ސައުތު އޭޝިއަން ގޭމްސް

އުސް ގަމުގައި ދިވެހި ރެފްރީންނާއި އޮފިޝަލުން މަތީގައި!

ނޭޕާލުން: ހުސައިން ހަބީބު
Nov 30, 2019
3

އުސް ފަރުބަދަތަކުން ވަށާލެވިފައިވާ ނޭޕާލްގެ ކަތަމަންޑޫ އާއި ޕޮކްހާރާގައި މިހާރު ފަށާފައިވާ ދެކުނު އޭޝިއާގެ ކުޅިވަރު މުބާރާތައް ރާއްޖޭގެ އެތުލީޓުންނާއި ކުޅިވަރުތަކުން ހޯދާނެ ރީތި ނަމާއި ޝަރަފުގެ ވާހަކައަށް ވުރެ އެންމެ އިސްކޮށް އެންމެ މަތީ ޝަރަފު ހޯދީ ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުންނެވެ.

އެހެން ނަމަވެސް، ގޭމްސްގެ އެންމެ ގަދަ އަޑަކީ އެތުލީޓުންގެ ވާހަކަ އެވެ. ރެފްރީންނާއި އޮފިޝަލުންގެ ވާހަކަ ހަވާސާއިން ވެސް ބޭރުގައި ދައްކާ ފަނޑުފަނޑުކޮށް އޮވެއެވެ. އެކަމަށް އޮންނަނީ މާބޮޑު ސަމާލުކަމެއް ނުލިބި އެވެ. ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ މައިގަނޑު ކުޅިވަރުތަކުން ޓާގެއްޓެއްގެ ގޮތުގައި އޮތީ ޑިވެލޮޕްމެންޓަށް ބޭނުން ކުރާނެ ފުރުސަތެއްގެ ގޮތުގަ އެވެ. ސީރިއަސް ޓާގެޓްތަކަކަށް ވިސްނައިގެން ރާއްޖެއިން ގޭމްސްއާ ކުރިމަތިލީ އޮފިޝަލުންނާއި ރެފްރީންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅައިގެ ޕޫލް އޭ ގައި ރާއްޖޭގެ ރެފްރީ އަހްމަދު ސަލީމް (ކުނޑި) އާއި އަހްމަދު ނަޝީދު (ތުއްތު) ގޭމްސްގެ އެއް މެޗެއްގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރި ވާން ފުރުސަތު ލިބުމަކީ ލިބުނު ރީތި ނަމެކެވެ.

ރާއްޖެއަށް ވުރެ އާބާދީގައި އެތައް ގުނައެއް ބޮޑު ގައުމުތަކުގެ މެދުގައި ބާއްވާ މުބާރާތެއްގައި ރާއްޖޭގެ ދެ ރެފްރީން އެއް މެޗަކަށް ފުރުސަތު ދިނުން އެއީ ރާއްޖޭގައި ހުނަރުވެރި ރެފްރީން ތިބިކަމުގެ އެންމެ ބޮޑު ހެއްކެވެ.

މި ގޭމްސްގެ ބީޗް ވޮލީބޯޅައިގެ އެންމެ އިސް ޑެލިގޭޓުންގެ ތެރޭގައި ހިމެނުމުގެ ޝަރަފް ލިބުނު، ރާއްޖޭގެ ބީޗް ވޮލީބޯޅަ ރެފްރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދު ސިފަ ކުރެއްވީ ރާއްޖޭގެ ރެފްރީންނަށް ބޭރުގެ މުހިންމު މެޗަކަށް އިންސާފު ކުރަން ފުރުސަތު ލިބުމަކީ ރާއްޖެއަށް މެޑަލްއެއް ލިބުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

"މިއީ މެޑައްޔެއް ލިބުން ފަދަ ކަމެއްގެ ގޮތުގައި ދެކެންޖެހޭ ވަރުގެ ކަމެއް،" ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖޭގެ ޒުވާން ރެފްރީ އިސްމާއީލް އަބްދުﷲ (އިންމަ) އަށް ވޮލީ ފައިނަލު މެޗަށް އިންސާފު ކުރަން ފުރުސަތު ލިބުމުން އެކަމަށް މަރުހަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހުސައިން ކުރެއްވި ޕޯސްޓްގައި ލިޔެފައި ވެއެވެ.

އިންޑިއާގެ ގުވަހަޓީގައި 2016 ވަނަ އަހަރު ބޭއްވި ގޭމްސްގައި އެތުލެޓިކްސްއިން ރަން މެޑަލް ގެނައުމުން ރާއްޖޭގެ ދުވަުންތެރިޔާ ހަސަން ސާއިދުގެ ކާމިޔާބުގެ ވާހަކަ ގަދަ އެވެ. މިފަހަރު ގޭމްސްގެ ކުރިން އެތުލެޓިކްސްއިން އެންމެ އިސް ޝަރަފެއް ހޯދީ އެލެޓިކްސްގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލްގެ މަގާމަށް ހަމަޖެއްސި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އަހްމަދު މުންތަގިމެވެ. އޭނާ އަކީ މި ގޭމްސްގައި އެތުލެޓިކްސްގެ އެންމެ އިސް ރެފްރީ އެވެ. މިއީ ރާއްޖޭގެ އެތުލެޓިކްސްއަށް ލިބުނު ބޮޑު ޝަރަފެކެވެ.

