ރިޕޯޓް

އުންމީދު އޮތީ ރަސްދޫ މަޑިވަރު ފިނޮޅަށް!

ރަސްދޫ މަޑިވަރު ފިނޮޅުން: ނާޒިމް ހަސަން
Dec 2, 2019
4

ހިމާޔަތް ކޮށްފައިވާ ސަރަަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ އއ. ރަސްދޫ މަޑިވަރު ފިނޮޅު ސަރަހައްދަކީ އެ އަތޮޅަށް ވެސް ޖަވާހިރެއް ފަދަ ތަނެކެވެ. ގުދުރަތީ ގޮތުން މުއްސަނދި، ހިތްގައިމު މާހައުލެކެވެ. އެތައް ބައެއްގެ މަންޒިލެކެވެ. އެ ސަރަހައްދާ ގުޅޭ ބޮޑު އުއްމީދެއް ގާތުގައި އޮތް، ރަސްދޫއަށް އޮތީ އެހެންވެ އެވެ.

އއ. އަތޮޅުގައި ވެރިކަން ކުރާ ރަސްދޫއަކީ މިހާރު ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ފައްކާވަމުން އަންނަ ރަށެކެވެ. ގިނަ ގެސްޓް ހައުސްތަކެއް ހުޅުވަމުން ދާއިރު ސީދާ ރައްޔިތުންގެ ޖީބަށް ދަނީ ޑޮލަރު ވަމުންނެވެ. އެ ރަށަށް ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑަށް ބޭނުން ކުރާ ވަސީލަތަކީ ރަސްދޫ މަޑިވަރު ފިނޮޅު ސަރަަހައްދެވެ.

ރަސްދޫ އާއި ފަޅު ރަށެއް ކަމަށްވާ މަޑިވަރު ދެމެދަށް އޮންނަ ރަސްދޫ މަޑިވަރު ފިނޮޅަކީ ވަރަށް ރީތި ފިނޮޅެކެވެ. ދޮންވެލީގެ ހުދުކަމާއި މީދުގެ ވިލުކަން ވަރަށް ޗާލެވެ. އެތަން ވަށައިގެން ސާފިން ޕޮއިންޓްތަކާއި ޑައިވިން ޕޮއިންޓްތައް ފުނި ޖެހިފަ އެވެ. މިއަށްވުރެ ބޮޑު ނަސީބެއް އޮންނާނެ ހެއްޔެވެ؟

ރަސްދޫއިން ފުރައިގެން 10 މިނެޓެއްހާއިރު ތެރޭގައި ރަސްދޫ މަޑިވަރު ފިނޮޅާ ހަމައަށް އާދެވޭއިރު އެ ރަށް އޮތީ އެންވާރަމެންޓް މިނިސްޓްރީގެ ދަށުގަ އެވެ. ނަމަވެސް ރަށް ބެލެހެއްޓުން މިހާރު ވަނީ ރަސްދޫ ކައުންސިލާ ހަވާލު ކޮށްފަ އެވެ.

އެހެން ނަމަވެސް ރަސްދޫ މަޑިވަރު ފިނޮޅު ޕްރޮމޯޓް ކުރުން ފިޔަވައި މާބޮޑު ކަމެއް ކައުންސިލަށް ނުކުރެ އެވެ. ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި ކައުންސިލްގެ ބަޖެޓް ނެތުމުން ފިނޮޅު ބަލަހައްޓައި ރީތިކޮށް ބޭއްވުމަށް އެއްވެސް ކަމެއް ނުކުރެވެ އެވެ.

"ކައުންސިލުން ބޭނުން ވަނީ މި ފިނޮޅު ބަލަހައްޓަން މުވައްޒަފުން ނަގައިގެން މި ތަން ރީތިކޮށް ބާއްވަން، މި ތަނަށް އަންނަ މީހުންނަށް ހިދުމަތްތައް ވެސް ލިބޭނެ ގޮތެއްވުން،" އަނިލް ވިދާޅުވި އެވެ.

ކައުންސިލްގެ އެދުމަކީ އަދި އުއްމީދަކީ ރަސްދޫ މަޑިވަރު ފިނޮޅަށް ކައިރި ރިސޯޓްތަކުންނާއި ގެސްޓްހައުސްތަކުން އަންނަ ޓޫރިސްޓުންގެ އަތުން ފީއެއް ނެގުން ކަމަށް އަނިލް ވިދާޅުވި އެވެ. އޭރަށް ރަސްދޫއަށް އެކަމުން އާމްދަނީ ލިބި، ފިނޮޅު ބެލެހެއްޓުމުގެ ހަރަދު ވެސް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން ހުއްދަ ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި ފިނޮޅާ ޖެހިގެން އޮންނަ، ފަޅު ރަށް، މަޑިވަރު މެނޭޖް ކުރާނެ ގޮތަކާމެދު ޕްލޭނެއް ހެދުމުގެ މަސައްކަތް އެންވާރަމެންޓް މިނިސްޓްރީއާއެކު ކޮންމެ ވެސް ވަރަކަށް ދަނީ ކުރަމުންނެވެ. އެ ފަޅު ރަށަކީ މިހާރު އަތޮޅުގައި އޮތް ހަމައެކަނި ފަޅު ރަށެވެ.

އެހެންވެ، އަތޮޅުގެ ރައްޔިތުން ވެސް ޕިކްނިކް ހަދާލަން ދާން އޮތް ހަމައެކަނި ރަށަކީ އެވެ. ފިނޮޅުން މަޑިވަރަށް ޑިންގީއެއްގައި ދުއްވާލައި މާގިނަރުތަކެއް ނުވެ އާދެ އެވެ. މަޑިވަރަކީ ކުޑަ ގާމަތީ ރަށެކެވެ. ދިވެހިންނަށް ޕިކްނިކް ރަށަކަށް އެ ރަށް ކަމުދާނެ އެވެ. އެކަމަކު، ޓޫރިސްޓުންގެ ހިތް ފުރޭނީ ރަސްދޫ މަޑިވަރު ފިނޮޅުންކަން ޔަގީނެވެ.

އަތޮޅުގެ ރައްޔިތުންނާއި ޓޫރިސްޓުންގެ ޕިކްނިކް ސްޕޮޓަށް އެ ސަރަހައްދުވެފައިވާއިރު މާލެއިން ދަތުރު ހަދައިގެން އެ ތަނަށް ދާ މީހުން ވެސް މަދެއް ނޫނެވެ. ވިލު ނޫކުލައިގެ މޫދުގައި "ރަސްދޫ މަޑިވަރު ފިނޮޅު" ޖަހާފައިވާ އުނދޯންޏަކީ މިހާރު މުޅި ރާއްޖެއަށް ވެސް މަޝްހޫރު އުނދޯންޏެކެވެ. އެހެންވީއިރު އެތަނާ ގުޅިފައިވާ ރަސްދޫގެ ކައުންސިލްގެ އުއްމީދު ހާސިލްވެގެން ދިޔުމަކީ އަނިލްގެ މިހާރުގެ އެންމެ ބޮޑު އުންމީދެވެ.