ކުލަ ބޮކިތަކުން މުޅި މާހައުލު އަލިކޮށް، ހަވާގެ އަރުވައި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ރަސްމީކޮށް ނޭޕާލުން ފަށައިފި އެވެ.
ތަނުގެ މިއުޒިކާއި މުޅި ސްޓޭޑިއަމުން ޓޮޗު ކުރަމުން ދިޔަ އަލިން މާހައުލު ކުލަ ކުރި ނަމަވެސް މި ގޭމްސްގެ އިންތިޒާމުތަކަށް ދޭން ޖެހޭނީ ސުމެކެވެ. ސްޓޭޑިއަމްގެ މީޑިއާތަކަށް ކަނަޑައަޅާ ހިސާބަށް އެތެރެ ނުވެވިގެން ރާއްޖޭގެ މީޑިއާ ޓީމު ގަޑިއެއްހާއިރު ވަންދެން އެއް ދޮރުން އަނެއް ދޮރަށް ހިނގަހިނގާ ތިއްބެވެ. ދޮރުއަށިތަކުގެ ސެކިއުރިޓީންނަށާއި ވޮލެންޓިއަރުންގެ ގޮތުގައި ތިބި ނޭޕާލްގެ އޮފިޝަލުންނަށް މިޑީއާ އާ މެދު ވާންވީ ކިހިނެއް ކަމެއް ނޭންގެ އެވެ. ދިވެހި މީޑއާ ޓީމު އެއް ދޮރުން އަނެއް ދޮރަށް ހިނގަހިނގާ ތިބީ އެވެ. މީޑިއާއަށް ކަނޑައެޅިފައިވާ ހިސާބަށް ދާންވެސް ރާއްޖޭގެ މީޑިއާ ޓީމަށް ވަންނަން ޖެހުނީ މާ ދުރު ގައި ހުރި ގޭތަކުންނެވެ.
ސްޓޭޑިއަމަށް ވަދެވުނު ނަމަވެސް އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދަކީ ކޮބައިކަން އޮފިޝަލުންނަށް ދައްކައި ދެވުނީ އެތައް އިރެއް ފަހުންނެވެ. ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ނޭޕާލްގެ އެންމެ ބޮޑު ސްޓޭޑިއަމް ދަސްރަތު ރަންގަސާލާ ސްޓޭޑިއަމްގައި އިންތިޒާމުތައް ހުރީ މިހާވަރަށެވެ.
"މިއީ ސައުތު އޭޝިއަން ގޭމްސް އުފަންވި ބިން، އަދި މިއީ 1999 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުވެސް ބޭއްވި ވެނޫ،" ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރަށް ދިގު ދެމިގެން ދިޔަ ހަފުލާގައި ވާހަކަ ދެއްކެވި ސައުތު އޭޝިއަން ގޭމްސްގެ އިންތިޒާމުގެ މައި ކޮމިޓީގެ ރައީސް އަދި ނޭޕާލްގެ ސްޕޯޓްސް މިނިސްޓަރު ޖަގަތު ބަހާދުރު ސަނާ ވިދާޅުވި އެވެ.
ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ ގޭމްސް 1984 ވަނަ އަހަރު ބޭއްވީ ނޭޕާލްގަ އެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ވެސް މި ގޭމެސް ނާޕާލުން ހޯސްޓް ކުރި އެވެ. މިއީ ނޭޕާލުން ގޭމްސް ހޯސްޓް ކުރާ ތިން ވަނަ ފަހަރެވެ. ތިން ވަނަ ފަހަރުން ވެސް ނޭޕާލަށް މިކަން ކުރަން ދަަހެއް ނުވި އެވެ. ގޭމްސްގެ ފުޓްބޯޅައިގެ އިވެންޓަށް ގެންސްފައިވާ ކުއްލި ބަދަލުން އެކަނިވެސް ނޭޕާލްގެ އަހަމިއްޔަތުކަން ގޭމްސްއާ މެދު މާބޮޑަށް އޮތް ކަމަކަށް ނުދައްކަ އެވެ.
ގުރު ނެގި ފަހުން އިންޑިއާގެ ފިރިހެން ޓީމު މުބާރާތުން ވަކިވުމުން ކުއްލިއަކަށް މުޅި ފޯމެޓް ބަދަލުކޮށް ރެސްޓެއް ނެތި ކުޅޭ ގޮތަށް ލީގް އުސޫލަށް ފެއްޓި އެވެ. ރާއްޖެ އާއި ޝްރީލަންކާ އެކަމަށް ނުރުހުން ފާޅު ކުރި އެވެ. މިއަދު ބޭއްވި ޕްރީ ޓޯނަމަންޓް ޕްރެސް ކޮންފަރެންސްގައިވެސް ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗް ޕީޓާ ޝެގަޓް އާއި ލަންކާގެ ކޯޗް ފަކީރު އަލީވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ފުޓްބޯޅައިގެ ޕްރީ ޓޯނަމަންޓް ޕްރެސްއަށް ދަނޑަށް ގޮސް އެތައް ރޫމަކަށް ވަންނަން ޖެހުނެވެ. ޕްރެސް ކޮންފަރެންސް އޮތް ރޫމަކީ ކޮބައިކަން ބުނެދޭކަށް ދަނޑުގައި ތިބި އޮފިޝަލުންނަކަށް ނޭންގެ އެވެ.