ބެޑްމިންޓަންގައި ރާއްޖޭގެ ފިރިހެން ޓީމަށް ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ ރާއްޖޭގެ ސްޓޭންޑަޑާއި ވާދަ ކުރަން އޮތް ގައުމުތަކުގެ ސްޓޭންޑަޑާ ބަލައި އަޅާ ކިޔުމަށް ފަހު ނިންމި ޓެކްނިކަލް ނިންމުމެކެވެ. ގޭމްސްގައި ފުރުސަތު އޮތީ އަންހެން ބެޑްމިންޓަން ޓީމަށެވެ. ނަމަވެސް ބެޑްމިންޓަންއިން ރާއްޖެއަށް ލިބެން އޮތް ޝަރަފު ވަކި ކުޑައެއް ނޫނެވެ. ގޭމްސް ހޯސްޓް ކުރާ ނޭޕާލްގެ ދެ ރެފްރީންގެ މައްޗަށް އިސްކުރީ ރާއްޖޭގެ ތަޖުރިބަކާރު ރެފްރީ އަލީ އަބްދުލްކަރީމް (ޒޯލާ) އެވެ.

މިއީ ކުޅިވަރުގައި ގައުމެއްގެ ހައިސިއްޔަތުން ލިބުނު ކުޑަ ޝަރަފެއް ނޫނެވެ.

"އެއް ރަށެއްގެ ދެ މީހުން ގޭމްސްގެ އެއް މެޗެއްގައި ރެފްރީކަން ކޮށްލުމަކީ މިއީ ވަރަށް ބޮޑު ޝަރަފެއް، އެހެންނަމަވެސް މިކަން ފާހަގަ ކުރާނެ ފަރާތެއް ނުވޭ،" މިއަދު ހެނދުނު ސަލީމް ވިދާޅުވި އެވެ. "އަބަދުވެސް ރެފްރީންނާއި އަމްޕެޔަރުންނަށް ނޫނީ އޮފިޝަލުންނަށް ލިބޭނެ އެއްޗަކީ ފާޑު ކިޔުން، އެހުރިހާ ކަމެއް ބަލައިގެންގެން ރެފްރީން ކުރިއަށްދާއިރު ވެސް ރެފްރީންގެ އަގުވަޒަން ކުރުން އޮންނާނީ ނުކުރެވިފައި."

އޭނާ ވިދާޅުވީ ގޭމްސްއަށް ކުޅިވަރުތަކުން ޓާގެޓްތައް ހަދައިގެން ނުކުންނައިރު ރެފްރީންގެ ވެސް ޓާގެޓެއް އޮންނަ ކަމަށެވެ.

"ގުރޫޕް ސްޓޭޖުގައި ރެފްރީކަން ކުރަން ފުރުސަތު ލިބިއްޖެއްޔާ އުންމީދު ކުރާނެ ސެމީ ފައިނަލުގައި ކުރަން، އެކަން ޓާގެޓަކަށް ހަދައިގެން މަސައްކަތް މި ކުރަނީ ވެސް." އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ފައިނަލު މެޗަށް ދެ ވަނަ ރެފްރީއެއްގެ ގޮތުގައި އިންސާފު ކުރި ކުނޑި ސަލީމް ވިދާޅުވި އެވެ.

އެތުލީޓުންނާއި ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރާ ފަދައިން ހަރުދަނާ ރެފްރީން އުފެއްދުމަށް މިހާރަށް ވުރެ މާ އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރި އެވެ. ގޭމްސްގެ ރެފްރީންގެ ވާހަކަ އަގުވަޒަން ކުރުން މީގެ ކުރިން އޮތީ ނުކުރެވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކަމަށް އިސް ނެގީ މި މަހު ބޭއްވި އެމްއޯސީގެ ކޮންގްރެސްގަ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރެފްރީންނާއި އޮފިޝަލުންގެ އަގުވަޒަން ކޮށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ އެންމެ އިސްވެރިންގެ ކުރިމަތީގައި އެކަން ފާހަގަ ކުރި އެވެ. އޮލިމްޕިކް ކޮމިޮޓީން ދެކޭ ގޮތުގައި އެއީ ފެށުމެކެވެ. ކުރިއަށް ތަނުގައި ރެފްރީންނާއި އޮފިޝަލުންގެ އަގުވަޒަން ކުރުން އިިތުރަށް ހަރުދަނާ ވެގެން ދާނެ އެވެ.