ވޯލްޑް ކަޕް ކޮލިފައިންފައި ޗައިނާއާއެކު ރާއްޖެ ކުޅެން ޖެހޭ ދެ މެޗު ވެސް ޗައިނާގައި ކުޅެން ނިންމުމުން ހޮންކޮން ވަރަށް ބޮޑަށް ރުޅިއަތުވެއްޖެ އެވެ.
މި ދެ މެޗު ހޮންކޮން އަށް ބަދަލު ކުރަން ޖެހުނީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީވެ، ރާއްޖޭގައި އަންނަ މަހު އަށެއްގައި ކުޅެން އޮތް މެޗު ޗައިނާގައި އަދި އަންނަ އަހަރު ޗައިނާގައި ކުޅެން އޮތް މެޗު ރާއްޖެ އަށް ބަދަލުކޮށްދޭން އެފްއޭއެމުން އެދުމުންނެވެ. އަދި މި ގޮތަށް ހަމަނުޖެހޭނަމަ ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅެން ވެސް ރާއްޖެ މަސައްކަތް ކުރި އެވެ.
ރާއްޖެއާއެކު ފަސް ޓީމު ހިމެނޭ ގްރޫޕުގައި ކޮންމެ ގައުމަކުން މެޗުތައް ކުޅެން ޖެހެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ނަމަވެސް މެޗުތަކުގެ ބްރޯޑްކާސްޓިން ރައިޓްސް އާއި ސްޕޮންސާތައް ވިއްކާލާފައިވާތީވެ ރާއްޖޭގައި ކުޅޭ މެޗު އެހެން ގައުމެއްގައި ވެސް ކުޅެން ފީފާއިން އެއްބަސްނުވީ ކަމަށް އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލްޖަލީލް ވިދާޅުވި އެވެ.
ކޮލިފައިންގެ ދެ ވަނަ ބުރަށް ދިއުމަށް މަސައްކަތް ކުރާ ހޮންކޮން ޓީމުގެ ކީޕަރު ހުންފައި ބުނީ ޗައިނާގައި ދެ މެޗު ކުޅުމަކީ އިންސާފެއްނޫން ކަމަށެވެ.
"މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅޭނަމަ ވެސް ގަބޫލުކުރެވިދާނެ. އެއިރުން ވެސް ޗައިނާ އަށް ވާނީ އަވޭގޭމަކަށް. އެކަމަކު މިހާރުމިވީ ގޮތުން ޗައިނާ ރާއްޖެއާ ދެކޮޅަށް ދެ މެޗު ވެސް ކުޅޭނީ އަމިއްލަ ދަނޑުގައި. މީގެ ސަބަބުން އެމީހުންނަށް ރަށުން ބޭރުގައި ކުޅުމުގެ ޑިސްއެޑްވާންޓޭޖެއް ނެތް. މިއީ އިންސާފެއްނޫން،" ކުޅުނު ދެ މެޗުން ވެސް މޮޅުވެ މި ވަގުތު ގްރޫޕުގެ ކުރީގައި އޮތް ހޮންކޮންގެ ކީޕަރު ބުންޏެވެ.
ހޮންކޮން ކެޕްޓަން ބުނީ ރާއްޖޭގައި ކުޅެގެން ގަތަރަށް މޮޅުވެވުނީ އެންމެ ފަހު ވަގުތުގައި ކަމަށާއި މިހެންވެ ދެ މެޗުގެ ތެރެއިން އެއް މެޗު ޗައިނާނޫން ތަކެއް ކުޅެންޖެހެނީ ރާއްޖެ އަތުން ޗައިނާ އަށް ޕޮއިންޓެއް ގެއްލޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށެވެ.
"އަހަރުމެން އުއްމީދުކޮށްގެން ތިބީ (ރާއްޖޭގައި ކުޅެގެން) ރާއްޖެ އަތުން ޗައިނާ އަށް ޕޮއިންޓެއް ގެއްލޭނެ ކަމަށް. އެކަމަކު މިހާރު މިއީ ނުވާނެ ކަމެއް. މީގެ ގެއްލުން ހޮންކޮން އަށާއި އެހެން ޓީމުތަކަށް ފޯރާނެ،" ކެޕްޓަން ބުންޏެވެ.
ހޮންކޮން ޓީމުގެ ކޯޗު ވެސް ވަނ ޗައިނާގައި ރާއްޖެ ދެ މެޗު ކުޅެން ޖެހުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.