"ދަނޑަށް އައިސް 15 މިނެޓް ވެއްޖެ ޕްރެސް އޮތް ތަނެއް ބަލަން،" ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ޕްރެސް އައިސް ބުނީ މިހެންނެވެ.
ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ކަވަރުކުރަން އައިސްތިބި ބަންގުލަދޭޝްގެ ނޫސްވެރިން ވެސް ފާހަގަ ކުރީ އެކަންތަކެވެ. އިންތިޒާމުތައް ދަށް ވާހަކަ އެވެ. މުޅި ގޭމްސްގެ އިންތިޒާމްގައި ބަދަހިކަން ނެތުމުން އެއް ގުނަން އާއި އަނެއް ގުނަންގެ މުއާސަލާތު ގެއްލިފައިވާ ކަމަށް ބަންގުލަދޭޝްގެ ނޫސްވެރިޔާ ވެސް ފާހަގަ ކުރި އެވެ.
ގޭމްސްއަށް ނޭޕާލް އެންމެ ފުރިހަމައަށް ތައްޔާރު ނުވުމުން އޭގެ އުނދަގޫ އެހެން ގައުމުތަކުގެ އެތުލީޓުންނަށް ވެސް ކުރިމަތި ވެއެވެ. ގޭމްސްއަށް އަމާޒުކޮށްގެން ރާއްޖޭގެ ޓީމުން ދުރާލައި ތައްޔާރު ނުވާ މައްސަލަ މިދިޔަ މަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އެނައުލް ކޮންގްރެސްގައި ވެސް ފާހަގަ ކުރި އެވެ. އެކަމަށް ޖަވާބު ދެމުން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ވިދާޅުވީ މި ގޭމްސްއަށް އަމާޒުކޮށްގެން ދުރާލައި ތައްޔާރުވާން ނޭންގޭނެ ކަމަށެވެ. އެކިފަހަރުމަތިން ލަސް ވަމުން އައިސް ތިން ފަހަރަށް ގޭމްސްގެ ތާރީހް ބަދަލު ކުރިކަން މަރުޒޫގް ފާހަގަ ކުރި އެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތާރީހް ކަނޑަނޭޅި ނޭޕާޅުން އެއް އަހަރު ހޭދަ ކުރި އެވެ. ފުރަތަމަ ބާއްވަން ކީ މި ދިޔަ އަހަރުގެ ޑިސެމްބަރަށެވެ. އެއަށް ފަހު މި އަހަރު ޖެނުއަރީއަށެ ޖެނުއަރީން ސެޕްޓެމްބަރަށް ފުރޮޅު އެންމެ ފަހުން ސިއްކަ ޖެހުނީ ޑިސެމްބަރު މަހަށެވެ.
މިއަހަރު ރާއްޖެއިން ވާދަ ކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތިޒާމުތަކާއި މިހާރު ސައުތު އޭޝިއަން ގޭމްސްގެ އިންތިޒާމުތަކާ މެދު އަޅާ ކިޔާނެ ޖާގައެއް ނެތެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިންތިޒާމުތަކަށް ތައުރީފް ކުރި ފުޓްބޯޅަ ޓީމުގެ ކޯޗް ޝެގަޓް ވެސް ފާހަގަ ކުރީ ނޭޕާލްގެ އިންތިޒާމްތަކުގެ މައްސަލަ އެވެ. ހާއްސަކޮށް ފުޓްބޯޅަ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯމެޓަށް އޭނާ ފާޑު ކިޔުން އޮއްސާލި އެވެ.
"ނޭޕާލްގެ މީހުން ވަރަށް ރަނގަޅު، ވަރަށް ހިތް ހެޔޮ ބައެއް އެކަމަކު މި މުބާރާތުގެ އިންތިޒާމުތަކުން ނޭޕާލްގެ މީހުންގެ ކިބައިން އެފެންނަ ރަނގަޅު ކަމެއް ނުފެނޭ،" މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުންޏެވެ.
ގޭމްސްގެ އޮގަނައިޒިން އިންތިޒާމު ދަށް ނަމަވެސް ހަފުލާ ކުލަ ގަދަ އެވެ. ނޭޕާލްގެ ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ގޭމްސް ރަސްމީކޮށް ފައްޓަވައި ދެއްވީ ނޭޕާލްގެ ރައީސް ބިދުޔާ ދެވީ ބަންދާރީ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވެ.