މުޒާހަރާ

މުޒާހާރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ރޭ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރިން އެންމެން ދޫކޮށްލައިފި އެވެ.

ރޭގެ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ފަސް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާއިގެ މެންބަރު އަހުމަދު ޝިޔާމާއި އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އަދި ޕީޕީއެމްގެ ކައުންސިލްގައި ހިމެނޭ ތިން މެންބަރެކެވެ.

ފުލުހުން ބުނީ ހައްޔަށް ގެންދިއުމަށް ފަހު އެ އެންމެން ވެސް ރޭގެ ދަންވަރުގެ ވަގުތެއްގައި މިނިވަންކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީގެ އިސް މެންބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ރޭ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވި އެވެ. ނަމަވެސް ގިނަ ބަޔަކު އެއްވެފައި ވަނީ ޗާންދަނީ މަގުން ސީގަލް ހިމެނޭ ސަރަހައްދާ ކައިރިއަށެވެ. އެއްވި އެންމެވެސް ރޭ ވަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސާ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ވެސް އިދިކޮޅު ފަރާތްތައް މާލޭ މަޖީދީ މަގުގަ އާއި އެހެން ދިމަ ދިމާލަށް ބެހިގެން މުޒާހަރާކޮށްފައި ވެ އެވެ.

ޕީޕީއެމް-ޕީއެންސީގެ ކައުންސިލުން ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރަންދެން މާލޭގައި ކޮންމެ ރެއަކު މުޒާހަރާ ކުރާށެވެ. އެ ޕާޓީން ވަނީ އެމަނިކުފާނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބަލައި ނުގަތުމަށް ވެސް ނިންމާފަ އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހުގައިވާ ގޮތުން ކުރިން އެންގުމަކާ ނުލައި މާލޭގައި މުޒާހަރާއެއް ނުވަަތަ އިހުތިޖާޖެއް، މުޒާހަރާއެއް ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެކަންޏެވެ. ހޯމް މިނިސްޓްރީން އޭރު ވަނީ މުޒާހަރާ ކުރެވޭނެ ހަމައެކަނި ތަނަކީ ކާނިވާ ސަރަހައްދު ކަމަށް ކަނޑައަޅައިފަ އެވެ.

މި އިސްލާހު ގެނެސްފައި ވަނީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީން މެދުކެނޑުމެންނެތި މާލޭގައި މުޒާހަރާތައް ކުރަމުން ދިޔަ ދުވަސްވަރެއްގަ އެވެ.