ދުނިޔޭގެ އެންބާރު ދުވުންތެރިޔާ އުސައިން ބޯލްޓާއެކު ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ހީޓުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވޯލްޑް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ދުވަންޖެހިއްޖެ އެވެ.
އޭނާ އަށް ފުރަތަމަ ބުރުން ޖާގަ ލިބުނީ މިއަދު ހެނދުނު އޮތް ޕްރިލިމިނަރީ ބުރުގައި ދުވެ 10:56 އިން ރޭސް ނިންމައިގެންނެވެ. ސާއިދު ދިޔައީ ރޭހުން ދެ ވަނަ އަށެވެ. ޖުމުލަ 27 ދުވުންތެރިން ވާދަކޮށް ފުރަތަމަ ބުރުން ޖާގަ ލިބުނީ 12 ދުވުންތެރިއަކަށެވެ. މި 12 ދުވުންތެރިންގެ ތެރެއިން ސާއިދު ރޭންކްވީ ހަތަރު ވަނަ އަށެވެ.
ޕްރިލިމިނަރީ ބުރު ނުދުވެ ފުރަތަމަ ބުރުން ޖާގަ ލިބުނު އުސައިން ބޯލްޓަކީ 100 މީޓަރު ދުވުމުން ދެ ފަހަރު ދުނިޔޭގެ ރެކޯޑް ހަދާފައިވާ ދުވުންތެރިއެކެވެ. އޭނާއާއެކު ސާއިދު އެއް ހީޓެއްގައި ދުވަން ނުކުންނާނީ ދުނިޔޭގެ އެނޫން ވެސް މަޝްހޫރު ދުވުންތެރިންނާއެކުގަ އެވެ.
ސާއިދާއި ބޯލްޓް އެއް ހީޓެއްގައި ދުވަން ޖެހުނުއިރު މި ދެ ދުވުންތެރިންގެ ވެސް ކޯޗަކީ މަޝްހޫރު ކޯޗު ގްލެން މިލްސް އެވެ. އެއީ ޖެމެއިކާގެ ހައިޕާފޯމަންސް ސެންޓަރުގައި ދެ ދުވުންތެރިން ވެސް ތަމްރީނު ހަދާފައިވާތީ އެވެ.. އެ ތަމްރީނުތަކާއެކު ސާއިދު ވަނީ މި މަހު ކުރީކޮޅު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ރިހިމެޑަލް ހޯދައިފަ އެވެ.