ސައުތު އޭޝިއަން ގޭމްސް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

އަންހެން ސެމީ ފައިނަލު މެޗުގައި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ސައުތު އޭޝިއަން ގޭމްސްގެ ފައިނަލަށް އިންޑިއާ ދަތުރު ކޮށްފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގެ ސްޕޯޓްސް ކައުންސިލްގެ އިންޑޯ ކޯޓްގައި މިއަދު ކުޅުނު މެޗުގެ ސެޓްތައް އިންޑިއާ ގެންދިޔައީ 25-14، 25-6 އަދި 25-17 އިންނެވެ.

މެޗު ފަށައިގެން ފުރަތަމަ ޕޮއިންޓް ހޯދީވެސް ރާއްޖެއިންނެވެ. އޭގެ ފަހުން ރާއްޖެއިން ޕޮއިންޓެއްގެ ފަރަގުގައި ލީޑެއްވެސް ނެގި އެވެ. ސެޓްގެ ފުރަތަމަ 10 ޕޮއިންޓާ ހަމައަށް ރާއްޖެއިން ދިޔައީ އިންޑިއާ ގާތު ވާދަ ކުރަމުންނެވެ. 10 ވަނަ ޕޮއިންޓާ ހަމައަށް އިންޑިއާއިން އޮތީ ދެ ޕޮއިންޓް ކުރީގަ އެވެ. އޭގެ ފަހުން އިންޑިއާ ޕޮއިންޓްގެ ފަރަގު ފުޅާ ކުރަމުން ގޮސް 13 ޕޮއިޓް ހޯދައި ފަސް ޕޮއިންޓަށް ލީޑް ފުޅާ ކުރި އެވެ. އެއަށް ފަހު ރާއްޖެއިން ޓައިމްއައުޓެއް ނަގި އެވެ، އެހެންނަމަވެސް ޓައިމް އައުޓްގެ ބޭނުމެއް ދިވެހި ޓީމަކަށް ނުކުރެވުނެވެ. އިންޑިއާއިން ދިޔައީ ލީޑްގައި ކުރި އަށެވެ. މެދު ނުކެނޑި ޖެހިޖެހިގެން 11 ޕޮއިންޓް އިންޑިއާއިން ހޯދި ފަހުން ރާއްޖެއިން ނުވަ ވަނަ ޕޮއިންޓް ހޯދި އެވެ. އިންޑިއާއިން އެ ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ.

ފުރަތަމަ ސެޓް އަދި ދެ ވަނަ ސެޓްގައިވެސް އިންޑިއާއިން ގިނަ ޕޮއިންޓްތަކެއް ސްކޯ ކުރީ ރާއްޖޭގެ ކޯޓް މެދަށް ވައްޓާލި ބޯޅަ ތަކުންނެވެ. ދެ ވަނަ ސެޓްގައި އިންޑިއާއިން ޕޮއިންޓް ހޯދައި ލީޑް ފުޅާ ކޮށްލި އެވެ. ރާއްޖެއަށް ފަސް ޕޮއިންޓް ހަމަ ކުރެވުނީވެސް އިންޑިއާ އިން އަށް ޕޮއިންޓްގެ ލީޑެއް ނެގި ފަހުންނެވެ. އިންޑިއާއިން 20 ޕޮއިންޓް ހޯދައި 15 ޕޮއިންޓްގެ ބޮޑު ލީޑެއް ނެގި ފަހުން ރާއްޖެއިން ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓްގެ ބޭނުން ހިފީ އިންޑިއާއިންނެވެ. ރާއްޖެއިން ފަސް ޕޮއިންޓުން މައްޗަށް ހިއްލާލީވެސް އިންޑިއާ 22 ޕޮއިންޓް ހޯދައި ގޭމްބޯލް ޕޮއިންޓާ ދެ ޕޮއިންޓަށް ކައިރި ކުރި ފަހުންނެވެ. އެއަށްފަހު އިންޑިއާއިން އިތުރަށް ތިން ޕޮއިންޓް ހޯދައި 25-6 ން ސެޓް ކާމިޔާބު ކުރި އެވެ. ދެ ވަނަ ސެޓްގައި އެހާބޮޑު ފަރަގެއް އައީ ރާއްޖޭގެ ކުޅުންތެރިންނަށް ނެގޭ ކަހަލަ ބޯޅަތައްވެސް އަތުގައި ޖެހިފައި އެބޯޅަތައް ބޭނުން ނުކުރެވުމުންނެވެ.

ތިން ވަނަ ސެޓްގައި ރާއްޖެއިން ކުޅެމުން ދިޔައީ، ވަރުގަދަ ރޫހެއްގަ އެވެ. ކައިރިކައިރީގައި ލިބެން ފެށި ޕޮއިންޓްތަކުން ކުރީ ކޮޅުގައި އިންޑިއާގެ މައްޗަށް ލީޑްވެސް ނެގުނެވެ. 14 ވަނަ ޕޮއިންޓާ ހަމައިން އިންޑިއާ ލީޑް ނަގައި ކުރިއަށް ޖެހިލި އެވެ. އޭގެ ފަހުން އިންޑިއާއިން ލީޑް ފުޅާ ކުރަމުން ކުރިއަށް ދިޔަ އެވެ. އިންޑިއާއިން އެ ސެޓް ކާމިޔާބު ކުރީ 25-17 އިންނެވެ.

ސެމީ ފައިނަލުން ބަލިވިޔަސް ރާއްޖެއަށް އަދިވެސް މެޑަލްއަކާ ހަމައަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ ތިން ވަނަ ހޮވާ މެޗެވެ. ތިން ވަނަ ހޮވާ މެޗުގައި ވާދަ ކުރަން ޖެހޭނީ ދެ ވަނަ ސެމީ ފައިނަލުގައި ވާދަ ކުރާ ނޭޕާލް އަދި ޝްރީލަންކާގެ ތެރެއިން ޓީމަކާ އެވެ.