ނޭޕާލްގައި މިއަދު ރަސްމީކޮށް މފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އަށް ދީފި އެވެ.
ހައްވައަށް ދިދަ ހާވަލު ކޮށްދެއްވީ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނަރަލް އަހްމަދު މަރުޒޫގް އެވެ. ކަތަމަންޑޫގެ މިލްޓަރީ ވޮލީ ކޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް އާއި ރާއްޖޭގެ ޗެފް ޑިމިޝަން ނިހާދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހައްވައަށް ދިދަ ހަވާލު ކޮށްދެއްވުމަށް ފަހު، މަރުޒޫގް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ގޭމްސްއެއްގައި ވާދަ ކުރާ އެންމެ ބޮޑު ކޮންޓިޖެންޓް ހިމެނޭ ގޭމްސްއަށް މިފަހަރުގެ ގޭމްސް ވެގެންދާނެ ކަމަށެވެ. މިފަދަ ހާއްސަ ގޭމްސްއެއްގައި ހައްވައަށް އެ ޝަރަފް ދޭން ނިންމީ ހައްވަ ދައްކާފައިވާ ކުޅުމާއި އޭނާގެ ލީޑާޝިޕްގެ ސަބަބުންނެވެ. އަދި އެހެން ކުޅުންތެރިން ވެސް އެކަން މިސާލަކަށް ބަލައިގެން މަސައްކަތް ކުރުމަށް ކުޅުންތެރިންގެ ކިބައިން މަރުޒޫގް އެދިވަޑައިގަތެވެ.
"އަހަރެން ޝައްކެއް ނުކުރަން މިހެން ބުންޏަސް ތި ކުދިން މަސައްކަތް ކުރާނެ ކަމާމެދު، ޔަގީން ކުރަން." މަރޭ ވިދާޅުވި އެވެ. ސްޕޯޓްސް ކޮމިޝަނާ ހީނާ ސަލީމް ވިދާޅުވީ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ގައުމީ ދިދަ އުފުލަމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށާއި އެ ފުރުސަތު ވޮލީބޯޅައަށް ލިބުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ހައްވަ ބުނީ، މި ޝަރަފަކީ އޭނާގެ ކެރިއަރުގައި ކުރިއަށްދާން ލިބުނު އިތުރު ސްޓެޕެއް ކަމަށެވެ.
"ހައްސަކޮށް މިއީ ވޮލީއަށް ލިބުނު ޝަރަފެއް،" ދިދަ އާ ހަވާލުވުމަށް ރާއްޖޭގެ މީޑިއާތަކާ ވާހަކަ ދައްކަމުން ހައްވަ ބުންޏެވެ. "އަޅުގަނޑަށް މި ފުރުސަތު ލިބުމުގައި އަޅުގަނޑާއެއްކޮށް ކުޅޭ ކުޅުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް ހިއްސާ ވާނެ."
ކުރިއަށް އަރަންތިބި އާ އެތުލީޓުންނަށްވެސް ހައްވަގެ ހާއްސަ މެސެއްޖެ އޭނާ ދިނެވެ. "މިއީ ވަރަށް ބުރަ މަސައްކަތް ހަމަ ޑިސްޕްލިންއާއެކު މަސައްކަތް ކޮށްފިޔާ ނުވާނެ ކަމެއް ނޫން، ހިްވަރާއެކު މަސައްކަތް ކޮށްފިއްޔާ މިހާހިސާބަށް އާދެވޭނެ."
ގައުމީ ޓީމުގެ މެނޭޖަރު ހާމިދާ އަބްދުލް އަލީމް ވެސް ފާހަގަ ކުރީ އަންހެން ވޮލީބޯޅައަށް ލިބުނު ޝަރަފެވެ. ސަރައްދީ އެންމެ ބޮޑު ގޭމްސްގައި ގައުމީ އަންހެން ޓީމުގެ ކެޕްޓަނަށް ރާއްޖޭގެ ދިދަ އުފުލަން ފުރުސަތު ލިބުން އެއީ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަން އޭނާ ފާހަގަ ކުރި އެވެ.
ހައްވަގެ ކެޕްޓަން ކަމުގެ ދަށުން ގައުމީ އަންހެން ޓީމުން ވަނީ ނިމިދިޔަ ނޮވެމްބަރު މަހު ބަނގުލަދޭޝްގައި ބޭއްވި އޭޝިއާ ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރިހި މެޑަލް ހޯދާފަ އެވެ. ގައުމީ އަންހެން ޓީމަށް ކުރިއަށް އޮތީ ތިން ވަނަ ހޮވާ މެޗެވެ.
އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ބާސްކެޓް ކުޅުންތެރިޔާ އަހްމަދު ޒަބީރު އެވެ.
އިންޑީއާގައި 2016 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިދަ އުފުލީ ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހައްމަދު ބަޓިސް އެވެ. މިފަހަރުގެ ގޭމްސްގައިވެސް ނިންމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާނެ ކުޅުންތެރިޔެއް ފަހުން އިއުލާން ކުރާނެ އެވެ.