ހަބަރު

ހިޔާ ފްލެޓް ލިބުނު މީހުންގެ ގޭގެއަށް ގޮސް ހާލަތު ބަލަނީ

Dec 1, 2019
6

"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ނިންމައިފި އެވެ.

"ހިޔާ" މަޝްރޫއު ގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން އަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ކޮމިޓީގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ، އެކޮމިޓީން ހިޔާ މަޝްރޫއު ގެ ދަށުން ފްލެޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން ގެޒެޓްކުރި އާންމު އިއުލާނެއްގައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން، ހެދުނު 10:00 އާއި ހަވީރު 18:00 އާއި ދެމެދުގެ ވަގުތު ތަކުގައި ކަމަށް ކޮމިޓީން ހާމަކުރައްވާފައިވެއެވެ. މި މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރަމުންގެންދާނީ ރައީސްގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ ދެ މީހުންގެ މައްޗަށް އެކުލެވޭ ޓީމުތަކަކުން ކަމަށް ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން 3010718 ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގަވާނެއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ފަރާތުން ވަނީ އެ ލިޔެކިޔުންތަކާ ހަވާލުވެފައެވެ. ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައީސް ސޯލިހު އެކުލަވާލެއްވި ކޮމިޓީއަށް އެމަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.

މި މަޝްރޫއަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ހާލަތު"، މި ބަޔަށް ރިއާޔަތްކޮށްފައިނުވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި "ހިޔާ މަޝްރޫއު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ހާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައިނުވާކަންވެސް ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.