ހަބަރު

އުމަރުގެ މައްސަލައެއް އޭސީސީން ބަލަނީ

Dec 1, 2019
5

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން އުމަރު ނަސީރު ކުށްވެރިންގެ ފައިގައި އެޅުވި ޓެގުތައް ގެނައި ގޮތާ ބެހޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސި) ބަލަން ފަށައިފި އެވެ.

އޭސީސީގެ އޮފީޝަލަކު އަވަސްއަށް ވިދާޅުވީ ހޯމް މިނިސްޓްރީން އޭރު ޓެގުތައް ގެންނަން ބަޔަކާ ހަވާލު ކުރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެ އެވެ.

ނުރައްކާތެރި ކުށްވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވައިގެން އެ މީހުން އުޅޭ ތަންތަން ބަލައި މޮނިޓާ ކުރުމުގެ މަސައްކަތް 2016 ވަނަ އަހަރުގެ ތެރޭގައި ކުރިޔަށް ގެންދިޔަ އެވެ. އެ މަސައްކަތުގައި އިސްކޮށް ހުންނެވީ އުމަރެވެ. އޭރު ވެސް ޓެގުތައް ގެނައުމުގައި ކޮރަޕްޝަން އުޅޭ ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެ ޓެގުތައް ގެނައުމަށް ހަވާލު ކުރި ކުންފުންޏާއި ބިޑުގެ މައުލޫމާތުތަކެއް ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވެފައި ވަނީ ޓެގް ގެނައުމުގެ ބިޑު ހަވާލުކޮށްފައި ވަނީ އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަކަށް ކަމަށާއި އެވޯޑު ކުރުމުގެ ކުރިން އޭސީސީގެ ކްލިއަރަންސް ހޯދާފައިވާ ކަމަށެވެ. އެ މައްސަލައަކީ އެ ސަރުކާރުން ވެސް ބެލި މައްސަލައެއް ކަމަށާއި އާއިލާ އެއްވެސް މީހެއްގެ ހިއްސާ އޮތް ކުންފުންޏެއް ހޯމް މިނިސްޓްރީގެ ބިޑަކަށް ކުރިމަތިލާފައި ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.