ހަބަރު

ހިޔާ ފްލްޓްތަކަކީ ބޭކާރު ބޮޑު ހަރަދެއް: ރައީސް

ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކުގެ ނަމުގައި ހަދާފައިވާ ޓަވަރުތަކަކީ ދެކޮޅު ނުޖެހޭ ގޮތަށް ކޮށްފައިވާ ބޭކާރު ބޮޑު ހަރަދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހު ވަނީ މީގެކުރިން ވެސް އެތައް ފަހަރަކު ހިޔާ ފްލެޓް މަޝްރޫއުއަށް ފާޑުވިދާޅުވެފަ އެވެ. ބޭކާރު ކަމެއްގެ ގޮތުގައި މީގެކުރިން ވެސް ސިފަ ކުރައްވާފައިވެ އެވެ. ނަމަވެސް ފްލެޓްތައް ދިނުން ލަސްވެފައިވާތީ އަނެއްކާވެސް އެކަމުގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެތަން ނިންމާ ގޮތަށް ހަމަޖެހިފައިވަނީ މުށި ނުޖަހާ ދޮރުތައް ހަރުނުކޮށް ކަމަށެވެ. އެއީ ވަކިން ކުރަން ޖެހޭ ހަރަދުތަކެއް ކަމަށާއި މަޝްރޫއުގެ އަގުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެކަން ބަދަލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިހާރު ނިންމާފައިވަނީ އެ ހުރި ގޮތަށް އޭގެ ހައްގުވެރިންނަށް ފްލެޓްތައް ދިނުން ކަމަށެވެ.

"ވަރަށް އަވަހަށް އޭގެ ހައްގުވެރިންނަށް އެ ދޭނަން، އެ ހިފަހައްޓައިގެން އަޅުގަނޑުމެން ނުތިބޭނެ، އެކަމަކު އެތަނުގައި މުށްޓެއް ދޮރެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓްތައް ދިނުން ލަސްވެފައިވަނީ ފްލެޓް ދޭން ނިންމާފައިވާ މީހުންނާމެދު ބޮޑެތި ޝަކުވާތަކެއް ހުރުމުން ކަމަށެވެ. އެކަންކަން ބެލުމުގެ މަސައްކަތް ކުރިއަށް ގޮސް 90 ޕަސެންޓް ނިމިފައިވަނިކޮށް ލަސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން ކަމަށެވެ. ދެން އެ މަސައްކަތް ވަރަށް ނިންމައި، ހައްގުވާ މީހުންނަށް ފްލެޓްތައް ދެއްވާނެ ކަމަށެވެ.

"ބޭރަށް ވަރަށް ރީތި، އެކަމަކު އެއީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫނޭ އަޅުގަނޑު މިހާރު ވެސް ދަންނަވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓަވަރެއްގައި 5،000 މީހުން އުޅޭއިރު ހުރީ އެންމެ ތިން ލިފްޓް ކަމަށެވެ. އޮފީސް ނޫނީ ސްކޫލް ގަޑިއެއްގައި އެންމެ އެ ލިފްޓް ބޭނުން ކުރާނީ ކިހިނެއްތޯ ރައީސް ސުވާލު ކުރެއްވިއެވެ. އަދި އެކަންވާނީ ބޮޑު ވޭނަކަށް ކަމަށް ވިދާޅުވިއެވެ.

"އެ އަޅާފައި ހުރި 7،000 ފްލެޓަކީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫނޭ، އެތަން ލިބުނު މީހުންގެ ތެރެެއިން ގިނަ މީހުން އެތަން ދޫކޮށްފައި ނުކުންނާނެ، ދެން އެހެން ގޮތެއް ނެތިއްޔާ ތިބޭނެ އެކަމަކު އެއީ މީހަކު ދިރިއުޅެން ހެވެއް ނުވާނެ،"ރައީސް ވިދާޅުވިއެވެ. "އެތައް އެތައް ކަންތައްތަކެއް އެބަހުރި، އެ ވިދާޅުވަނީ 7،000 ރުފިޔާއަށް އެ ބޭފުޅުންނަށް ދެވުނީހޭ، އެކަމަކު މިހާރު ވެސް އެ ހުރީ ޖެހިފައި ހުރި އަގު، މިހާރު ހުރި ގޮތަށް ދީފިނަމަވެސް 11،000 ރުފިޔާ އެބަ އަރާ، އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެއީ ދެކޮޅު ޖެހޭ ކަމެއް ނޫނޭ،"

މި ސަރުކާރުން ވަނީ ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ބިންގާ އަޅާފަ އެވެ. ނަމަވެސް އަދި އަމަލީ މަސައްކަތެއް ނުފަށަ އެވެ. އަދި އިތުރު މަޝްރޫއުއެއް ވެސް ވަރަށް ފެށިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން އަޅާ ފްލެޓްތައް ވެގެންދާނީ ހެޔޮ އަގެއްގައި ތަނަވަސް ޖާގަ ހިމެނޭ ފްލެޓްތަކަކަށެވެ.