ބަލިވީ 25-23 ންނެވެ. މިއީ ރާއްޖއަށް އޮތް އެންމެ ބޮޑު މައްސަލަ އެވެ. ސެންޓްރަލް ޒޯންގެ ކުރިން މާޅޭގައި ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ. ރާއްޖެއަށް މެޗުގެ ތެރެއަށް ވަދެވެނީ މާ ފަހުންނެވެ.
މިލޯރާޑްގެ ކުރިމަގުގެ ޓީމު ބިނާ ކުރާއިރު ކުޅުންތެރިން މެންޓަލީ މެޗުތަކަށް ތައްޔާރު ވުމަށް އޭނާ ރިއާޔަތް ކުރާނެ އެއް ކަންތަކަށް އެކަން ވާނެ އެވެ. އެކަން ކުރުމަށްޓަކައި އޭނާއަށް ވަގުތު ބޭނުންވެއެވެ. އަދި ދިވެހިންގެ ކެއްތެރި ކަމާއި ސަޕޯޓްވެސް އޭނާ ބޭނުން ވެއެވެ. ދިވެހި ވޮލީ އޮތީ ސަސްޕެންޝަނެއްގެ ތުންފަތް މަތީގަ އެވެ. ކުރިމަގަށް ވަރުގަދަ ޓީމެއް ބިނާ ކުރަން މަސައްކަތް ކުރާއިރު އެފަދަ ބިރުވެރިކަން ނެތް މާހަުލެއް ރާއްޖޭގެ ކުޅިވަރުގައި ގާއިމު ކުރަން ޖެހެ އެވެ. ވޮލީގެ ރައީސް މުހައްމަދު ލަތީފާއި ސަރުކާރައި ކުލަބުތަކުންވެސް ގޮތް ދޫކޮށް އެޕްލެޓްފޯމު ތައްޔާރު ކުރަން ފުރުސަތު ދޭން ޖެހެ އެވެ.